މާޝާ މިދުހަތު   18 ޑިސެމްބަރު 2020 - 14:54
ކޮރޯނާވައިރަސް މުޅި ދުނިޔެއަށް ފެތުރި މި ބަލިމަޑުކަމުގެ އަސަރު ކޮށްފައިވާ 188 ގައުމެއްވެއެވެ. އަދި މިހާތަނަށް މުޅި ދުނިޔެއިން 74.6 މިލިއަން މީހުނަށް މި ބަލި ޖެހިފައިވާއިރު، 1.6 މިލިއަން މީހުން ވަނީ މުޅި ދުނިޔެއިން މިބަލީގައި މަރުވެފައެވެ.

މިބަލި ފެތުރި ޖެހެމުން އައީ އެއްވެސް ނަސްލަކަށް، ކުލައަކަށް އަދި އުމުރަކަށްވެސް އިސްތިސްނާއެއް ނެތިއެވެ. މިގޮތުން މިއީ ކުޑަ ކަމެއްގެ ގޮތުގައި ދޫކޮށްލެވޭވަރު ކަމެއް ނޫންކަން އެނގިގެންދިޔައެވެ.

މި ބަލިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކި ގައުމު ތަކުގައި ތަންފީޒުކުރަން މަސައްކަތް ކުރަމުންދާއިރު ގައުމު ތަކުގެ ވެރިންގެ މެދުގައި ކޮވިޑާ ދޭތެރޭ ދެކޭގޮތް ވަރަށްވެސް ތަފާތެވެ. ބައެއް ގައުމު ތަކުގެ ވެރިން ކޮވިޑާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަމުން ދާއިރު، ބައެއް ގައުމު ތަކުގެ ވެރިންނަށް ކޮވިޑަކީ ބޮޑު ކަމެއްގެ ގޮތުގައި ގަބޫލު ކުރަން އުނދަގޫވެއެވެ. ނަމަވެސް ކޮވިޑް އައިސް ޖެހުނު އިރު ޖެހުނީ އެމީހާއީ ކޮން ފަންތިއެއްގެ ކިހާ ބާރުގަދަ ކޮންފެންވަރެއްގެ މީހެއްތޯ ބަލާފައެއް ނޫނެވެ.

މިގޮތުން މިހާތަަނަށް ކޮވިޑް ޖެހުނު ސިޔާސީ ލީޑަރުންގެ ލިސްޓަށް ބަލާލާއިރު:

- ޑޮނަލްޑް ޓްރަމްޕް އަދި މެލާނިޔާ ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ފަސްޓް ލޭޑީ މެލާނިޔާ ޓްރަމްޕަށް ކޮވިޑް ޖެހިފައިވާކަން އިއުލާން ކޮށްފައިވަނީ އޮކްޓޯބަރުމަހު ދެވަނަ ދުވަހުއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކޮވިޑަކީ މާބޮޑު ކަމަކަށް ނުހަދައި ކޮވިޑާ ބެހޭ ގޮތުން ދޮގު މަޢުލޫމާތުވެސް ފަތުރާފައެވެ.

- ޖެއަރ ބޮލްސޮނާރޯ

ބްރެޒިލްގެ ރައީސް ޖެއަރ ބޮލްސޮނާރޯއަށް ކޮވިޑް ޖެހިފައިވާކަން އިއުލާން ކޮށްފައިވަނީ ޖުލައިމަހުއެވެ. އޭގެ ކުރިން ބްރެޒިލްގެ ރައީސް ވަނީ އެއްވެ އުޅުމަށް ބާރުއަޅައި މި ބައްޔަކީ އާދައިގެ ހުމެއް ކަމަށް ސިފަކޮށްދެއްވާފައެވެ. އަދި ބްރެޒިލްގެ ރައީސް މާސްކް އެޅުމާއި ގައިދުރުކަން އިސްކުރުމުގެ ހިޔާލު އެއްވެސްވަރަކަށް ގެންގުޅުއްވާތަނެއް ފެނިފައެއް ނުވެއެވެ.

- ރީކް މަޗަރ

ސައުތު ސުދާންގެ ނައިބު ލީޑަރު ރީކް މަޗަރ އަދި އަނބިކަނބަލުން އެންޖެލީނާ ޓެލީއަށް ކޮވިޑް ޖެހިފައިވާކަން އިއުލާން ކޮށްފައިވަނީ މޭ މަހު 18 ވަނަ ދުވަހުއެވެ.

- އެލެކްޒެންޑަރ ލުކަޝެންކޯ

ބެލާރުސްގެ ރައީސް އެލެކްޒެންޑަރ ލުކަޝެންކޯ އަށް ކޮވިޑް ޖެހިފައިވާކަން އިއުލާންކޮށްފައިވަނީ ޖުލައި މަހުއެވެ. ބެލާރުސްގެ ރައީސް ކޮވިޑާ ބެހޭގޮތުން ދެކެވެމުން އައި ވާހަކަތައް ދޮގުކޮށް އެއީ ސައިކޯ (ނުވަތަ ސައިކޯސިސް) ވާހަކަތަކެއްކަމަށް ސިފަކުރައްވާފައިވެއެވެ. މީގެ އިތުރުން ބެލާރުސްގެ ރައީސް ވަނީ ސިއްހަތު ރަނގަޅުކޮށް ބެހެއްޓުމަށް ބަނގުއާވީގެ ބާވަތެއް ކަމަށްވާ ވޮޑްކާ ބުއިމަށް ގޮވާލައްވާފައެވެ.

- ޚުއަން އޯލެންޑޯ ޚެނާންޑޭޒް

ހޮންޑިއުރަސްގެ ރައީސް ޚުއަން އޯލެންޑޯ ޚެނާންޑޭޒް އަށް ކޮވިޑް ޖެހިފައިވާކަން އިއުލާންކޮށްފައިވަނީ ޖޫން މަހުއެވެ. ހޮންޑިއުރަސްގެ ރައީސް ވަނީ މިފަހަކުން ވެކްސިން ފޯރުކޮށްދިނުމުގައި ހަމަހަމަކަން އިސްކުރުމަށް އދ އަށް ގޮވާލައްވާފައެވެ.

- ޕްރިންސް ޗާލްސް

އިނގިރޭސިވިލާތުގެ ޝާޙީ އާއިލާއަށް ނިސްބަތްވާ ޕްރިންސް ޗާލްސް އަށް ކޮވިޑް ޖެހިފައިވާކަން އިއުލާންކޮށްފައިވަނީ މާރޗް މަހު 25 ވަނަ ދުވަހުއެވެ.

- ޕްރިންސް އެލްބާރޓް

ޔޫރަޕުގެ ގައުމެއް ކަމަށްވާ މޮނާކޯގެ ޝާޙީ އާއިލާއަށް ނިސްބަތްވާ ޕްރިންސް އެލްބާރޓް އަށް ކޮވިޑް ޖެހިފައިވާކަން އިއުލާންކޮށްފައިވަނީ މާރޗް މަހުއެވެ.

- އަލީ ލަރިޖާނީ

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަލީ ލަރިޖާނީ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އޭޕްރީލް މަހު ދެވަނަ ދުވަހުއެވެ.

- މީޚާއިލް މިޝުސްޓިން

ރަޝިޔާގެ ބޮޑުވަޒީރު މީޚާއިލް މިޝުސްޓިންއަށް ކޮވިޑް ޖެހިފައިވާކަން އާންމުކޮށްފައިވަނީ ރަޝިޔާގެ ރައީސް އާއެކު ބޭއްވި ވީޑިޔޯ ބައްދަލުވުމެއްގައި އޭޕްރީލް މަހުއެވެ.

- ނިކޯލް ޕަޝިންޔަން

އާމީނިޔާގެ ބޮޑުވަޒީރު ނިކޯލް ޕަޝިންޔަން އަދި މުޅި އާއިލާއަށް ކޮވިޑް ޖެހިފައިވާކަން އިއުލާންކޮށްފައިވަނީ ޖޫން މަހުއެވެ.

- ސޯފީ ޓްރޫޑޯ

ކެނެޑާގެ ފަސްޓްލޭޑީ ސޯފީ ޓްރޫޑޯއަށް ކޮވިޑް ޖެހިފައިވާކަން އިއުލާންކޮށްފައިވަނީ މާރޗް މަހު، އިނގިރޭސިވިލާތައް ކުރެވުނު ދަތުރު ނިންމާލެއްވުމަށްފަހުއެވެ.

- އެމްބްރޯސް ޑްލަމީނީ

ސައުތު އެފްރިކާގެ ގައުމެއް ކަމަށްވާ އެސްވަރޓީނީގެ ބޮޑުވަޒީރު އެމްބްރޯސް ޑްލަމީނީ ވަނީ ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް ނިޔާވެފައެވެ. މިއީ ކޮވިޑް ޖެހިގެން ނިޔާވި ގައުމެއްގެ އެންމެ މަތީ ފަންތީގެ ފުރަތަމަ ސިޔާސީ ލީޑަރުވެސްމެއެެވެ.

- އެމަނުއެލް މެކްރޯން

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އަށް ކޮވިޑް ޖެހިފައިވާކަން އިއުލާންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި އިއުލާނަށް ފަހު 7 ދުވަހަށް އެކަހެރިވެ ހުންނަވާނޭކަމަށް ފްރާންސްގެ ރައީސް ވަނީ ވިދާޅުވެފައެވެ.

- ރައީސް މައުމޫން

ދިވެހި ރާއްޖޭގައި 30 އަހަރު ދުވަހު ވެރިކަން ކުރަށްވާފައިވާ ރައީސް މައުމޫން އަބްދުލްގައްޔޫމަށްވެސް ވަނީ ކޮވިޑްގެ އާލާސްކަންފުޅު ޖެހިވަޑައިގެންފައެވެ. އެމަނިކުފާނު ފަރުވާ ހޯއްދެވީ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ބިނާކުރެއްވި 25 ބުރީގެ ބޮޑު ހޮސްޕިޓަލުގެ ކޮވިޑަށް ޚާއްޞަ ކުރެވިފައިވާ ބައިގައި އެނދުމަތިވެ އޮންނަވައިގެންނެވެ. އެމަނިކުފާނަކީ ފެށުނީއްސުރެ ކޮވިޑްގެ ނުރައްކާތެރިކަން ހާމަކުރަށްވައި އާންމުން ހޭލުންތެރިކޮށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތައް އިތުރަށް ބާރު ކުރުމަށް އެދިވަޑައިގެން ޓްވީޓް ކުރަށްވަމުން ގެންދެވި ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން