ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" ރަސްމީކޮށް އިފްތިތާހުކުރުމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" ރަސްމީކޮށް އިފްތިތާހުކުރުމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްވަނީ
ދިވެހިންގެ އިސްލާމްވަންތަކަމާއި ދިވެހިވަންތަކަމުގެ ހަގީގީ ބިންގަލަކީ އެކަކު އަނެކަކަށް އިހުތިރާމާއި ގަދަރުކުރުން ކަމުގައި އަބަދުމެ ދެކެންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރުކާރުން އަލަށް ފެށި "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" ރަސްމީކޮށް އިފްތިތާހުކުރުމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވީހިނދު، ކޮންމެ މީހެއްގެ ވެސް ލެޔާއި، މުދަލާއި، އަބުރު ރައްކާތެރިކުރުމަކީ އެންމެންގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ. އަދި އެއްވެސް ފަރުދެއްގެ ކަރާމާތާއި ގަދަރަށް އުނިކަމެއް ލިބިދާނެ އެންމެހައި ކަންކަމުން އެންމެހައި ރައްޔިތުން ރައްކާތެރިވެ ތިބުމަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މީގެއިތުރުން، މުޖުތަމައުގެ ތެރޭގައި ފެތުރެމުންދާ ނޭދެވޭ ސިފަތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެކަކު އަނެކަކަށް އިހާނެތިކޮށް ހިތުމާއި، މަލާމާތްކުރުމާއި، ހުތުރު ވަނަންތަކުން މުހާތަބުކުރުމުގެ އިތުރުން އަނެކުން ދަށުދަރަޖައަކަށް ވައްޓާލުމުގެ ނުބައި އާދަތަކުން ދުރުހެލިވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ހަމައެއާއެކު، ޣީބަބުނުމާއި އާޑަފުރައްސާރަކުރުން ފަދަ އިސްލާމީ ރިވެތި އަހުލާގާ ފުށުއަރާ އަމަލުތަކާ އެއްކިބާވުމަށްޓަކައި، މިއަދަކީ ވަރުގަދަ އަޒުމެއް ކަނޑައަޅަންވީ ދުވަސްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު