ދުނިޔޭގެ މާލީ އިދާރާތަކުގެ ދިރާސާތައް ދައްކާގޮތުން، ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދަށް އެންމެބޮޑަށް ލޮޅުންއަރާނެ ޤައުމެއްގެ ގޮތުގައި ރާއްޖެ ފާހަގަކޮށްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކޯވިޑް 19 ބަލިމަޑުކަމާއި ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ރައްޔިތުންނާ މިޚާޠަބު ކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ މި ރޯގާގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ހީނަރުކަމެއް މިހާރުވެސް އަތުވެއްޖެ ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދަށްވެސް ވަރަށް ބޮޑު ހީނަރުކަމެއް އަންނަމުން ދާކަމުގައި ރައީސް ވިދާޅުވިއެވެ.

"މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް، ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރާ އަޅައިބަލާއިރު، 22.8 އިންސައްތަ ދަށަށް ހިނގައްޖެ. އަދި ޖަނަވަރީ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 161740 ބެޑްނައިޓް ކެންސަލްވެއްޖެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިހާރު ހަދާފައި ހުރި ބުކިންގތައް ކެންސަލްވަމުންދާ ނިސްބަތަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރާ އަޅައި ބަލާއިރު، 12 އިންސައްތައާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށްދާނެ ކަމަށް ލަފާކުރެވޭ ކަމުގައި ރައީސް ވިދާޅުވިއެވެ. ސަރުކާރުން ކުރިން އަންދާޒާ ކޮށްފައި އޮތީ، މި އަހަރުގެ ފަތުރުވެރިކަން، 8 އިންސައްތަ ކުރިއަރާނެ ކަމަށެވެ.

"އަޅުގަނޑުމެން އަންދާޒާކޮށްގެން މިތިބީ، މިއަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި، ޖީ.ޑީ.ޕީ ކުރިއަރާނެ ކަމަށް. ނަމަވެސް ކޯވިޑް19ގެ ސަބަބުން، އިޤްތިޞާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތައާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި،" ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ބަދަލުގެ ސަބަބުން، މި އަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެކަމަށް ލަފާކުރި ޢަދަދަށްވުރެ، 2.1 ބިލިއަން ރުފިޔާއާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް، މިހާރު އަންދާޒާ ކުރެވޭ ކަމުގައެވެ.

"މި ދަތިތައް ކުރިމަތިވިޔަސް، މާތް ﷲގެ ވާގިފުޅާއެކު ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް، ހުއްޓުމެއް އަޔަނުދިނުމަށް. ރާއްޖޭގެ އެއްވެސް ރަށަކުން ކާޑުގެ ބާވަތްތައް، އިރާދަކުރެއްވިއްޔާ ހުސްނުވާނެކަމުގެ ޔަޤީންކަން ދެން. އެސް.ޓީ.އޯ އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހްގެ ވާހަކަފުޅުގައި ރާއްޖެއަށް ބޭނުންވާ ބޭހުގެ ސާމާނުވެސް ދަތިކަމެއްނެތި ލިބޭނެ އިންތިޒާމުތައް މިހާރު ހުރީ ހަމަޖެހިފައެވެ. އަދި ރާއްޖެއަށް ތިން މަސްދުވަހަށް ފުދޭ މިންވަރަށް، ބޭހުގެ އެހީ ފޯރުކޮށްދޭނެ ކަމަށް އަވަށްޓެރި އިންޑިޔާއިން މިހާރު ވަނީ ޔަޤީންކަން ދީފައިކަމަށވެސް ރައީސް ވިދާޅުވިއެވެ. "ޕްރޮފެޝަނަލް ޑޮކްޓަރުންގެ ޓީމެއް ފޮނުވުމަށްވެސް އިންޑިޔާއިން ވަނީ ނިންމާފައި. އޭގެ އިތުރުން، ރަޙްމަތްތެރި އެހެން ޤައުމުތަކުންވެސް، ކޯވިޑް19އާ ދެކޮޅަށް ރާއްޖެއަށް އެހީތެރިވެދޭނެ ކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި." ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ކޯވިޑް19ގެ ނުރައްކާތެރިކަން ރާއްޖޭގައި އޮތް ކަމުގައިވިޔަސް، ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން ޤަޞްދުނުކުރައްވާ ކަމުގެ ޔަގީންވެސް ރައްޔިތުންނަށް ދެއްވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ، ރާއްޖޭގައި މިހާރު ފަށާފައިވާ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް މެދުކަނޑާނުލައި ކުރިއަށް ގެންދަންކަމަށާއި ތަރައްޤީގެ މަޝްރޫޢުތައް މިހާރުވެސް ރޭވިފައި ހުރިގޮތަށް ކުރިއަށްދާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ނަމަވެސް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ބައެއް ފިޔަވަޅުތައް އަޅަން ސަރުކާރުން މިހާރު ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން ސަރުކާރުން ހިންގާ ޕީ.އެސް.އައި.ޕީ.ގައި ނުހިމެނޭ ޚަރަދުތައް ކުޑަކުރަން މިހާރު ނިންމާފައިވާކަމަށާއި ސަރުކާރުން ކުރާ ދަތުރުތަކާއި، މުއައްސަސާތަކުން ކުރަންޖެހޭ މަރާމާތާއި، އެފަދަ ބައެއް ޚަރަދުތައްވެސް މިވަގުތަށް ކުޑަކޮށްލާފައިވާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން