މިހާރަކަށް އައިސް މަގުމަތީގައި އެއްގަމު އުޅަނދު ފަހަރު މިދުއްވަނީ އެމީހަކު ބޭނުންގޮތަކަށެވެ. ޚާއްސަކޮށް ޒުވާނުން މާލޭ މަގުމަތީގައި ސައިކަލް ދުއްވަނީ ހިތުހުރި ގޮތަކަށޭ ނުބުނެވޭނެ ޖާގައެއް ނެތެވެ.

ތޮއްޖެހިފައިވާ މާލޭގެ މަގުމަތީގައި ޒުވާނުން ސައިކަލް ދުއްވާލާއިރު އެހެން މީހުން ތިބެނީ ބިރުން ފިއްކަނޑައިގެންދާ ވަރު ވެފައެވެ. ޓްރެފިކު ޕޮލިހުންނަށްވެސް އެމީހުން އަތުނުވާ ކަހަލައެވެ. ފުލުހުން މިހުއްޓުވަނީ މުޅިންވެސް އާދައިގެ ސްޕީޑެއްގައި ދުއްވާފައިދާ މީހުންކަން ވަރަށް ފާހަގަ ވެއެވެ.

މިކަމާއި ގުޅިގެން ވަރަށް ފަހުން ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވެފައި ވަނީ "ލައިސަންސް އޮތަސް ނެތަސް ގަވާއިދާއި ޚިލާފަށް ބާރަށް ދުއްވާމީހުން ހުއްޓުވުމުގެ ބަދަލުގައި، ހަވީރު ފިންޏަށް ދެމަފިރިއަކު އާދައިގެ ގޮތަކަށް ދުއްވާފައިދާ ދިއުމުގައި ހުއްޓުވައި، ޗެކްކުރާލެއް ގިނަކަން ފާހަގަ ކުރެވޭ" ކަމަށެވެ.

މަގުމަތިން ފެންނަ މަންޒަރު ތަކަށް ބަލާއިރު އިންތި ވިދާޅުވީ ހަމަ ރަނގަޅަށެވެ. ނަމަވެސް ބާރު ސްޕީޑުގައި ތޮރުފެމުން، ތޮރުފެމުން، އެހެންމިހެން ދާ ޒުވާނުން އެއްދުވަހުން އަނެއް ދުވަހަށް ގިނަވަމުންދާކަން ފާހަގަ ކުރެވެއެވެ. އިންތި އިތުރަށް ވިދާޅުވީ ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވައިގެން އެންމެން ރައްކާތެރި ކުރަން ޖެހޭ ކަމަށެވެ. މިގޮތަށް އިންތި ވިދާޅުވީ ބާރަށް ދުއްވި ސައިކަލެއް އެކްސިޑެންވެ ސައިކަލުގެ ފަހަތުގައި އިން ޒުވާން އަންހެން ކުއްޖަކު މަރުވުމާއި ގުޅިގެންނެވެ.

މަގުމަތީގައި ސައިކަލް ދުއްވާ ޒުވާނުންނަށް ލައިސަންސް މިލިބެނީ ޓްރާންސްޕޯޓް އޮތޯރިޓީއިން ކަނޑައަޅާފައި އޮންނަ އުސޫލުގެ ތެރެއިން ކަމަށް އެއޮތޯރިޓީއިން އަބަދުވެސް ވިދާޅުވެއެވެ. ނަމަވެސް ގަވާއިދު ކިހާވަރަކަށް އެމީހުންނަށް އެނގޭތޯ ބަލާލެވޭ ތޯއެވެ. މަގުމަތިން ދާއިރު އެހެން އުޅަނދެއްގެ ކުރިޔަށް އަރަން ބޭނުން ވެއްޖެ ހާލަތެއްގައި ކުރިއަރަން ޖެހޭގޮތް އެއްވެސް ވަރަކަށް އެނގޭބާއޭ ހިތަށް އަރައެވެ. ގަވާއިދުގައި ބުނެފައި އޮންނަނީ ދުއްވާފައިދާ އުޅަނދެއް އެހެން އުޅަނދެއްގެ ކުރިއަށް އަރަން ބޭނުންނަމަ ސިގްނަލް ދިނުމަށް ފަހު އަރަން ޖެހޭނީ އަނެއް އުޅަނދުގެ ކަނާތް ފަރާތުން ކަމަށެވެ.

ނަމަވެސް އަބަދުވެސް މާލޭގެ މަގުމަތީގައި ދުއްވާކުދިން އޯވަޓޭކް ކޮށްލަނީ މިހެން ތޯއެވެ؟ އަދި ގޯޅިއަޅާއިރު ސިގްނަލް ދެނީވެސް މަދު ފަހަރަކު އެވެ. މަގުމަތީގައި ދިމާވާ ނުރައްކާތެރި ޙާދިސާ ދިމާވަނީވެސް ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތުމުގެ ސަބަބުންނެވެ. މާލޭގެ މަގުމަތީގައި ދުއްވާ ހުރިހާ އެންމެން ކަހަލަ ގޮތަކަށް އޯވަޓޭކް ކުރުމަށް މިތަބާވާން ޖެހެނީ ގަވާއިދާއި ޚިލާފަށެވެ. މުޅިންވެސް ވާތް ފަޅިންނެވެ.

މިކަމަށް ސަރުކާރުންވެސް ރައްޔިތުން އަހުލުވެރި ކުރުވަން އެބަޖެހޭ ނޫންތޯއެވެ؟ ހަމަ ޔަގީނުންވެސް ރާއްޖޭގައި މިފަދައިން މީހުން ހޭލުން ތެރި ކުރުމަށް ވަސީލަތްތައް މަދެއް ނޫނެވެ. ޓީވީ ޕްރޮގްރާމަކުންވެސް މިފަދަ ގޮތަކަށް ބަޔަކު ހޭލުން ތެރިކުރުވާ މަންޒަރެއް ނުފެނެއެވެ. މުޅިންވެސް ފެންނަނީ ކޮންމެވެސް ސިޔާސީ ރިޕޯޓެއް ފަށުއި އިބާރާތަކުން ކިޔާލާ އަޑެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން