ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝްގެ ޕްރެސް ކައުންސިލް އެކްޓް 1974 އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކެއްގެ ދަށުން، އެ ގައުމުގެ ނޫސްވެރިންނަށް ޚާއްސަ ތައުލީމީ ފެންވަރެއް ކަނޑައެޅުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

ބުރާސްފަތި ދުވަހު ބަންގްލަދޭޝްގެ ޕާލިމެންޓުގައި ވާހަކަފުޅު ދައްކަވަމުން އެ ގައުމުގެ އިންފޮމޭޝަން މިނިސްޓަރު އަންދަލީބު ރަހުމާން ވިދާޅުވީ، މި ބަދަލުތަކުގެ ސަބަބުން ބާ ކައުންސިލެކޭ އެއްފަދައިން ނޫސްވެރިން ރަޖިސްޓްރީކޮށް، ގައުމީ ފެންވަރުގެ ޑޭޓާބޭސްއެއް ބެލެހެއްޓުމުގެ ބާރު ޕްރެސް ކައުންސިލަށް ލިބިގެންދާނެ ކަމަށެވެ.

މި އިސްލާހުތަކުގެ ދަށުން، ދޮގު ހަބަރުތަކާއި، އަޑުތައް ފެތުރުމާއި، ނަފްރަތު އުފެއްދުމާއި އަދި ގޯސްކޮށް މައުލޫމާތު ފެތުރުން ފަދަ އަމަލުތައް ހިންގާ ނޫސްވެރިންނާއި، އެޑިޓަރުންނާއި އަދި ޝާއިއުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ޕްރެސް ކައުންސިލަށް ލިބޭނެއެވެ.

މީގެ ތެރޭގައި ޖޫރިމަނާ ކުރުން ފަދަ ފިޔަވަޅުތައް ހިމެނޭނެ ކަމަށް އެ ގައުމުގެ ސްޓޭޓް މިނިސްޓަރު އޮފް އިންފޮމޭޝަން ޔާސިރު ޚާން ޗައުދުރީ ވިދާޅުވިއެވެ.

މި ބަދަލުތައް ގެނައުމަށްޓަކައި، ހަގީގީ ނޫސްވެރިން ދެނެގަތުމަށް ބޭނުންވާ މިންގަނޑުތައް އެކުލަވާލުމަށްޓަކައި ބަންގްލަދޭޝްގެ ނޫސްވެރިންގެ ޖަމިއްޔާތަކާ ގުޅިގެން މަޝްވަރާތައް ކުރަމުންދާކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު