އައިޝަތު ސުނީޒާ
އައިޝަތު ސުނީޒާ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)ގެ ކާގޯ ކްލިއަރެންސް ޑިޕާޓްމަންޓަކީ ރާއްޖެއަށް އަންނަ މުދާ ސަލާމަތާއި ރައްކާތެރިކަމާއެކު ދުވަހުން ދުވަހަށް ދޫކުރުމުގެ މައިގަނޑު ޒިންމާ ހަވާލުވެފައިވާ ޑިޕާޓްމަންޓެވެ. މިމަސައްކަތުގައި އެމް.ޕީ.އެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގެ، ކާގޯ ކްލިއަރެންސް ޑިޕާޓްމަންޓްގައި އެންމެ އިސް ދައުރެއް އަދާކުރާ ބޭފުޅަކީ އައިޝަތު ސުނީޒާ އެވެ.



މީގެ 24 އަހަރު ކުރިން 1 ޖެނުއަރީ 2002ގައި އެމް.ޕީ.އެލްގެ ކާގޯ ކްލިއަރެންސް ޑިޕާޓްމަންޓްގެ ކްލާކެއްގެ މަގާމުން މަސައްކަތް ފެށި ސުނީޒާއަކީ މަސައްކަތަށް ފަރުވާތެރި މުވައްޒަފެކެވެ. ސުނީޒާގެ ބުރަ މަސައްކަތާއި ލިބުނު ތަޖުރިބާގެ ފުރުސަތުތަކާއެކު މިއަދު އޭނާއަކީ އެމް.ޕީ.އެލްގެ އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި ކޮންޓެއިނަރ ފްރައިޓް ސްޓޭޝަން (ސީއެފްއެސް) ޔުނިޓުގެ ޔުނިޓް ހެޑެކެވެ.



ސުނީޒާ ބުނީ އުފުލަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތުގެ ގޮތުން އޭނާގެ މަސައްކަތަކީ 24 ގަޑިއިރު "އެލާޓް"ގައި ހުންނަންޖެހޭ މަސައްކަތެއް ކަމަށެވެ. އަދި މަސައްކަތުގައި ތެދުވެރިވެ ފަރުވާތެރިވާންޖެހޭ ޖެހޭ ކަމުގައި ބުންޏެވެ.

"އަޅުގަނޑުގެ މަސްއޫލިއްޔަތަކީ ދުވަހުން ދުވަހަށް ކްލިއަ ކުރަންޖެހޭ ކޮންޓެއިނާތައް ކްލިއަކުރުމުގައި އަޅުގަނޑުގެ ޓީމުން މަސައްކަތް ކުރާ ގޮތް ބަލައި މޮނިޓަރކުރުމާއި، ދޯންޏަށް ބަރުކުރަންޖެހޭ ކޮންޓެއިނާތަކާއި ގުދަނުން ކްލިއާ ކުރާ ކޮންޓެއިނާތަކާއި، ޖެހިގެން އަންނަ ދުވަހަށް ކްލިއާކުރަންޖެހޭ ކޮންޓެއިނާތައް އެ ކޮންޓެއިނާތައް ހުންނަންޖެހޭ ތަންތަން ބަލައި މޮނިޓާކޮށް އެކަންތައްތައް ރާވައި އިންތިޒާމުކުރުން،" ސުނީޒާ ބުންޏެވެ.

އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި ކުރިން މަސައްކަތް ކުރުމަށްފަހު، ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލަށް ސުނީޒާ ބަދަލުވީ 2022 ވަނަ އަހަރު އެވެ.

ސުނީޒާ ގަބޫލުކުރާ ގޮތުގައި މަސައްކަތުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެމް.ޕީ.އެލްގެ ހުރިހާ ބަނދަރަކަށްވެސް ދިމާވެފައިވާ ޖާގައިގެ ދަތިކަމެވެ. މުދާ ކުލިއަރ ކުރުމުގައި ލަސްކަމެއް ދިމާވާނަމަ އެ މައްސަލަ ދިމާވަނީ ޖާގައިގެ ދަތިކަމުގެ ސަބަބުން ކަން އޭނާ ފާހަގަކުރި އެވެ. އެކަމަކު އަބަދުވެސް މަސައްކަތް ކުރަނީ ވީހާވެސް އަވަހަށް މުދާ ކުލިއަރކޮށް ފުރިހަމަ ޚިދުމަތެއް ކަސްޓަމަރުންނާއި ޕާޓްނަރުންނަށް ދިނުމަށް ކަމަށް ބުންޏެވެ. ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގެ މައިގަނޑު އޮޕަރޭޝަން ތިލަފުށީގައި ތަރައްޤީކުރަމުންދާ ބަނދަރަށް ބަދަލުކުރުމާއެކު ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި ޚިދުމަތްތައް އަވަސްވެގެންދާނެ ކަމުގެ ޔަގީންކަން ސުނީޒާ ދެއްވި އެވެ.



"ތިލަފުށްޓަށް މި އޮޕަރޭޝަންތައް ބަދަލުވުމާއެކު އިންގިލާބީ ބަދަލެއް އަންނާނެ. ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން މިހާރު ދުވާލަކު 12 ނުވަތަ 16 ދޯންޏަކަށް މިއެރުވެނީ 60 އާއި 70 ވަރަކަށް ކޮންޓެއިނަރ. މިއަދަދުތައް ތިލަފުށީގައި އެތައް ގުނަ އިތުރުވާނެ،" ސުނީޒާ ބުންޏެވެ.



ސުނީޒާ ފާހަގަކުރެވެނީ އެމް.ޕީ.އެލްގައި މަސައްކަތް ކުރާ އަންހެން ބޭފުޅުން މަދު ދުވަސްކޮޅެއްގައި އެ ކުންފުންޏާ ގުޅި، ރަނގަޅު ނަތީޖާއެއް ނެރެދިން މުވައްޒަފެއްގެ ގޮތުގައެވެ. ސުނީޒާ ބުނި ގޮތުގައި އޭނާ އެމްޕީއެލްއާ ގުޅުނުއިރު ކާގޯ ޑިޕާޓްމަންޓްގައި އޭރު ތިބީ އެންމެ ފަސް އަންހެން މުވައްޒަފުންނެވެ. މުޅި ކުންފުނީގައި އޭރު ތިބީ ގާތްގަނޑަކަށް 40 އަންހެން މުވައްޒަފުން ކަމަށްވެސް ބުންޏެވެ. އެކަމަކު މިއަދު އެމްޕީއެލްގެ މައިގަނޑު ހުރިހާ ޑިޕާޓްމަންޓެއްގައި އެކި ލެވަލްތަކުގައި މަސައްކަތް ކުރާ އަންހެން ބޭފުޅުން ތިބުމަކީ ސުނީޒާއަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެކެވެ.

"މިކަމުން އެނގެނީ އަންހެން ކުދިން މިދާއިރާއިން ކުރިއަށް ދިއުމަށް ޝައުގުހުރިކަން. އެއީ އަޅުގަނޑު ވަރަށް ފަޚުރުވެރިވާ ކަމެއް. އަންހެނަކަށް ޕޯޓް ދާއިރާއަކީ ޗެލެންޖިން ވަޒީފާއެއް. އެކަމަކު ފުރުސަތުތައް ގިނަ، ކުރިއަށް ދެވޭނެ ދާއިރާއެއް،" ސުނީޒާ ބުންޏެވެ.

އެމް.ޕީ.އެލްގައި ހޭދަވި ދިގު މުއްދަތުގައި ސުނީޒާގެ އެންމެ ޚާއްސަ ހަނދާނަކީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއެވެ. އެ ދުވަހުގެ ހެނދުނު މާލޭގެ ވިޔަފާރި ބަނދަރުގައި ހުއްޓާ، ސުނާމީ އަރައިގެން އައި ވަގުތުގެ ހަނދާން އާކުރަމުން ސުނީޒާ ބުނީ އެއީ ވަރަށް ބޮޑަށް ޖެހިލުންވެ ބިރުވެރިކަމެއް އިހްސާސްވި ހާއްސަ ވަގުތުކޮޅެއް ކަމަށެވެ.

"އަޅުގަނޑު ފޯމެއް ފުރަން ހުއްޓާ ފައި ދަށުން ފެންގަނޑެއް ކުއްލިއަކަށް ބޮޑުވާތީ ބަލާލިއިރު މުޅި ގުދަނާ އެއްކޮށް ފެންބޮޑުވެފައި އޮތީ. އެވަގުތު ސީދާ ވެގެން މިއުޅޭ ގޮތެއް ނޭނގުނު. އެކަމަކު ކޮންމެވެސް ބޮޑު ކަމެއް ކަމަށް ބެލެވޭތީ ވަރަށް ބޮޑަށް ޖެހިލުންވި،" ސުނާމީގެ ހަނދާންތައް ހިއްސާކުރަމުން ސުނީޒާ ބުންޏެވެ.

ސުނީޒާ ވަނީ މަސައްކަތުގައި ކުރިއަށް ދިއުމަށް ބޭނުންވާ ވަރަށް ގިނަ އިންހައުސް ޕްރޮގްރާމުތައް ފުރިހަމަކޮށްފަ އެވެ. މީގެއިތުރުން މެލޭޝިއާގައި ޕޯޓް މެނޭޖުމަންޓް ޓްރެއިނިންވެސް ފުރިހަމަކޮށްފައިވެ އެވެ.

އެމްޕީއެލްގެ ހަރަދުގައި ހައްޖަށް ދިއުމަށް ފުރުސަތު ލިބުނު މަދު މުވައްޒަފުންގެ ތެރޭގައި ހިމެނި އޭނާ ވަނީ ހައްޖުގެ މަތިވެރި އަޅުކަންވެސް ފުރިހަމަކޮށްފަ އެވެ.



އައިޝަތު ސުނީޒާ މަސައްކަތުގައި. ފޮޓޯ: އެމްޕީއެލް


ސުނީޒާ ބުނީ އޭނާގެ ވަޒީފާގެ މުޅި ކެރިއަރ އެމް.ޕީ.އެލްގައި ހޭދަކޮށްފައިވާތީ ވަޒީފާއެއްގައި ކުރިއަށް ދާން ބޭނުންވާ ކޮންމެ މީހަކަށްވެސް އެމްޕީއެލްއަކީ އެންމެ ރަނގަޅު އެއް ފުރުސަތު ކަމަށެވެ.

"ވަކިން ޚާއްސަކޮށް ޒުވާނުންނަށް އަޅުގަނޑު ދަންނަވާނީ އެމްޕީއެލްއަކީ ފުރުސަތުތައް ގިނަ ތަނެކޭ. ޒުވާނުން ކިޔަވައިގެން އެމްޕީއެލްއާ ގުޅި ކުރިއަށް ދާށޭ. އެމްޕީއެލްއަކީވެސް ކިޔެވުމާއި ހުނަރު ތަރައްގީކުރަން ފުރުސަތުވެސް ދޭ ކުންފުންޏެކޭ" ސުނީޒާ ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު