އިންޓަރޕޯލްގެ ވީޑިއޯއިން ކެޕްޗަރ ކޮށްފައި.
އިންޓަރޕޯލްގެ ވީޑިއޯއިން ކެޕްޗަރ ކޮށްފައި.
އިންޓަނެޓްގެ ޒަރީއާއިން ލޯބީގެ ގުޅުންތައް ގާއިމުކޮށްގެން ހިންގާ އޮޅުވާލުންތައް ނުވަތަ "ރޮމޭންސް ސްކޭމް" ތަކާ މެދު އާންމުން ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިކަމަށް އިލްތިމާސްކޮށްފައިވަނީ އިންޓަޕޯލްއިން ކުރިއަށްގެންދާ ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއްގެ މެސެޖު މީސްމީޑިއާގައި ހިއްސާކުރަމުންނެވެ. ފުލުހުން ބުނީ، ސްކޭމްކުރާ މީހުން އާންމުންގެ އިތުބާރު ހޯދުމަށް އެތައް މަހެއް ވަންދެން ވާހަކަދައްކައި ގިނަ ވަގުތުތަކެއް ހޭދަކުރާ ކަމަށެވެ.

މިފަދަ ކަންކަން ހިންގާ ފަރާތްތަކުން ޝިކާރައަކަށް ހަދާ މީހުންނާއެކު މަސްތަކެއް ވަންދެން ޗެޓްކޮށް، ފޮޓޯ ދައްކައި އަދި އަޑު އިއްވައިގެންވެސް އިތުބާރު ހޯދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ޒަމާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކޮށްގެން އަސްލާއި އެއްގޮތަށް ފޮޓޯއާއި، ވީޑިއޯ އަދި އަޑު އުފައްދައިގެން އޮޅުވާލާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"ނަމަވެސް ކުއްލިއަކަށް އެމީހަކު ފައިސާއަށް އެދެފާނެއެވެ. ލޯބީގެ ނަމުގައި އޮޅުވާލާ މީހުން، ތިޔަބޭފުޅުންގެ އިތުބާރު ހޯދުމަށްޓަކައި މަސްތަކެއް ވަންދެން މަސައްކަތް ކުރެއެވެ." ފުލުހުން ބުނެފައިވެއެވެ.





ހަމައެއާއެކު ފުލުހުން ވަނީ، އިންޓަނެޓުން ދިމާވި މީހަކު، ކިތަންމެ ގާތްކޮށް އުޅުނު ކަމުގައި ވިޔަސް، ފައިސާއަށް ނުވަތަ އަމިއްލަ މައުލޫމާތަށް އެދެފިނަމަ ހުށިޔާރުވެ މަޑުޖެހިލުމަށް އިލްތިމާސް ކޮށްފައެވެ. އަދި ފައިސާ ފޮނުވުމުގެ ކުރިން ނުވަތަ މައުލޫމާތު ހިއްސާކުރުމުގެ ކުރިން، އެއީ ކާކުކަން ރަނގަޅަށް ކަށަވަރުކުރުމަށާއި، މަކަރާއި ހީލަތެއް ކަމަށް ޝައްކުކުރެވޭނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓް ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

"މަޑުކުރާށެވެ. ކަށަވަރުކުރާށެވެ." ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިހެން ބުނެފައިވާއިރު، ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރު އެކަނިވެސް ސްކޭމްގެ 1،700 އެއްހާ މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އަދި މިފަދަ މައްސަލަތަކުގައި 16 މިލިއަން ރުފިޔާ ގެއްލިފައިވާއިރު، ސޯޝަލް މީޑިއާއާ ގުޅުންހުރި ސްކޭމްތައް މި އަހަރު 109 އަށް އަރާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް