ރާއްޖޭގައިވެސް ޕާޓްނާޝިޕް ވިޔަފާރިތައް މިފަށައިގަންނަނީ އާއިލީ މީހުން ނުވަތަ ރަހުމަތްތެރިންގެ މެދުގައި މަޝްވަރާ ކުރެވި އުފެދޭ އިތުބާރެއްގެ ތެރެއިންނެވެ. ޕާޓްނާޝިޕް ވިޔަފާރިއަކީ ހަގީގަތުގައި ވަރަށް ކާމިޔާބު ވިޔަފާރިއެކެވެ. ތަފާތު ޚިޔާލާއި އަދި އެއް ތަޖުރިބާއަށް ވުރެން ގިނަ ތަޖުރިބާގެ މީހުންނާއެކު ކުރެވޭ ވިޔަފާރި ފުޅާކުރުމަށް ފަހިފުރުސަތު ތަކެއް ލިބިގެން ދެއެވެ.

ނަމަވެސް ރާއްޖޭގައި ވަރަށް ގިނައިން ޕާޓްނާޝިޕް ވިޔަފާރި ވަކި ހިސާބަކުން ފެއިލްވެގެން ދާތަން އެބަފެނެއެވެ. މީގެ ސަބަބުން ޢާއިލީ ގުޅުން ކެނޑި އަދި ރަޙްމަތްތެރިންނާވެސް ތާއަބަދަށް ދުރުވާން އެބަޖެހެއެވެ. ރާއްޖޭގައި މިފަދަ މައްސަލަ ދިމާވާ އެއްމެ މުހިއްމު ސަބަބަކީ ޕާޓްނަރުންގެ މެދުގައި އެކަށޭނަ އެއްބަސްވުމެއް ހެދިފައި ނެތުން ކަމަށް ކަމުގެ މާހިރުން ގަބޫލު ކުރައްވައެވެ. އަދި ވިޔަފާރީގެ ތަސައްވަރެއް ކަނޑައެޅިފައި ނޯވެއެވެ. ހާސިލު ކުރަން ބޭނުންވާ ލަނޑު ދަނޑިއެއް ނޯވެއެވެ. ހަމަ ކުއްލިއަކަށް ފަށައި ގަންނަނީއެވެ.

ރާއްޖޭގައި ދިމާވި ހަގީގީ ހާދިސާއެއް ޙިއްސާކޮށްލުން މުހިއްމު ކަމުގައި ދެކޭތީ އެހާދިސާގެ ޚުލާސާއެއް ފުރަތަމަ ހިއްސާކޮށްލާ ނަމެވެ. މީގައި ބޭނުން ކުރެވޭ ނަންނަމަކީ އަސްލު ނަމެއް ނޫނެވެ.

އަލީ އާއި އަޙްމަދު އެކުގައި އުޅެނީ ކުޑައިރުއްސުރެ އެވެ. ޢާއިލީ ގޮތުންވެސް ކޮންމެވެސް ވަރަކަށް ތިމާގެއެވެ. ދެމީހުން ވަޒީފާގެ މާޙައުލަށް ނިކުމެ ޒުވާންދުވަސްވަރު ފުދޭވަރަކަށް ފައިސާ ޖަމާ ކޮށް ދެމީހުން އެއްބަސްވީ ދެމީހުންގެ އަމިއްލަ ވިޔަފާރިއެއް ފަށައި ގަތުމަށެވެ. އަލީ އާއި ޚިލާފަށް އަޙްމަދަކީ ވަރަށް ކަންކަމުގައި މަޑުމައިތިރި އަދި ގޮތްދޫކޮށް، އަނެކާ އިސްކުރާ މީހެކެވެ. އަދި އެހާމެ މަސައްކަތައް ހީވާގި އަދި ކަސްޓަމަރުންނާއި ގުޅޭ މިޒާޖެއްގެ މީހަކެވެ.

ދެމީހުންގެ މެދުގައި އަނގަބަހުން އެއްބަސްވެ، ވިޔަފާރިއެއް ކުރުމަށް ފަށައިގަތީ ދެމީހުން އެއްވަރަކަށް ފައިސާއަޅައިގެންނެވެ. ވިޔަފާރި ބިނާކުރީ ގިނަސާމާނު ބެންކޮކުން ގެނެސްގެން ވިޔަފާރި ކުރުމަށެވެ. އެއީ ހެދުން ވިޔަފާރިއާއި ޓޮއިލެޓެރީސްގެ އިތުރުން ކުޑަކުދިންގެ ސާމާނާއި ކުޑަކުދިން ކުޅޭ ސާމާނެވެ. ވިޔަފާރި ކުރުމަށް ދެމީހުން އެއްބަސްވީ ބޮޑު ފިހާރައެއް އިމާރާތް ކުރާށެވެ. އެގޮތުން އަޙްމަދުގެ ގޯތީގައި އަޙްމަދު ވަރުގަދަ ބޮޑު ފިހާރައެއް އިމާރާތްކޮށް ނިންމިއެވެ.

ދެމީހުން އެއްބަސްވީ ބެންކޮކުން މުދާގެންނަން ޢަލީ އެމަސައްކަތުގައި އުޅުމަށެވެ. އަދި ވިޔަފާރި ހިންގުމުގައި ހުރިހާ މަސައްކަތެއް ކުރުމަށް ހަވާލުވީ އަޙްމަދެވެ. ދެމީހުންގެ ވިޔަފާރި ފުޅާވެ އިސާހިތަކު އެކަށީގެންވާ ފައިދާ ފެންނަން ފެށިއެވެ. އަހަރު ތަކެއް ފާއިތުވެ ދިޔައިރުވެސް އެއްވެސް މައްސަލައެއް ދެމީހުންގެ މެދުގައި ނުޖެހެއެވެ. އަޙްމަދު އައީ ރާއްޖެއިންވެސް މީރުވަސްދުވާ އޮރިޖިނަލް ސެންޓް ހޯދާ ފިހާރައިގައި އެވިއްކަމުންނެވެ. އެކަން އަޙްމަދަށް ހަމަޖެހުނީ ވަރަށް ފަސޭހަ ގޮތަކަށެވެ. ސަބަބަކީ އަޙްމަދަކީ މީހުންނާ ގުޅޭ އަދި އިޚްލާސް ތެރިއެއްކަމުން އަޙްމަދަށް ސަޕްލައި ކުރާމީހުން އަޙްމަދަށް އިތުބާރުކޮށް މުދާ ދެމުން ދިޔައީ ދިގު މުއްދަތުގެ ދަރަންޏަށެވެ. އެހެނަސް އަޙްމަދުގެ މިޒާޖު ހުންނަގޮތުން ބިލްތަކަށް ވަރަށް އަވަހަށް ފައިސާ ދައްކާ ޚަލާސް ކޮށްލައެވެ. މީގެ ސަބަބުން ސަޕްލަޔަރުން އަޙްމަދަށް ކުރާ އިތުބާރު ވަރަށް ބޮޑުވިއެވެ.

އަޙްމަދަކީ އެއްވެސް ހާލެއްގައި އަނެކާއަށް ފާރަލާ އަދި ޝައްކު ކުރާމީހެއް ނޫނެވެ. އަޙްމަދު ނަގަމުން ދިޔައީ އަޙްމަދުގެ މުސާރަ އެކަންޏެވެ. އަދި އެހުރިހާ ހިސާބު ކިތާބެއް ލިޔެކިޔުމުން ފެންނަން ހުރެއެވެ. ނަމަވެސް އެއްދުވަހަކު އަޙްމަދު މިހުރީ ފިހާރައިގެ ބޭރުގައި ވަރަށް މާޔުސްވެ ގޮތް ހުސްވެފައެވެ. ކަންހިނގިގޮތް އަޙްމަދުގެ އެހެން ރައްޓެސަކު އޮޅުފިލުވިއެވެ.

ފެންކަޅިވެ ހުރެ އަޙްމަދު އެވާހަކަ ކިޔާދެމުން ދިޔައީ ގިސްލާ ރޮއިރޮއި ހުރެއެވެ. ފިހާރައިގައި މުދަލެއްނެތެވެ. އަދި ލާރިވެސް ހުރީ ޢަލީގެ ބެލުމުގެ ދަށުގައެވެ. ޢަލީ އެފަހަރު ގެނައި މުދަލެއް ފިހާރައަކަށް ނުވައްދައެވެ. ދެން ޢަލީ މިކުރި ކަމަކީ އެފިހާރައިގައި ހުރި މުދާތައް ފޮށިފޮށި ގަނޑަށް އަޅާ ބަންދުކޮށް ގިނަ ސާމާނު ގެންދިޔައީއެވެ. އޭގެ ތެރޭ އެއްކަލަ އަޙްމަދު ކްރެޑިޓަށް ނެގި މުދާވެސް ގެންދިޔައީ އެވެ. އަޙްމަދު އެއްވެސް އެއްޗެއް ނުބުނިއެވެ. ޢަލީ ދިޔައީ އޭނާ ބޭނުންވާ ހުރިހާ މުދަލެއް ފޮށި ފޮށިގަނޑަށް އަޅާ ބަންދުކޮށް ފިހާރައިން ނެރެމުންނެވެ. ހަމައަކަނި އަޙްމަދަށް މިލިބުނީ ފިހާރައިގެ ހަތަރު ފާރެވެ. ދެން އޮތީ ތަންތަނަށް ދައްކަންޖެހޭ ދަރަނި ފައިސާގެ ތަފްސީލެވެ. ގެއަށް ބޭނުންވާ ސާމާނުކޮޅު ގަންނަން ފައިސާ ފޮއްޗެއްވެސް އަޙްމަދު އަތުގައި ނެތިގެން ދިޔައީ ކުޑަވަގުތު ކޮޅެއްގެ ތެރޭގައެވެ. ސަބަބަކީ އަޙްމަދު ފައިސާނަގާ ނުފޮރުވާތީއެވެ.

މިއީ ރާއްޖޭގެ ކޮންމެވެސް ހިސާބެއްގައި ހިނގާދިޔަ އެއް ޙާދިސާއެވެ. މިއީ އާއްމު ގޮތެއްގައި ކަންކަން ރާއްޖޭގައި ދިމާވާ ގޮތެވެ. ނަމަވެސް މިޙާދިސާގައި އަޙްމަދުގެ އިޚްލާސްތެރިކަން ޢާއިލީ މީހުންނަށާއި އަދި ބައެއް ގާތް ރަޙްމަތްތެރިންނަށް އެނގޭތީ އެމީހުން އަޙްމަދަށް އެހީވީ ވަރަށް ރަނގަޅަށެވެ. މިހާރު އަޙްމަދަކީ ތަނަވަސް ވަރުގަދަ ވިޔަފާރި ވެރިއެކެވެ. ނަމަވެސް ޢަލީ ވަނީ ވިޔަފާރި ބަންގްރޫޓުވެ މުޅިން ހާލުގައި ޖެހިފައެވެ.

މިވިޔަފާރިއަށް ބަލާއިރު، މިވިޔަފާރި ވުޖޫދުވިއިރުވެސް ޢަލީގެ ނިޔަތް ގޯސްކަން ވަރަށް ސާފެވެ. ފައިސާފެނި ތިމަންނާ ވަކިން ވިޔަފާރި ކުރުމުން މާބޮޑުފައިދާ ވާނެކަމަށް ހުވަފަން ފެނިގެން ގާތް އެކުވެރިޔާއަށް ލަނޑު ދިނުމުގެ ނަތީޖާ އެހާ ފޮންޏެއް ނުވިއެވެ. އެއީ ތިމާގެ ނިޔަތް ފުރަތަމައިންވެސް ގޯސްވީމައެވެ. ރާއްޖޭގައި ކުރާ ޢާއިލީ ވިޔަފާރީގައިވެސް ދިމާވާ އަސްލު މައިގަނޑު މައްސަލައަކީ މިއެވެ.

މިކަމާއި ގުޅޭ ދިރާސާ ހައްދަވާ މާހިރުން ވިދާޅުވާ ގޮތުން ޕާޓްނާޝިޕް ވިޔަފާރީގެ ހަތްދިހައިންސައްތަ އާއްމު ގޮތެއްގައި ފެއިލް ވެއެވެ. އެއީ އެކަމަށް އެކަށޭނެ ފިޔަވަޅު ފުރަތަމަ ދުވަހުވެސް ނޭޅުމުގެ ސަބަބުންނެވެ. އާއްމު ގޮތެއްގައި ޕާޓްނާޝިޕްގައި މައްސަލަ ދިމާވާ ހަކަމެއް ޙިއްސާކޮށްލާ ނަމަވެ.

ރައްޓެހި ނުވަތަ އާއިލީ ގުޅުމާއި ވިޔަފާރި އެކުވުން

ރައްޓެހި ކަމަކީ ނުވަތަ އާއިލީ ގުޅުމަކީ ތަފާތު ގުޅުމަކެވެ. ވިޔަފާރިއަކީ އަދި މުޅިން ތަފާތު ކަމަކެވެ. މިދެގުޅުން ވަކި ކުރަން ނޭގޭނަމަ އެވިޔަފާރި ފެއިލްވުން ވަރަށް ގާތްވާނެއެވެ. މިދެގުޅުން ދޭތެރޭ ދަމާލަން ޖެހޭ ރޮނގު ދަމާލުމަކީ ވިޔަފާރިއަށް ވަރަށް މުހިއްމު ކަމަކެވެ. ވިޔަފާރީގައި ނިންމަން ޖެހޭ ނިންމުން ތަކާއި އަދި ކުރަންޖެހޭ ކަންކަން ދެފުށްފެންނަ ގޮތަށް މަޝްވަރާގެ މަތިން ކުރެވޭނީ މިފަދަ ހަރުދަނާ ކަމެއް ވިޔަފާރީގައި ބާއްވައިގެން ނެވެ. ވިޔަފާރި މާޙައުލުގައި އޮންނަންވާނީ ވިޔަފާރީގެ ގުޅުމެވެ. އަދި އާއިލީ ނުވަތަ ރަޙްމަތްތެރިކަން އޮންނާނީ ވިޔަފާރި މާޙައުލުން ބޭރުގައެވެ. މިގޮތަށް ކަންތައް ނުކުރެވޭނަމަ ޢާއިލީ އަދި ރަޙްމަތްތެރި ކަމުގެ ގުޅުން ދާއިމަށް ކެނޑިގެން ހިނގައިދާނެ އެވެ.

ދެމީހުންގެ ބައިވެރިވުން އެއްވަރު ނުވުން

ފަރުދެއްގެ އަމިއްލަ ވިޔަފާރިއެއް ނަމަ ލިބޭ ފައިދާއާއި އަދި ގެއްލުން ލިބޭނީ ހަމަ އެންމެ ފަރާތަކަށެވެ. ނަމަވެސް ޕާޓްނާޝިޕް ވިޔަފާރީގައި ހުރިހާ ބައިވެރިންގެ ހިއްސާ އެނގޭގޮތަށް އޮންނަން ޖެހޭނެއެވެ. ނޫންނަމަ ދެބަސްވުން އުފެދޭނެއެވެ. ޕާޓްނާޝިޕް ވިޔަފާރީގައި ދެފަރާތުގެ ޙިއްސާ އެއްވަރުވާ، އެކަކު ފައިސާ އިންވެސްޓްކޮށް އަނެކަކު ދާހިއްލާ މަސައްކަތް ކުރުމުގެ އަސާސަކީ އަޑުއަހާލަން ރީތި ސިޔާސަތަކެވެ. އެހެނަސް ބުރަމަސައްކަތާއި އިންވެސްޓް ކުރާފައިސާއާއި ދެބައި މިނެކިރަން ގިނަފަހަރު ވަރަށް އުނދަގޫ ވާނެއެވެ. ފައިސާ އިންވެސްޓް ކުރާ މީހާގެ ބާރު އިސްވެ ބުރަމަސައްކަތް ކޮށް ވިޔަފާރި ކޮޅަށް ޖަހާމީހާ މިހުންނަނީ އަބަދުވެސް މުސާރަ ވެރިއެއްގެ ގޮތުގައި ދެކޭތަން އެބަ ދިމާވެއެވެ. އެހެންކަމުން މިފަދަ ގޮތަކަށް ޕާޓްނާޝިޕް ވިޔަފާރި ފަށާނަމަ ދެމީހުންގެ ދޭތެރޭ ފުރަތަމަ ދުވަހުވެސް އެއްބަސްވެވޭ ގޮތްތަކެއް ލިޔެ އެއްބަސްވެ، އެއެއްބަސްވުމަށް ގާނޫނީ ބާރު ގެންނަން ޖެހޭނެއެވެ. ވިޔަފާރީގެ މަގުސަދާއި ލަނޑުދަނޑި އަދި ވިޔަފާރި ހިނގާނެގޮތް ވަރަށް ތަފްސީލުކޮށް އޮންނަންވާނެ އެވެ.

ވިޔަފާރީގެ ފައިދާ ލިބުން ދިގުލުން

ކޮންމެ ވިޔަފާރިއަކީވެސް ކެތްތެރި ކަމާއެކު ކުރަން ޖެހޭ ކަމެކެވެ. ޙިކުމަތްތެރި ކަމާއި އަދި ކެތްތެރި ކަމަކީ ވަރަށް މުހިއްމު ދެކަމަވެ. ނަމަވެސް ފައިދާ ނުލިބި ދިގުލައިގެންދާނަމަ ނަފްސާނީ ގޮތުން އުނދަގޫތައް ދިމާވާނެ އެވެ. މީގެ ސަބަބުން ޕާޓްނަރުންގެ މެދުގައި ނުތަނަވަސްކަން އާދެއެވެ. ޕާޓްނަރުންގެ ތެރޭ ކުރިންވެސް އެހެންވިޔަފާރިއެއް ކުރާ މީހެއް ހުރިނަމަ އޭނަގެ ވިސްނުން އެހެން ދިމާލަކަށް ބަދަލުވާނީ ފައިދާ ނުވެ ދިގުލާނަމަ އެވެ. އެހެން ކަމުން ވިޔަފާރި ފެށުމުގެ ކުރިން މިކަމަށް ޙައްލެއް ހޯދިފައި އޮންނަންވާނެ އެވެ. ވިޔަފާރި ޓާގެޓް މާކެޓް ބަލާ ދިރާސާ ކުރުން މުހިއްމުވާނެއެވެ. ހަގީގީ ފެންނަ ކޭޝް ފްލޯއެއް ކަނޑައެޅިފައި އޮންނަންވާނެ އެވެ. ވިޔަފާރީގެ ނަފާ ކުރިއަށް ލަފާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލެވިފައި އޮތުން މުހިއްމެވެ. އަދި ވިޔަފާރި ދެމެހެއްޓުމަށް އެއްބަސްވާ އިކުއިޓީ ފައިނޭންސިން ލިބޭނެ އުސޫލެއް ކަނޑައެޅިފައި އޮންނަންވާނެ އެވެ. މިގޮތަށް ކަންކަން ރޭވި ވިޔަފާރި ކުރެވޭނަމަ އެވިޔަފާރި ކުރިއަރައިގެން ދިއުމުގެ ފުރުސަތު ބޮޑުވާނެއެވެ.

ޚިޔާލު ތަފާތު ވުން

ވިޔަފާރީގެ ލަނޑު ދަނޑި ހާސިލުކުރުމަށް ޚިޔާލު ތަފާތު ވުމަކީ ވަރަށް ގިނަފަހަރު ދިމާވާ ކަމަކެވެ. މިގޮތަށް ޚިޔާލު ތަފާތުވުން އިތުރުވާނަމަ ވިޔަފާރި ކުރިއަށް ދިއުމުގެ ބަދަލުގައި އަންނާނީ މަޑުޖެހެމުންނެވެ. އެހެންކަމުން ޕާޓްނާޝިޕް ވިޔަފާރިއެއް ފެށުމުގެ ކުރިން މިކަންކަމަށް ރިއާޔަތްކޮށް ވިޔަފާރި ހިންގުމުގެ ގަވާއިދެއް އެކުލެވުން މުހިއްމެވެ. ޕާޓްނާޝިޕް ހަދަން ހުރިހާ ފަރާތަކުންވެސް ބޭނުންވާ މަގުސަދު ތަފްސީލުކޮށް އެނގެން އޮންނަން ވާނެ އެވެ. އަދި ދުރު މުސްތަގުބަލަށް ޚިޔާރު ކުރާ ލަނޑު ދަނޑި ބަޔާންކޮށް ލިޔެވިފައި އޮތުން މުހިއްމުވާނެ އެވެ. ޕާޓްނާޝިޕް އެއްބަސްވުމުގައި މިކަންކަމަށް މަޝްވަރާކޮށް ނިންމާގޮތެއް ވަރަށް ތަފްސީލުކޮށް ބަޔާން ކޮށްފައި އޮންނަންވާނެ އެވެ.

ޒާތީ މަސްލަޙަތު

ދިމާވެދާނެ އުނދަގޫތަކާއި ގިރާކުރަން ޖެހޭ ހަރުފަތްތައް ޙިއްސާކޮށް އެކަމަށް ޕްލޭނެއް ހެދިފައި އޮތުމަކީ ވިޔަފާރި ކުރިއަށް ގެންދިއުމަށް ވަރަށް މުހިއްމު ކަމަކެވެ. ނަމަވެސް ކަންކަމުގައި މާބޮޑަށް ޒާތީ މަސްލަޙަތު އިސްކޮށް ހުރިހާ ކަމެއްގައި ކުދިކިޔާނަމަ އެވިޔަފާރިއެއް ފެއިލްވުން ވަރަށް ކައިރިވާނެ އެވެ. ޚިޔާލު ތަފާތު ވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ޒާތީ މަސްލަޙަތު ޚިޔާލު ތަފާތު ވުމުގެ ތެރެއަށް ވެއްދުމަކީ ވަރަށް ނުރައްކާ ތެރި ކަމަކެވެ. ވަޒީފާގެ އިންޓަވިއުއެއްގައި ދިމާވާފަދަ ސުވާލު ތަކާއި މެދު މަޝްވަރާ ކުރެވެންވާނެއެވެ. މިސާލަކަށް ތިމާއަމިއްލަޔަށް ރިސްކް ނަކަން ކެރޭނެ ހެއްޔެވެ؟ ކަންކަން ކުރާހިތުން އެކަމަށް ވަގުތުދީގެން ކުރެވޭނެ ހެއްޔެވެ؟ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާއި އަދި މުވައްޒަފުންނާއި ދިމާވާ ތަފާތު އެކި މައްސަލަތައް ޙައްލު ކުރުމުގައި ތިމާ އަމަލު ކުރާނީ ކިހިނެއްތޯ ވިސްނާ އެކަމާއި ވަޝްވަރާ ކުރަން ވާނެއެވެ. ތިމާގެ މިވިޔަފާރިން ނެރެންބޭނުންވާ ނުވަތަ ޙާސިލްވާން ބޭނުންވާ ނުވަތަ ތިމާގެ އެކްސްޕެކްޓޭޝަނަކީ ކޮބައިތޯ ބަލާ އެކަންވެސް ޙިއްސާ ކުރާށެވެ. ދިމާވާނެ އުނދަގޫ ދަތި ހާލަތްތަކުގައި ތިމާގެ އަމިއްލަ ނަފްސުގައި ކެތްތެރި ކަމާއި ހިކްމަތްތެރިކަން ހުންނާނެތޯ އަމިއްލަ ނަފްސާއި ސުވާލުކޮށް އެކަން ހާމަ ކުރާށެވެ. ވިސްނަންވީ ކަމަކީ ބިނާކުރެނިވި ޚިޔާލު ތަފާތު ވުމުން ވިޔަފާރިއަށް ރަނގަޅު އަސަރު ކުރާނެ ކަމެވެ. އެކަމަށް ކޮންމެ ޕާޓްނަރަކުވެސް އިޙްތިރާމް ކުރަންވާނެއެވެ. ޒާތީވެ އެއީ ތިމަންނާގެ ޚިޔާލަކަށް ނުވާތީ ދެކޮޅު ހެދުމުގެ މާނައެއް ނެތެވެ. ދެކޮޅު ހެދުމުން ކުރިމަތި ލާންޖެހޭނީ ގެއްލުމާއެވެ.

އިތުބާރު ގެއްލުން

މިއީ ވަރަށް ގިނަފަހަރު ވިޔަފާރީގައި ދިމާވާ ކަމަކެވެ. ޕާޓްނަރުންގެ މެދުގައި އިތުބާރު ގެއްލުމަކީ ވަރަށް ނުބައި ވިހައެކެވެ. ގާނޫނީ ގޮތުން ހެދިފައި ހުންނަ ގަވާއިދާއި އުސޫލު ތަކާއި އަދި ވިޔަފާރީގެ އެއްބަސްވެފައި އޮންނަ ޓާމްސް ތަކާއި ޚިލާފަށް ކަންކަން ކުރެވޭނަމަ އެއީ އިތުބާރު ގެއްލޭނެ ކަމަކެވެ. ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަކީ ހުރިހާ ޕާޓްނަރުންގެ މެދުގައި އިތުބާރާއި ޔާގީންކަން އުފެދޭނެ ކަމަކެވެ. ޕާޓްނަރުން އިޚްތިޔާރު ކުރާއިރު އަބަދުވެސް އެމީހާގެ ބެކްގްރައުންޑް ހޯދާ ބެލުމަކީ މުހިއްމު ކަމަކެވެ. ތަފާތު ނުރަނގަޅު ކަންތައް ކުރިމަތިވެފައިވާ މީހެއްނަމަ އަދި އެމީހާއަކީ އެހާ ދަންނަ މީހެއް ނޫންނަމަ އެފަދަ މީހަކާއި ޕާޓްނާޝިޕް ހެދުމަކީ ރަނގަޅު ކަމެއް ނޫނެވެ. ނަމަވެސް ދަންނަ ގާތް ރައްޓެއްސެއް އެމީހާއާއި ދިމާވި ކަންކަމަކީ ސަބަބު ތަކެއް ހުރެގެން ދިމާވި ކަންކަމަށް ގަބޫލު ކުރެވި އެކަންކަމުގައި މަޝްވަރާ ކުރެވި، އެކަމަށް ދުރާލާ ފިޔަވަޅު އެޅުމަކީ މުހިއްމު ކަމަކެވެ. އަދި ކޮންމެ މީހަކީވެސް ޕާޓްނާޝިޕް އެއްބަސްވުމަށް އިޙްތިރާމް ކުރާ އަދި އޭގައި އެއްވެސް ތަޢާރަޒު ވުމެއް އުފެއްދުމެއް ނެތި ސޮއިކުރަންވާނީ އިޚްލާސް ތެރި ކަމާއި އެކުގައެވެ. އަދި އެގޮތުގައި ދެމިތެބެންވާނެ އެވެ.

އެހެންކަމުން ކޮންމެ ބަޔަކާއެކު ޕާޓްނާޝިޕް ވިޔަފާރިއެއް ކުރަން ނިންމިކަމުގައި ވީނަމަވެސް އަމިއްލަޔަށް އެކަމަށް ފުރަތަމަ ހޯމްވޯކް ހަދާށެވެ. އޭގެ ފަހުން އެކަމަށް ކުރިމަތިލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން