ބްރެޒިލްގެ މަޝްހޫރު ފުޓުބޯޅަ ލެޖެންޑް ރޮނާލްޑީނިއޯ
ބްރެޒިލްގެ މަޝްހޫރު ފުޓުބޯޅަ ލެޖެންޑް ރޮނާލްޑީނިއޯ
ބްރެޒިލްގެ މަޝްހޫރު ފުޓުބޯޅަ ލެޖެންޑް ރޮނާލްޑީނިއޯ، ފުޓުބޯޅަ ކުޅުން ހުއްޓާލިތާ 11 އަހަރު ފަހުން އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައުމަކީ "ވަރަށް ރީތި" ކަމެއް ކަމަށް އޭނާ ބުނެފިއެވެ.

އުމުރުން 46 އަހަރުގެ ރޮނާލްޑީނިއޯ އެނބުރި އަންނަނީ އިޓަލީގެ ތިންވަނަ ޑިވިޝަން (ސެރީ ސީ) ގެ ކުލަބެއް ކަމަށްވާ ރަވެންނާއަށެވެ. އަދި އަންނަ އާދީއްތަ ދުވަހު ފޯލީއާ ދެކޮޅަށް ކުޅޭ ލޯކަލް ޑާބީ މެޗުގައި އޭނާ ކުޅޭނެއެވެ.

އެންމެ ފަހުން 2015 ވަނަ އަހަރު ބްރެޒިލްގެ ފްލުމިނެންސޭއަށް ކުޅުނު ރޮނާލްޑީނިއޯ ސްކައި ސްޕޯޓްސްއަށް މަޢުލޫމާތު ދެމުން ބުނީ، އޭނާ ބޭނުންވަނީ މި ޚާއްޞަ ދުވަސް ވަރަށް ފުރިހަމައަށް ހޭދަކުރާށެވެ.

ރަވެންނާގެ ރައީސް އިގްނާޒިއޯ ސިޕްރިއާނީގެ އަމާޒަކީ އެ ކުލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އިޓަލީގެ ފުރަތަމަ ޑިވިޝަން (ސެރީ އޭ) އަށް ކުލަބު ޕްރޮމޯޓް ކުރުމެވެ. ރޮނާލްޑީނިއޯ ބުނީ ކުލަބުގެ ރައީސް ދެކޭ މި ބޮޑު ހުވަފެނުގައި ބައިވެރިވުމަކީ އޭނާއަށް ލިބޭ އުފަލެއް ކަމަށެވެ.

މި މެޗަށް ރަވެންނާގެ 5،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްގެ ހުރިހާ ޓިކެޓެއް މިހާރު ވަނީ ވިކި ހުސްވެފައެވެ. އަދި މި ޚާއްޞަ މެޗަށްޓަކައި 1،800 މީހުންގެ ޖާގައިގެ ވަގުތީ ސްޓޭންޑެއް ހަދައި، އެތަނަށް "އާރް10" ގެ ނަމުން ވަނީ ނަންދީފައެވެ. 2008 ވަނަ އަހަރަށްފަހު އިޓަލީގެ ދެވަނަ ޑިވިޝަން (ސެރީ ބީ) ގައި ވެސް ކުޅެފައިނުވާ ރަވެންނާ މިވަގުތު އޮތީ ސެރީ ސީ ގެ ގްރޫޕްގެ ދެވަނައިގައެވެ.

2005 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު (ބެލޮންޑޯ) ހޯދި ރޮނާލްޑީނިއޯ ބުނީ، ފުޓުބޯޅައިގައި އޭނާ ދުށް ހުރިހާ ހުވަފެނެއް ޙާޞިލުވެއްޖެ ކަމަށާއި، މިހާރު އުމުރުން 46 އަހަރު ވެފައިވާއިރު މިއީ މުޅިން ތަފާތު ތަޖުރިބާއެއް ކަމަށެވެ.

އޭނާގެ ކެރިއަރުގައި މިހާތަނަށް 299 ގޯލު ޖަހާފައިވާއިރު، މި މެޗުގައި ކެރިއަރުގެ 300 ވަނަ ގޯލު ޖެހުމަކީ އޭނާގެ ބޮޑު އުންމީދެކެވެ. ރޮނާލްޑީނިއޯ ރަވެންނާއާ ގުޅުމަކީ މާކެޓިންގ ސްޓަންޓެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި ނަމަވެސް، ކުލަބުގެ ރައީސް އުންމީދުކުރަނީ މީގެ ސަބަބުން ކުލަބު ސެރީ އޭ އަށް ގެންދިއުމަށް ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު