ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ފަށާފައިވާ ޤައުމީ ބޮޑު މަޝްރޫޢުގެ ދަށުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ޤާއިމުކުރާ ޒަމާނީ "ގްރީން ނާސަރީ" ގެ ޢަމަލީ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާކަން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށާއި، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ރާއްޖެ ފެހިކުރުމުގެ މަތިވެރި މަޤްޞަދުގައި ސަރުކާރުން ފަށްޓަވާފައިވާ މުހިންމު އިސްނެންގެވުމެކެވެ. އެގޮތުން، ޗައިނާ ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު ތަރައްޤީކުރާ މި ނާސަރީގެ ޢިމާރާތްކުރުމުގެ އެންމެހައި މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް، ހުއްޓުމެއްނެތި ކުރިއަށްދާކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

މިނިސްޓްރީން ވިދާޅުވި ގޮތުގައި، މި ނާސަރީ ވެގެންދާނީ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ ލަނޑުދަނޑި ޙާޞިލުކުރުމަށް ބޭނުންވާ ތަފާތު ވައްތަރުގެ ގަސްގަހާގެއްސާއި، ވަކިން ޚާއްޞަކޮށް ރާއްޖޭގެ މާޙައުލާ ގުޅޭ ދިވެހި ރުއްގަހާއި، ނެތިދިއުމުގެ ބިރުހީވެފައިވާ ގަސްތައް އާލާކޮށް ދިރުވުމަށް އެޅިގެންދާ ވަރަށް މުހިންމު ބިންގަލަކަށެވެ.

"މި މަޝްރޫޢު ފުރިހަމަވެގެން ދިއުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ބޭނުންވާ ގަސްތައް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެއެވެ. މީގެއިތުރުން، މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ދެ ޤައުމުން ގުޅިގެން ކުރަމުންދާ މަސައްކަތުގެ އަގުހުރި ނަތީޖާއެކެވެ." މިނިސްޓްރީން ބަޔާންކުރިއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށާއި، ފެހި ވެއްޓެއް ޤާއިމުކުރުމަށްޓަކައި މި ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ވަރަށް ކާމިޔާބު މަސައްކަތެކެވެ. ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ތިމާވެށީގެ ދާއިރާއިން ރާއްޖެއަށް ކުރިއެރުން ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަޞައްވުރު މިފަދަ ޢަމަލީ މަސައްކަތްތަކުން ވަރަށް ފުރިހަމައަށް ރަމްޒުވެގެންދެއެވެ. ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކަށް ހޭނިފައިވާ، ޤުދުރަތީ ވެށީގެ ރީތިކަން އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ވާސިލުކޮށްދޭނެ ފެހި، ޗާލު ޤައުމަކަށް ހެދުމެވެ.



ކިޔުންތެރިންގެ ހިޔާލު