ހަޔާތުގެ ކަންކަން އުފާވެރި ގޮތެއްގައި ކުރިއަށް ދަނީނަމަ އަމިއްލަ ނަފްސްދެކެ ކޮންމެ މީހަކުވެސް ލޯބި ވާނެއެވެ. ކުރާކަމެއް ހާސިލު ވުމުން، ކަމެއް ކުރުމުން އެކަމެއް ބަޔަކު ބަލައި ގަތުމުން ނުވަތަ ހިތްހަމަ ޖެހުމެއް ހާސިލުވާ ކޮންމެ ފަހަރަކީ ހަގީގަތުގައި ވެސް އަމިއްލަ ނަފްސް ދެކެ ލޯބިވެވޭ ކަންކަމެވެ.

ނަމަވެސް ހުރިހާ ކަމެއް އެކޮޅުކޮޅުން ޖެހި ހިތްހަމަ ނުޖެހުމާއި ހިތްދަތިކަން އިޙްސާސްވާނަމަ އަމިއްލަ ނަފްސް ދެކެ ލޯބިވެވޭ ތޯއެވެ؟ ހިތް ކުދިކުދިވެ މާޔޫސް ޙާލަތުގައި ފިކުރު ބޮޑުވެފައި ހުރެވެނީއެވެ. ހަދާނެގޮތް ހުސްވެ ދުނިޔެމަތިން ފޫހިވަނީއެވެ. ކުރާއެއްވެސް ކަމެއް ބަލައި ގަންނަ މީހަކު ނުހުރެއެވެ. ކޮންމެ ކަމަކާއި ކުރިމަތި ލިޔަސް އެކަމުން ފެއިލް ވަނީއެވެ. ކަންކަމާއި ކުރިމަތިލާން ފަސްޖެހި މުޖުތަމަޢު ދެކެ ލަދުގަންނަނީ އެވެ.

ހަރުދަނާ ވަރުގަދަ އިތުބާރެއް އަމިއްލަ ނަފްސުގެ މައްޗަށް ހޯދުން މިއޮންނަނީ އުނދަގޫ ދަތި ކަމަކަށް ވެފައެވެ. އެހެނަސް މިކަމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަމިއްލަ ނަފްސް ހެޔޮފާލަކަށް އެޅުވުމަށް އެންމެ މުހިއްމު ރޯލެއް އަދާކުރެވޭނީ ހަމަ އެމީހަކު ކުރި މަސައްކަތަކުންނެވެ. އެމީހަކު އަމިއްލަޔަށެވެ.

ކޮންމެ ޙާލަތެއް މެދުވެރިވި ނަމަވެސް އަމިއްލަ ނަފްސު ދެކެ ލޯބިވާށެވެ. މިއީ އުނދަގޫ ކަމަކެވެ. އެހެނަސް މީހާގެ އީމާންކަން ވަރުގަދަ ނަމަ މިއީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމަކެވެ. މިގޮތަށް ބުނެލަން ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހަ ވާނެއެވެ. ނަމަވެސް އެމީހަކަށް އެފަދަ ޙާލަތެއް މެދުވެރި ވުމުން އަމިއްލަ ނަފްސް ދެކެ ލޯބި ނުވެވެއެވެ. އެއީ އިންސާނީ ހަގީގަތެވެ. އެހެނަސް އެކަމަށް މަސައްކަތް ކުރުމަކީ ނެތް ކަމެއް ނޫނެވެ.

އެންމެ ފުރަތަމަ ވިސްނަންވީ ކަމަކީ މިންވަރަށް އީމާންވުމެވެ. މިންވަރަށް އީމާން ވެވޭ ހިސާބުން އަމިއްލަ ނަފްސް ދެކެ އިތުބާރު ކުރެވޭނެއެވެ. ކޮންމެ ޙާލަތެއް ދިމާވިނަމަވެސް ހިތްހަމަ ޖެހިގެން އެމިންވަރު ގަބޫލު ކުރަން ފެށުމުން ހިތަށް ތަސައްލީ ލިބި އަމިއްލަ ނަފްސްދެކެ ލޯބިވެވެން ފަށާނެއެވެ.

ކަމެއް ކުރަން އުޅެ އެކަމަކުން ފެއިލްވެ ހިތާމަޔާއި ގިނަފަހަރު ކުރިމަތިލާން މިޖެހެނީ ތިމާ އަކަމަކަށް އުއްމީދު ކުރާ މިންވަރު މާބޮޑަށް މަތިވުމުން ނެވެ. ނުވަތަ ތިމާގެ އެކްސްޕެކްޓޭޝަން މާބޮޑަށް މަތި ވުމުންނެވެ. ކަމެއްގައި އުޅޭއިރު އެކަމަކުން ފެއިލް ވުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް ގަބޫލު ކުރަން ޖެހެއެވެ. އަދި ފެއިލް ވުމުން އެކަމަށް މަސައްކަތް ކޮށް އެކަމުގެ ކޮންމެވެސް މިންވަރެއް ޙާސިލް ކުރުމަށް ގަދައަޅާ މަސައްކަތް ކުރުމުގެ ނިޔަތްވެސް އޮންނަން ޖެހެއެވެ. އޭރުން ހިތަށް އަބަދުވެސް ތަސައްލީ ލިބި ހިތްހަމަ ޖެހުމާއެކު އަމިއްލަ ނަފްސްދެކެ ލޯބިވެވޭނެއެވެ.

އެއްވެސް މީހަކީ ތިމާއާ ދިމާވާ އުނދަގޫ ތަކުގެ ޙައްލު ކަމުގައި ގަބޫލު ނުކުރާށެވެ. ތިމާ ވަޒީފާ އަދާކުރުމުގައިވެސް ތިމާ ކުރާކަން ކަމަށް އިސްކަން ދޭށެވެ. ލޯބި ވާންޖެހޭނީ ތިމާކުރާ މަސައްކަތަށެވެ. ތިމާގެ ކުންފުނި ދެކެ ލޯބިވާކަމަށް ގަބޫލު ކުރެވޭނަމަ އެއީ އަމިއްލަ ނަފްސް އޮޅުވާލުމެވެ. އެކަމަށް ވިސްނާށެވެ. އަމިއްލަ ނަފްސަށް އިޙްތިރާމް ކުރާށެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުރާށެވެ. ތިމާގެ ނަފްސް ނޫނީ ތިމާއަށްޓަކައި ވަފާތެރި ވާނެ ފަރާތެއް ނެތްކަން ތާއަބަދު ދަންނާށެވެ.

އަމިއްލަ ނަފްސުގެ އަޑުއަހާށެވެ. ކަމެއް ކުރުމުގައި އަބަދުވެސް އެކުރާ ކަމަކަށް ވިސްނާ އެކަމަށް މުހިއްމުކަން ދޭށެވެ. ތިމާ މީހާގެ ވަޒީފާގެ ވެރިޔާ ހިތްރުއްސަން މަސައްކަތް ކުރުމުގެ މާނައެއް ނެތެވެ. އެހެނަސް ތިމާ ވަޒީފާގެ ގޮތުން ކުރަން ޖެހޭ މަސައްކަތް ތަކަށް ލޯބި ކުރާށެވެ. ކިތައްމެ ވަރަކަށް ތިމާ މަސައްކަތް ކުރާ ކުންފުނި ނުވަތަ އޮފީސް ދެކެ ލޯބިވިޔަސް ހަމަ އެތަނެއްގެ ސިޔާސަތަށް އަންނަ ބަދަލަކުން ތިމާ ނަގާ އެއްލާ ލާނެއެވެ.

އެހެން ކަމުން އަބަދުވެސް ވިސްނަންވާނީ ނަފްސުގެ ބާރު ގަދަ ކުރުމާއެކު ނަފްސަށް އިތުބާރު ކުރުމަށެވެ. އެކަން ކުރެވޭނީ ކަންކަމުގެ ހަގީގަތް ގަބޫލުކޮށް ތިމާއަށް ލިބޭ މިންވަރާއި މެދު ހިތްހަމަ ޖެހުމުން ނެވެ. އެއްދުވަހަށް ވުރެން އަނެއް ދުވަހު ރަނގަޅުވާނެ ކަމަށް އުއްމީދު ކުރަންވާނީ އެކަމަށް މަސައްކަތް ކުރުމަށް ނިޔަތް ގަނެގެން ނެވެ. މިފަދައިން މަސައްކަތް ކުރުމުން އަބަދުވެސް އަމިއްލަ ނަފްސް ދެކެ ލޯބިވެވޭނެއެވެ. ހިތްހަމަ ނުޖެހުމާއި ހިތްދަތި ހާލުގައިވެސް އަމިއްލަ ނަފްސުދެކެ ލޯބިވާށެވެ. ކުރާކޮންމެ ކަމެއް މިނިވަން ޖައްވެއްގައި ކުރާށެވެ. އެއީ ދެފުށްފެންނަ ގޮތަށް އެއްވެސް ފޮރުވުމެއް ނެތި ކުރުމެވެ. އޭރަށް މިނިވަން ކަމާއި އެކު ކުރެވޭނެ އެވެ. މީހާގެ ނިޔަތް ރަނގަޅު ނަމަ މިއީ ވަރަށް ފަސޭހަ ކަމަކެވެ.

ތިމަންނާ އަކީ އެންމެ ފުރިހަމަ މީހާކަމުގައި ގަބޫލު ނުކުރާށެވެ. އިޖްތިމާޢީ މިންގަނޑު ދަނެ އޭގެ ތެރެއިން ބޭރުނުވާށެވެ. އަމިއްލަ ނަފްސަށް ދުވަހުގެ ކޮންމެވެސް ވަގުތު ކޮޅެއް ދޭށެވެ. ކޮންމެ ދުވަހެއްގެ ކަންތަކާއި މެދުވެސް ޝުކުރުވެރި ވާށެވެ. ތިމަންނާއަކީ ހުރިހާ ކަމެއް ކުރެވޭނެ ކުޅަދާނަކަން ހުރި މީހެއް ކަމުގައި ގަބޫލު ނުކުރާށެވެ. ކޮންމެ ކަމެއްގައިވެސް ހިތްހަމަ ޖެހޭށެވެ. ޖަޒުބާތުގައި ޖެހިގެން ކަންކަމުގައި ރައްދު ނުދޭށެވެ. ނުބައި ވިސްނުން ތަކާއި މެދު ފަރުވާ ތެރިވާށެވެ. ވިހަ މީހުންނާއި އެކު އުޅުން ދޫކޮށްލާށެވެ. ސިއްޙަތައް ރަނގަޅު ކާނާ އަބަދުވެސް ކާން އާދަ ކުރާށެވެ. ކަންކަމުގައި މަޝްއޫލުވެގެން ކަންނެތްކަން ފިލުވާށެވެ. ތިމަންނާ އަކީ ކާކުކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. އަމިއްލަ ހަށިގަނޑު ދެކެ ލޯބިވާށެވެ. އެހެން މީހުންގެ ފަރާތުން އުފާވެރިކަން ލިބޭނެކަމަށް ނުވިސްނާށެވެ. އަބަދުވެސް ކަންކަން ހޯދާ ބަލާ އުނގެނޭށެވެ. ވަށައިގެންވާ މާޙައުލު ސާފުކުރުމަށް ލޯބިކުރާށެވެ. މިއީ އަމިއްލަ ނަފްސް ދެކެ ލޯބިވުމަށް ކުރެވިދާނެ ބައެއް ކަންތައް ތަކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން