މަރްޔަމް ނަހްދާ ވަޙީދު   14 ނޮވެމްބަރު 2026 - 10:52
"މަޖުނޫނު" ގެ ޕޯސްޓަރެއް
"މަޖުނޫނު" ގެ ޕޯސްޓަރެއް
އޮލިމްޕަސް ސިނަމާގައި މިހާރު އެންމެ ބާރަށް ހިނގަމުންދާ ކާމިޔާބު ދިވެހި ފިލްމު "މަޖުނޫން" ގެ މިސްރާބު ފަހު ޝޯތަކާ ދިމާއަށް ޖަހާފައިވާކަން އެ ފިލްމުގެ ޓީމުން ހާމަކޮށްފިއެވެ.

ކުޅަދާނަ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ ކޮންމެ ފިލްމަކީވެސް އަބަދުވެސް އޮލިމްޕަހުގައި ބޮޑު ތާރީޚެއް ލިޔެލާ އުފެއްދުންތަކެކެވެ. މިއީ އަހަރުތަކެއް ކުރީއްސުރެ އެންމެންވެސް ދަންނަ ބޮޑު ހަގީގަތެކެވެ. އެގޮތުން މިހާތަނަށް ނަހުލާގެ ކޮންމެ ފިލްމެއްވެސް 30 ޝޯއަށްވުރެ މައްޗަށް، 100 ޕަސެންޓު ހައުސްފުލްކޮށް ވަނީ ދައްކާފައެވެ. އޭގެ ތެރެއިންވެސް "ޔޫސުފް" އަދި ދާދި ފަހުން ގެނެސްދިން "ސޮރީ" ފާހަގަކޮށްލެވެނީ 50 ޝޯ ހައުސްފުލްކޮށް ދެއްކި ފިލްމުތަކުގެ ގޮތުގައެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) ގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، އޮލިމްޕަސް ސިނަމާގައި އެންމެ ގިނަ އަދަދަކަށް ޝޯ ދައްކައި، އަދި ހުރިހާ ޝޯއެއް ހައުސްފުލްކުރި ފިލްމުގެ ލަގަބުވެސް ހޯދާފައިވަނީ "ސޮރީ" އެވެ. މިއިން ދަލީލުކޮށްދެނީ "ނަހުލާ" މި ބްރޭންޑަށް ދިވެހި ސިނަމާގެ ބެލުންތެރިން ކުރާ ފުރިހަމަ އިތުބާރެވެ. އަދި އޮލިމްޕަހުން މި ފިލްމުތައް ބަލާލަން ބޭނުންވާ މީހުން އެކަނިވެސް 50 ޝޯއަށްވުރެ ގިނައިން ތިބި ކަމެވެ.

ނަމަވެސް، މިފަހަރުގެ ހާލަތު ތަފާތެވެ. މިހާރު އޮލިމްޕަސް ސިނަމާގައި ފިލްމު ދެއްކުމަށް ކޮންމެ ފިލްމަކަށްވެސް ލިބެނީ އެންމެ 30 ދުވަހުގެ މުއްދަތެކެވެ. އެހެންކަމުން، އޮލިމްޕަހުގެ ބޮޑު ސްކްރީނުން މި ފިލްމު ބަލަން ބޭނުންވެފައި ތިބި އެތައް ހާސް ބަޔަކަށް އެ ފުރުސަތު ނުލިބި، "މަޖުނޫން" މިވަނީ ސްކްރީނުން ވަކިވެގެންދާން މަޖުބޫރުވެފައެވެ.

ކޮންމެ ރެޔަކު ރަސްމީކޮށް ދައްކާ 8:30 ގެ ޝޯތަކުގެ އިތުރުން، ހަފްތާއަކު އެއް ރޭ ދަންވަރު ދައްކާ ޝޯ އަދި ހަވީރުގެ ޝޯތަކާއެކު، މިހާރު މިވަނީ 32 ވަނަ ޝޯގެ ޓިކެޓު ވިއްކަން ފަށާފައެވެ. އަދި ފިލްމުގެ މިސްރާބު މިހާރު ހުރީ އޮލިމްޕަހުގެ ސްކްރީން ދޫކޮށްލުމަށެވެ.

މިއީ ފިލްމު ބަލަން ކެތްމަދުވެފައި ތިބި އަދި ފިލްމު ކަމުގޮސްގެން 3 ނުވަތަ 4 ފަހަރަށް ބަލަން ނިޔަތްގަނެގެން ތިބި ބެލުންތެރިންނަށް ލިބުނު ވަރަށް ހިތާމަވެރި ޚަބަރެކެވެ. ސަބަބަކީ މިފަހަރު ތަކުރާރުކޮށް ފިލްމު ބަލާލުމުގެ ފުރުސަތު ނުލިބޭތާނގައި، ޓިކެޓް ނުނަގައި ލަސްކޮށްފިނަމަ އެންމެ ފަހަރަކުވެސް މި ފިލްމު ބަލައިނުލެވިދާނެތީއެވެ. އެހެންކަމުން ފިލްމުގެ ޓީމުން އިލްތިމާސްކުރަނީ، ވީ އެންމެ އަވަހަކަށް ޓިކެޓް ނަގައިގެން ފަހު ޝޯތަކުގެ ފުރުސަތު ހޯދުމަށެވެ.



ކިޔުންތެރިންގެ ހިޔާލު