ބޮލީވުޑްގެ އެކްޓަރު ޝަރަދު ކަޕޫރު
ބޮލީވުޑްގެ އެކްޓަރު ޝަރަދު ކަޕޫރު
އާންމުވި ވީޑިއޯއަކާ ގުޅިގެން، މާލީ ގޮތުން ދަތި ހާލުގައި އުޅެމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ބޮލީވުޑްގެ އެކްޓަރު ޝަރަދު ކަޕޫރު ދޮގުކޮށްފިއެވެ.

ޝަރަދު ބުނި ގޮތުގައި އޭނާ ގެންގުޅޭ ޖަނަވާރުތައް އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓުނީ ފަޔަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ. އަދި އޭނާއަށް މާލީ އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، މި ވަގުތު އެދެނީ ފިލްމީ ދާއިރާއިން ރަނގަޅު ފުރުސަތުތަކެއް ލިބުން ކަމުގައި އޭނާ ފާހަގަކުރިއެވެ.

އެކްޓަރު އަދި ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަޔާ ބަޓާޗާރްޔާ ވަނީ ޝަރަދުއާ ބައްދަލުކުރުމަށްފަހު އިންސްޓަގްރާމްގައި ވީޑިއޯއެއް ހިއްސާކޮށްފައެވެ. މި ވީޑިއޯގައި ވާހަކަދައްކަމުން ޝަރަދު ވަނީ، އޭނާއަށް އެކަށީގެންވާ ފުރުސަތުތަކެއް ހޯދައިދިނުމަށް ފިލްމީ ދާއިރާގެ އެކި ފަރާތްތަކަށާއި ސިންޓާ (ސިންޓީއޭއޭ) އަށް ގޮވާލާފައެވެ.

އޭނާ ބުނީ އޭނާއަކީ ހުނަރުވެރި އެކްޓަރެއް ކަމަށާއި، މާލީ މައްސަލައެއް ނެތް ނަމަވެސް އެންމެ ބޮޑު އެދުމަކީ އަލުން ފިލްމީ މަސައްކަތްތަކަށް ނުކުތުން ކަމަށެވެ.

ސިއްހީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަމުން ޝަރަދު ހާމަކުރި ގޮތުގައި، އޭނާގެ ފަޔަށް އަނިޔާވީ ބާސެލޯނާގައި ފުޓުބޯޅަ ކުޅެން އުޅުމުގެ ތެރޭގައެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އެއްކޮށް ފަސޭހަވާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށާއި، ޖެނުއަރީ މަހުގެ ތެރޭގައި މަސައްކަތަށް ނުކުމެވޭނެ ކަމަށް އޭނާ ބުންޏެވެ. އަދި ނެޓްފްލިކްސް ފަދަ އޯޓީޓީ ޕްލެޓްފޯމްތަކުގެ މަސައްކަތްތަކުގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި ކަމަށްވެސް އޭނާ ހާމަކުރިއެވެ.

މި މައްސަލަ ފެންމަތިވީ، އެޗްޑަބްލިއު ފައުންޑޭޝަނުން ޝަރަދު އޭނާގެ ގޭގައި ކުއްތާތަކަކާއެކު އޮށޯވެގެން އޮތް މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކުރުމާ ގުޅިގެންނެވެ. އެ ވީޑިއޯއިން ގޭތެރެ ވަރަށް ބޮޑަށް ހަޑިވެ ބޮއްސުންލާފައިވާ މަންޒަރު ފެނެއެވެ.

ނަމަވެސް ޝަރަދުގެ ގާތް އެކުވެރިއެއް ކަމަށްވާ ހެމާ ސިންގް ވަނީ، ޝަރަދަށް މާލީ ދަތިކަމެއް ނެތް ކަމަށާއި، އޭނާ ދިރިއުޅެމުންދަނީ އަމިއްލަ 3 ކޮޓަރީގެ އެޕާޓްމަންޓެއްގައި އަނބިމީހާއާއި އަލަތު ދަރިފުޅާއެކު ކަމަށް ބުނެފައެވެ. އަދި ގޭތެރެ ހަޑިވާން މެދުވެރިވި ސަބަބަކީ، ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން ޖަނަވާރުތައް ރަނގަޅަށް ނުބެލެހެއްޓުމުން ކަމުގައި ހެމާ ވަނީ ސާފުކޮށްދީފައެވެ.

އޭގެ ފަހުން ޝަރަދު ވަނީ އޭނާގެ ރުހުމުގައި އެ ކުއްތާތައް ވަގުތީގޮތުން ބެލެހެއްޓުމަށް ހެމާއާ ހަވާލުކޮށްފައެވެ. 1994 ވަނަ އަހަރުން ފެށިގެން ބޮލީވުޑްގައި މަސައްކަތްކުރަމުން އަންނަ ޝަރަދު ކަޕޫރު އެންމެ ފަހުން ފެނިިގެން ގޮސްފައިވަނީ 2022 ވަނަ އަހަރު ނެރުނު ފިލްމު 'ނޯ މީންސް ނޯ' އިންނެވެ.





ކިޔުންތެރިންގެ ހިޔާލު