އަވައްޓެރި ޝްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖޭގައި ވަޅުލުމަށް ދިވެހިސަރުކާރުން ރަސްމީކޮށް ހުށަހަޅާފައިވާ ކަން ރާއްޖޭގެ ރައްޔިތުންނަށް ފުރަތަމަވެސް އެނގިގެން ދިޔައީ މީޑިއާގައި އެވާހަކަ ތިލަކޮށްލުމުންނެވެ. ރާއްޖޭގެ މީޑިއާތަކަށްވެސް އެކަން އެނގުނީވެސް ލަންކާ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ލަންކާގެ މީޑިއާތަކުގައި އެކަން ރިޕޯޓު ކުރުމާއެކުގަ އެވެ.

އޭގެ ފަހުން އެއީ ރަސްމީ ލެވެލްގައި ދެކެވެމުން އަންނަވާހަކަ އެއްކަން ރައްޔިތުންނަށް އެނގިގެން ދިޔައެވެ. އެކަމަކީ ދިވެހި ސަރުކާރުގެ ހުށަހެޅުމާއި އެކު ކުރިއަށްދާ ކަމެއް ކަމަށްވެސް އެނގިގެން ދިޔައީ ހަމަ މީޑިއާގެ ޒަރިއްޔާއިން ނެވެ. ހަގީގަތުގައިވެސް ކޮވިޑްގައި މަރުވާ މުސްލިމުން ލަންކާގައި އަންދަމުން ދާކަމީ ވަރަށްވެސް ހިތާމަ ކުރަން ޖެހޭ ކަމަކެވެ. އެކަން ކުށްވެރިކޮށް އެކަމަށް ބަސްކިޔުމަކީ މުހިއްމު ކަމެކެވެ. އަދި ހަމަ އެއާއި އެކު އެކަމަށް ލިބޭނެ ޙައްލެއް ހޯދާދިނުމަކީވެސް އަނެއް މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ.

ޝްރީލަންކާގެ އެޙާލަތާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ވިދާޅުވެފައި ވަނީ ލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަ ކުރުމަށް އެގައުމުގެ ސަރުކާރަށް ދަތިތަކެއް ކުރިމަތި ވެފައިވާ ކަމަށާއި އެހެން ކަމުން ރާއްޖޭގައި އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައި ދިނުމުގައި އެހީތެރިވުމަށް ލަންކާގެ ރައީސް ދިވެހި ޖުމުހޫރިއްޔާގެ ރައީސަށް ސިޓީ ފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.

އެކަމަށް މިހާރު ސަރުކާރުންވަނީ ފެހި ސިގްނަލް ދެއްވާފައެވެ. އަދި އެކަމަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށް ދާމަކަމަށް ދިވެހި ސަރުކާރުންވެސް ވަނީ މިދާޅުވެފައެވެ. މިކަމާއި ގުޅިގެން ސިޔާސީ ބޭފުޅުންނާއި ދީނީ އިލްމުވެރިން އަންނަނީ އެބޭފުޅުންގެ ރަޢުޔު ފާޅު ކުރައްވަމުންނެވެ.

އެގޮތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ޑިޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެފައިވަނީ މިނިންމުމާއި ގުޅިގެން ރައީސް ސޯލިޙަށްޓަކައި އިސްލާމީ އުއްމަތް ފަޚުރުވެރި ވާކަމަށެވެ. ހުސައިންގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، ޝްރީލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑް-19 ބަލީގައި ނިޔާވާ ފަރާތްތައް، ރާއްޖެ ގެނެސް ރާއްޖޭގައި ވަޅުލުމުގެ އިންތިޒާމު ހަމަޖެއްސުމަކީ މިވަގުތައް ވަރަށް މުހިއްމު، އަދި އެހާމެ ދަރުމައާއި ސަވާބު ލިބޭނެ ކަމެއް ކަމަށެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވަނީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ އިސްލާމުންގެ ޖަނާޒާގެ ކަންތައް ދީނުގައިވާ ގޮތަށް ކުރުމަށް ފުރުސަތު ނުލުބިގެން އެހަށިތައް އަންދާނަމަ، ރާއްޖެއިން އެކަމަށް ކޮށްދެވެން އޮތް ކަމެއް ރައްކާތެރި ކަމާއިއެކު ދީނުގައިވާ ގޮތަށް ކޮށްދެއްވުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.

ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ އެބޭފުޅާއަށް ފެންނަ ގޮތުގައި ކޮވިޑްޖެހިގެން މަރުވާ ލަންކާގެ މުސްލިމުން، އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތިން އެގައުމުގައި ވަޅުލުމުގެ ފުރުސަތު އެގައުމުގެ ސަރުކާރުން މުސްލިމުންނަށް ދެއްވަންވާނެ ކަމަށާއި އެއީ އިންސާނީ އަދި އަޤީދާއާ ގުޅުންހުރި ދީނީ ޙައްގެއްކަމަށެވެ. މީގެ އިތުރަށް ޑރ. ޝަހީމު ވިދާޅުވީ މުސްލިމުންނާއި އެހެނިހެން އިންސާނުންގެ އަސާސީ ހައްގުތައް ހޯދައިދޭން އެގައުމެއްގެ ގާބިލުކަންހުރި މިންވަރަކުން ކޮންމެ ގައުމަކުންވެސް ވަކާލަތު ކުރަންވާނެ ކަމަށެވެ.

މިބޭފުޅުންގެ ރަޢުޔު މިހެން ހުރި ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެކަމަށް ތާއިދު ނުކުރައްވާކަން ވަނީ ހާމަކުރައްވައިފަ އެވެ. އެމަނިކުފާނުގެ ރަޢުޔު އެހެން ހުރިނަމަވެސް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވަނީ އަވައްޓެރި ޝްރީލަންކާގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މަރުވާ މުސްލިމުންނާއި މެދު އިހާނެތި ގޮތަކަށް ކަންތައް ކުރެވެމުން ދަނިކޮށް، އެބައި މީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދީ، އެ އިހާނަތިކަމުން މުސްލިމުން ސަލާމަތްކުރަން ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި ރައްޔިތުންގެ ރަޢުޔު އެމީހުންވެސް އަންނަނީ ފާޅު ކުރަމުންނެވެ. ރައްޔިތުން ޤަބޫލު ކުރާގޮތުން އެކަން ޝްރީލަންކާ ސަރުކާރުން އެޤައުމުގެ މުސްލިމުންނަށް ކޮށްދޭން ޖެހޭނެ ކަމަށެވެ. ރާއްޖެއަށް ވުރެ ލަންކާގައި ބިންއޮވެފައި އެޤައުމުގައި އެކަން ނުކުރެވޭނެ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

ޖަނާޒާގެ ކަންތައް ފުރިހަމަ ކުރުމަށް ނުކުޅެދޭނަމަ އެކަން ކުރުމުގެ ޤާބިލުކަން ހުރި ބޭފުޅުން ލަންކާއަށް ފޮނުވައިގެން އެކަން ކުރެވެން ޖެހޭނެ ކަމަށެވެ. ލަންކާއަކީ ރާއްޖެއަށް ވުރެ ބިމުގެ ގޮތުން އެތައްގުނައެއް ބިންބޮޑު ބިމުގެ މުއްސަދިކަން އޮތް ގައުމެކެވެ. ލަންކާގެ ބިމުގެ ސައިޒަކީ ގާތްގަނޑަކަށް 65 ހާސް އަކަ ކިލޯމީޓަރެވެ. ރާއްޖޭގެ ޖުމުލަ ބިމުގެ ބޮޑުމިނަކީ ތިންސަތޭކަ އަކަ ކިލޯމީޓަރެވެ.

ލަންކާގެ މުސްލިމުންގެ އާބާދީއަކީ ގާތްގަނޑަކަށް 2 މިލިއަން މުސްލިމުންވެ. އެއީ އެގައުމުގެ އާބާދީގެ ގާތްގަނޑަކަށް 10 އިންސައްތަ އެވެ. މުޅި ރާއްޖޭގެ އާބާދީއަކީ ގާތްގަނޑަކަށް 5 ލައްކަ މީހުންނެވެ. ލަންކާގެ ޖުމުލަ ބިމުގެ 1 ޕަސަންޓަކީވެސް ރާއްޖޭގެ ޖުމުލަ ބިމަށްވުރެން ބޮޑު ބިމެކެވެ. އެހެންކަމުން ރާއްޖޭގެ ބިން މިހާކުޑައިރު މިފަދަ ކަމެއް ރާއްޖޭގައި ކުރުމަކީ އަދި އެންމެ ރަނގަޅު ގޮތް ކަމުގައި ނުވާނެއެވެ. މީގެ މާނައަކީ މުސްލިމުންނަށް އެހީތެރި ނުވުމެއް ނޫނެވެ.

ކަމުގެ ހަގީގަތަށް ބަލާ އެކަމަށް މަސައްކަތް ކުރެވިދާނެއެވެ. ނަމަވެސް ކޮވިޑް-19 ގައި މަރުވާ ލަންކާ މުސްލިމުން ރާއްޖެ ގެނެސް ޖަނާޒާގެ ކަންތައް ފުރިހަމަ ކުރުމަކީ އެހާ ހަމަޖެހޭ ކަމެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. އެކަން ލަންކާގައި ކުރުމަށް އިސްލާމީ ގައުމު ތަކުން ލަންކާއަށް ގޮވާލަން ޖެހެއެވެ. އަދި އެކަން ކުރުމަށް އެގައުމަށް މަޖުބޫރުވެސް ކުރެވެންވާނެ އެވެ. އެއީ އެއިންސާނުންގެ ޙައްގެކެވެ. އިންސާނީ ހައްގަކަށް އަރައި ގަތުމަކީ އެއްވެސް ގައުމަކަށް އޮތްކަމެއް ނޫނެވެ. އަދި އެކަމަކީ މުޅި ދުނިޔެވެސް އެކަމާއި ދެކޮޅު ހަދާކަމަކެވެ.

އެފަދަކަމެއް ކުރާނެ ބަޔަކު ލަންކާގައި ނެތްނަމަ އެކަން ކުރުމަށް އިސްލާމީ ގައުމުތަކުން އިސްލާމީ ޝަރީޢަތުގައި އޮންނަގޮތަށް ވަޅުލުމަށް އެކަމުގެ ޢިލްމު ލިބިފައި ތިބި މީހުން ފޮނުވަންވީއެވެ. ނަމަވެސް އެމުސްލިމުން ވަޅުލެވެން ޖެހޭނީ އެމުސްލިމުންގެ ބިމުގައެވެ.

ރާއްޖޭގައި މިގޮތަށް ވަކިރަށެއް ހަމަޖައްސާ، އެމުސްލިމުން ވަޅުލުމުގެ ކަންތައް ކުރަން ހަމަޖައްސައިފި ނަމަ އެރަށުގެ އެބިން ވެގެންދާނީ ސަހަރާއަކަށެވެ. އެހާހިސާބުން އެރަށް ދިވެހިންނަށް ބޭނުން ނުކުރެވޭގޮތް މެދުވެރި ވާނެއެވެ. ދެން އޮތީ މީހުން އުޅޭ ރަށްރަށުގައި ވަޅުލުމުގެ ކަންތައް ހަމަޖެއްސުމެވެ. މިހާރުވެސް ރާއްޖޭގެ ރަށްރަށުގައި ގަބުރުސްތާނުތައް އަންނަނީ ފުރެމުންނެވެ. ބައެއް ރަށްރަށުގައި މަތިމައްޗަށް ވެލިއަޅައިގެންވެސް ޖަނާޒާގެ ކަންތައް ފުރިހަމަ ކުރަން އެބަ ޖެހެއެވެ.

އެހެންކަމުން މުސްލިމުންގެ ޙައްޤުގައި އަޅުގަނޑުމެން ތެދުވާއިރު ހުރިހާ ކަމަކަށް ރިޢާޔަތް ކުރުމަކީ މުހިއްމު ކަމަކެވެ. ޑރ. ޝަހީމު ވިދާޅުވި ފަދައިން މުސްލިމުންނާއި އެހެނިހެންވެސް އިންސާނުންގެ އަސާސީ ޙައްގުތައް ހޯދައިދޭން އެޤައުމެއްގެ ގާބިލުކަން ހުރި މިންވަރަކުން ކޮންމެ ގައުމަކުންވެސް ވަކާލާތު ކުރަން ޖެހޭނެއެވެ. ނަމަވެސް ސުވާލަކީ ރާއްޖޭގެ ބިމުގެ ނިސްބަތާއި އަދި ލަންކާގެ ބިމުގެ ނިސްބަތާއި އަޅާކިޔާއިރު އެތައްސަތޭކަ ގުނަ ބޮޑުބިމެއް ލަންކާގައި އޮތްއިރު އަހަރުމެންގެ މިގައުމުގައި އެފަދަ ގާބިލުކަން ހުރީ ހަމަ ލަންކާގައި އެގާބިލުކަން ނެތިގެން ތޯއެވެ.

ކޮންމެއަކަސް މުސްލިމުންނަށް ދެރަގޮތް ވުމަކީ އަނެއްމުސްލިމުން ނިހާޔަތަށް ހިތާމަ ކުރަންޖެހޭ އަދި އެކަމަށް ޙައްލުވެސް ހޯދައިދޭން ޖެހޭ މުހިއްމު ކަމެކެވެ. ރާއްޖެއިން އިސްނަގައިގެން ލަންކާގެ ބިމެއް ހަމަޖައްސާ ރާއްޖެއިން ކަމުގެ ޢިލްމު ލިބިފައި ތިއްބެވި ބޭފުޅުން ލަންކާއަށް ފޮނުވާ އެކަން ހަމަ ޖައްސަން މަސައްކަތްކޮށް، އެކަން ޙާސިލު ކުރުމަކީ ވަކި ދަރުމައާއި ސަވާބު މަދުވާނެ ކަމެއް ނޫންކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން