ޒުހައިރު   8 ޑިސެމްބަރު 2020 - 21:11
އައްޑޫ ސިޓީއަކީ އަބަދުވެސް ސިޔާސީ ބޭފުޅުން އެބޭފުޅުންގެ އަމިއްލަ ސިޔާސީ އެޖެންޑާ ހާސިލު ކުރުމަށް ވަރަށް ފައްކާ ކޮށްފައި އޮންނަ ސިޓީއެކެވެ.

މިގޮތަށް މިހެން ބުނަންޖެހޭ ސަބަބުތައް ކިތައްމެ ގިނަ ނަމަވެސް އެއީ ހަގީގަތްކަން ދަންނަ މީހުން އައްޑޫގައި ވަރަށް މަދުވާނެ އެވެ. އައްޑޫގެ ހުރިހާ ކަމެއް ގުޅި ލާމެހިފައި އޮންނަނީ ސިޔާސީ ފިކުރު ތަރައްގީ ކުރުމުގެ މައްޗަށެވެ. ވާދަވެރި ޕާޓީ ނިޒާމު ރާއްޖޭގައި ގާއިމުވި ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް އައްޑޫގެ ގޭބިސީ އާއިލާ ތެރޭވެސް އުފެދޭ އެންމެ ބޮޑު ހިތްހަމަ ނުޖެހުން ކުރިމަތިވާނީ އެސަބަބާ ހުރެއޭ ބުނުމަކުން މުޅިން ދޮގަކަށް ނުވާނެއެވެ. އެއްގެއެއްގައި އުޅޭ އިރުވެސް ސިޔާސީ ފިކުރުގެ ސަބަބުން ވާހަކަ ނުދެކެވި ދުވަސްތައް ގުނަމުންދާ ޢާއިލާތައް އައްޑޫ ގައި ތިބިކަމީ ހަގީގަތަކެވެ.

އައްޑޫގެ ކުރިމަގަށް އެއްވެސް ޕްލެޓްފޯމެއްގައި ބަޔަކު ވަކާލާތު ކުރިނަމަވެސް ކުރިމަގުގެ ވާހަކަ ދެއްކުމަށް ވުރެން ގިނަވާނީ ސިޔާސީ ފިކުރު އިސްކޮށްގެން ވާހަކަ ދައްކާ މީހުންނެވެ. އެހެން ކަމުން ރާއްޖޭގެ އެހެން ސަރަހައްދު ތަކުގެ އެންމެންވެސް މިބުނަނީ އައްޑޫ މީހުންނަކީ ސިޔާސީ ގޮތުން އެންމެ ބޯގަޅި މީހުން ކަމަށެވެ. ސިޔާސީ ގޮތުން އެކަށީގެންވާ ރަނގަޅު ހަރުދަނާ މީހެއްވެސް އައްޑޫގައި ނެތްކަމަށް ބުނެއުޅެއެވެ.

ސިޔާސީ ހުރިހާ ބޭފުޅުންވެސް އައްޑޫ ވަރެއް ނެތިގެން ވާހަކަ ދައްކަވާނެއެވެ. ތިރީސް އަހަރުގެ ޒަޢާމަތެއް ނިއްވާލެއްވި ބޭފުޅާ އެމަނިކުފާނުގެ މުޅި ޒަޢާމަތުގައި އައްޑޫގެ ކަންކަން ހަރުދަނާ ކުރުމަށް އެތަކެއް ވާހަކައެއް ދެއްކެވިއެވެ. އެންމެ ގިނައިން ވިދާޅުވީ އައްޑޫ ރައްޔިތުންނަކީ ޢިލްމީ ވަރަށް ޤާބިލު ބޭފުޅުން ގިނަ އަތޮޅެއް ކަމަށެވެ. އެމަނިކުފާނު އައްޑޫ އާއި ބެހޭގޮތުން ކޮންމެ ވާހަކައެއް ވިދާޅުވިޔަސް މިބަސްފުޅު ބޭނުން ކުރެއްވިއެވެ. ނަމަވެސް އައްޑޫގެ ކުރިމަގަށް އެމަނިކުފާނުވެސް މާބޮޑު ކަމެއް ކޮށެއް ނުދެއްވައެވެ. ދަރިންގެ މުސްތަގުބަލައްޓަކައި އައްޑޫ ރައްޔިތުންނަށް މަޖުބޫރުވި އެންމެ ކަމަކެވެ. ވަޒަން ދޫކޮށް މާލެ ބަދަލުވެ، މާލެ އާރާސްތު ކުރުމުގެ މަސައްކަތް ފެށުމެވެ.

ފޮނި އުއްމީދުތަކެއް އައްޑޫ ރައްޔިތުން ކުރިނަމަވެސް އެއުއްމީދުތައް އަބަދުވެސް އޮންނަނީ ކަރުދާސް ތަކެއްގައި ލިޔެވިފައެވެ. އައްޑޫ މީހުންނަކީ ވަރަށް ގަދަ ބަޔެކޭ ބަޔަކު ވިދާޅުވުމުމާއެކު އައްޑޫ މީހުންނަށް ތަސައްލީ ލިބި ހިތްހަމަ ޖައްސާލައެވެ. މީގެ މަންފާ ސިޔާސީ ބޭފުޅުން ކިތައްމެހާވެސް ރަގަޅަކަށް ނަންގަވައެވެ. އަދިވެސް އައްޑޫގެ ޙާލަތު އޮތީ ހަމަ އެއޮތް ގޮތުގައެވެ.

ދިގު ޒަޢާމަތުގެ ވެރިކަން ނިމެމުން އައިއިރު ދެން އިވެންފެށިއަޑަކީ އައްޑޫގައި ވަރަށް ޑިމޮކްރެޓިކް، ވަރަށް ވިސްނޭ އަދި އެހާމެ ކެރޭ ބައެއް އުޅޭ ކަމުގެ އަޑެވެ. ދުލާއި ގަލަމުގެ މިނިވަންކަމުގެ ބާނީންނަކީ އައްޑޫ މީހުންކަމަށް ވެގެން ދިޔައެވެ. އަދި ލާމަރުކަޒު ދަންނަ ހަމަ އެކަނި ބަޔަކީވެސް އައްޑޫ މީހުން ކަމުގައި ވެގެން ދިޔަތަން ފެނުނެވެ. އެހިސާބުން އައްޑޫގައި ސިޔާސީ ހަރަކާތް އުތުރި އެރީ އިންތިހާއަށެވެ. ވެރިކަން ފޮރޮޅާލުމުގެ އެންމެ އިސް ދައުރެއް އަދާކުރަން ތިބީ އައްޑޫ ރައްޔިތުންނެވެ. މިކަން ނުދަންނަ ދިވެއްސަކު މަދުވާނެއެވެ. ނަމަވެސް އައްޑޫގެ މުސްތަގުބަލު އޮތީ ހަމަ ބަރަވެލި ދުވެލީގައެވެ. އެހެން ހުރިހާ ސަރަހައްދެއް އެދަނީ ރޮކެޓް ސްޕީޑުގައި ފައްކާ ވަމުންނެވެ.

ޑިމޮކްރެޓިކް ބާނީގެ ޒަޢާމަތުގައި އައްޑޫގައި ސާކްސަމިޓް ބާއްވަން ގިނަ ޚަރަދުތައް ކުރެވިގެން ދިޔައެވެ. ފިލްމެއްގެ ސެޓިންގއެއް ތައްޔާރުވާހެން އެސަމިޓް ބާއްވަން އެތައް ސަތޭކެ މިލިޔަނުން ރުފިޔާ ޚަރަދު ކޮށްލިއެވެ. އައްޑޫ ރައްޔިތުންނަށް ލިބުނު އުފާވެރިކަން އިންތިހާއަށް މައްޗަށް ދިޔައެވެ. މަދު ބަޔަކަށް މަންފާ ލިބިގެން ދިޔަ ކަމުގައި ވިޔަސްވެސް އުމްރާނީގޮތުން ގިނަކަންތައްތައް ކުރެވުނެވެ. ޕާޓީގެ ކުދިންކޮޅު ހަމަޖައްސާލަން ބައިވަރު ފައިސާ ތިޔާގިވެގެން ދިޔަކަމީ ހަގީގަތަކެވެ. ނަމަވެސް އޭގެ ފަހުންވެސް އައްޑޫގެ އިގްތިސާދީ ޙާލަތު ހަމަ ކުރިއެކޭ އެއްގޮތަށް ބަދަލުވިއެވެ. އެހެނަސް އައްޑޫ މީހުން ހަމަ ތިބީ ޕާޓީގެ ކުރިމަގައްޓަކައި ހިތްހަމަ ޖައްސާލައިގެންނެވެ.

ވެރިކަމުގެ ކަންކަން ދިޔަގޮތުން ކަމަށް ބުނެ ބަޔަކު ނިކުމެ މުޒާހަރާ ކުރަންފަށާ، ދުވަސް ކޮޅަކުން ވެރި މީހާ އިސްތިއުފާ ދެއްވާ އެއްފަރާތަކަށް ޖެހިލުމާއެކު ދެން ވެރިކަން ކުރި ބޭފުޅާއަށް ބާޣީގެ ލަގަބު ލިބިގެން ދިޔައެވެ. މަނީ މަނީ ޔެސް ސރ ފަދަ އިބާރާތް ތައް އައްޑޫގެ ފާރު ތަކުގައި ލިޔެވެން ފެށިއެވެ. ފުލުހުންނާ މެދު ހިތްހަމަ ނުޖެހުނެވެ. އައްޑޫ އިދާރީ ގޮތުން ހިންގަން ބޭނުން ކުރެވުނު އިމާރާތްތައް އަންދާ ލެވުނެވެ. އެތައް ބައެއްގެ ޙައްޤު ލިޔެވިފައި ހުރި ހުރިހާ ލިޔެކިޔުމެއް އަނދާ އަޅިއަށް ވެގެން ދިޔައެވެ. އެކަންވެސް ކުރީ ހަމަ އައްޑޫ ރައްޔިތުން އަމިއްލަ އަތުންނެވެ.

ބާޣީ ވެރިކަމޭ ބުނި ވެރިކަން ނިމުމާއެކު ދެން އިންތިޚާބުވި ވެރިކަންވެސް އައްޑޫ މީހުން ބަލައެއް ނުގަތެވެ. ކައުންސިލާއި ސަރުކާރުގެ މިސްރާބު ހުރީ ދެމިސްރާބަކަށެވެ. އަހަރުމެން ޕާޓީ ވެރިކަމަށް އައި ދުވަހަކުން އައްޑޫ ތަރައްގީ ކުރަން އައްޑޫ ޕާކްކޮށް ބޭއްވިއެވެ. މިކަމުގެ ފުރިހަމަ ފައިދާ ސަރުކާރުން ނެންގެވިއެވެ. ސަރުކާރުން ވިދާޅުވީ ކައުންސިލުން އެއްބާރުލުން ނުދޭކަމަށެވެ. ކައުސިލުން ބުނަމުން ދިޔައީ ލާމަރުކަޒީ ބާރުތައް ނިގުޅައިގަތް ކަމަށެވެ.

އެވެރިކަން ފެށުމާއެކު ދެން އިވެންފެށީ އައްޑޫއަކީ ދެކުނުގެ ފަތުރުވެރި ކަމުގެ މައިގޭޓް ކަމަށެވެ. އައްޑޫގައި އިގްތިސާދީ ކަންކަން ދެންމެ ދެންމެ އަކު ހިނގައި ގަންނަ ޒާތުގެ ހިތްގައިމު ވާހަކަ އިވެން ފެށިއެވެ. ރޮކެޓް ސްޕީޑުގައި އައްޑޫ ތަރައްގީކޮށް ނިންމާލާނެ ކަމުގެ ފޮނި ހުވަފެން ދެއްކިއެވެ. އިގްތިސާދީ ކުރެހުންތަކުން މީސްމީޑިއާ ފުރާލިއެވެ. އިންޓަގްރޭޓެޑް ގެސްޓް ހައުސްގެ ވާހަކައެވެ. ރިސޯޓުތައް އުފައްދާ ވާހަކައެވެ. ނަމަވެސް ކައުންސިލުން އެއްބާރުލުން ނުލިބިގެން ކަންކަން ދިޔައީ ތޮޅިއަށް ކަމަށް ރައްޔިތުންނަށް ބަޔަކު ވިސަނާ ދިނެވެ.

ސަރުކާރުން ކުރަން ބޭނުން ކޮންމެ ކަމެއް އެކި ސަރަހައްދު ތަކުގައި ކުރަމުން ދިޔައެވެ. ކައުންސިލްގެ ވާހަކައެއް ނުދައްކައެވެ. ކައުންސިލުން އެއްބާރުލުން ނުދިންނަމަވެސް ސަރުކާރުން ބޭނުންނަމަ އިގްތިސާދީ ތަރައްގީ އައްޑޫއަށް ގެނެވުނީހެވެ. އެކަމެއް ނުކުރެވުނެވެ. އައްޑޫ އެއަރޕޯޓު އެކަށީގެންވާ ގޮތެއްގައި ނުހިނގައެވެ. ސަބަބު އެންމެނަށްވެސް އެނގެއެވެ. އެހެނަސް އެކަމަށް ވާހަކަ ދައްކާ އެކަން ކުރާނެ ބަޔަކު ނެތެވެ. އައްޑޫ މެމްބަރުންނަށްވެސް އެކަމުގެ ވާހަކަ ދައްކާ ނުލެވުނެވެ. ހަގީގަތަކީ ތަނެއްގެ އިގްތިސާދު ރަނގަޅުވާނީ އެތަނަކަށް އެތެރެވާ ފައިސާ ގިނަވެގެންނެވެ. އެހަރަކާތެއް އައްޑޫގައި ނެތެވެ.

މުޅިން ދައްކަނީ އެއަރޕޯޓު ނުހިނގާ ވާހަކައެވެ. ގޭދޮށު މަސް ފެކްޓްރީ ވާހަކައެވެ. ނުވަތަ ގެސްޓްހައުސް ނޭޅިގެން އުޅޭ ވާހަކައެވެ. ހަގީގަތަކީ އައްޑޫ އަކީ ވަސީލަތްތައް މަދު ތަނެކެވެ. އެވަސީލަތް ގާއިމު ކުރުމަށް ބަސްބުނާނެ މީހަކު ނެތެވެ. ގޭދޮށު މަސްފެކްޓަރީވެސް ހަދަން ވީއެވެ. ގެސްޓްހައުސް ވެސް ހަމަ ހަދަންވީއެވެ. މިހަރަކާތްތަކުން އެއަރޕޯޓު ހިނގައި ގަންނާނެ ތޯއެވެ؟ އައްޑޫ އަކީ މައި ހަބަކަށް ހަދާފަ ހުވަދޫގެ ފަތުރުވެރިކަން ތަރައްގީ ކުރާކަށް މިހާރު ހުވަދޫމީހުންވެސް ބޭނުމެއްނޫނެވެ. އެކަން ދާނީ ހަމަ އެގޮތަށެވެ. ސަބަބަކީ ސިޔާސީ ގޮތުން އައްޑޫ މީހުންނަށް ވުރެ ހުވަދޫ މީހުން މާބޮޑަށްވެސް އުޅެނީ ކުރީގައެވެ. މިހެން ބުނުމުން ބަޔަކު ހިތްހަމަ ނުޖެހުނަސް މިއީ ހަގީގަތެވެ.

އައްޑޫގެ އިގްތިސާދު ތަރައްގީ ކުރެވެން އޮތީ ދެސިނާއަތެއް އައްޑޫގައި ފައްކާ ކޮށްގެން ކަމަށް ކަމުގެ މާހިރުން ވިދާޅުވެއެވެ. އެއީ ފަތުރުވެރިކަމުގެ ސިނާއަތާއި އަދި ޓްރާންސިޓް ބަނދަރެއްގެ ސިނާއަތެވެ. މިދެ ސިނާއަތަކީވެސް ގިނަމަސައްކަތެއް ކޮށް، އެކަމަށް ވަސީލަތްތައް ފުރިހަމަކޮށް ކުރެވޭނެ ދެކަމެވެ. ފަތުރުވެރި ކަމުގެ މާބޮޑު ވަސީލަތެއް އަދި ހަމަ ޔަގީނުންވެސް ނެތެވެ. ނަމަވެސް އައްޑޫ ސިޓީ ފަތުރުވެރި ކަމުގެ މަންޒިލަކަށް ފައްކާ ކުރެވިދާނެ ކަމީ ހަމަ ޔަގީންވާ ކަމަކެވެ. އައްޑޫ މީހުންނަކީ ހަގީގަތުގަވެސް މޮޅުމީހުން ކަމަށް ވާނަމަ މިކަމަށް މަސައްކަތް ކުރަންވީ ނޫންތޯއެވެ. ސިޔާސީމީހުންގެ އަވައިގައި ޖެހިގެން ނުތިބެ އައްޑޫ މީހުން އައްޑޫއަށް ޓަކައި މަސައްކަތް ކުރަންވީ ނޫންތޯއެވެ؟


ކިޔުންތެރިންގެ ހިޔާލު


10

ައަލްކެމީ

13-Dec-2020

ހުސް ރަނގަޅަ ވާހަކަ. ބާކިން އައްޑޫ އަކީ ތައުލީމި ގާބިލު މީހުން ގިނަ ތާކައު ކޭފެއި ސަނާ ކީމެއި އަފިރިން މިތިބެނީ އިހިފެއި. ހަގީގައް ހާމަކޮއް ރަސް އިން ގިނާސްދޭ ލިޔުންތައް އުފަލާއި އެއްކޮއް ބަލަގަނުން. މި ލިޔުންތައް ކޭފެއި ޔަސް މި އަތެޅެމީހުން ހެެއި އަރަގޭފެހޭ ރަނގަޅަ.



ޓްރެންޑިން