ކޮވިޑްގެ ސަބަބުން މުޅި ދުނިޔެއަށް ވަނީ މާލީ ގޮތުން ހަނަފަސް ދުވަސްތަކެއް ގުނަން ޖެހިފައެވެ. ރާއްޖޭގެ މާލީ ހާލަތު އެހާ ބޮޑަށް ދަށްވެގެން ދިޔައީ ކޮވިޑާއެކު ރާއްޖޭގެ ރަންބިސްއަޅާ ކުކުޅު ވެސް ބަނޑަށް ޖެހުނީމައެވެ. ކުކުޅަށް ކާން ނުލިބުނީމާ ބިސް އެޅުން ހުއްޓުނީއެވެ. ރާއްޖޭގެ ފަތުރުވެރިކަން ދުވަސް ކޮޅަކަށް ހުއްޓުމުން މުޅި ގައުމުގެ އިގުތިޞާދުވެސް ހުއްޓުނީއެވެ. ގިނަ ރައްޔިތުންގެ އާމްދަނީ ހުއްޓުނީއެވެ. ސަރުކާރަށް ލޯލާރިއެއްވެސް ވަންނާނެ އެހެން ގޮތެއް ނެތުނީއެވެ. ގިނަ ރައްޔިތުންގެ ވަޒީފާތައް ގެއްލި އަނގަޔާ އަތާ ދިމާ ނުވާ ހާލަތަށް ދިޔައީއެވެ.

ފަތުރުވެރިކަން ހުއްޓި ގައުމުގެ އިގުތިޞާދު ހުއްޓުމުން އެންމެ ބޮޑު އަސަރެއް ކުރީ ގައުމުގައި ހުރި މައި ޑޮލަރު ތިޖޫރިއަށެވެ. އެ ތިޖޫރި މުޅިން ހުސްވިކަން އިހުސާސްވާން ފެށީ ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރު އަރައިގެން ގޮސް އަތު ނުޖެހޭ ހިސާބަށް އެރުމުންނެވެ. ރަން ބިސްއަޅާ ކުކުޅު އަލުން ދިރޭތޯ މަސައްކަތް ފެށިއިރު އެ ތިޖޫރި ވެސް ހުރީ މުޅިން ހުސްވެފައެވެ. ދެން މިދެންނެވި ކަޅުބާޒާރުގައި ވިޔަފާރި ހިންގާ މީހުންނަށް ލިބިގެން ދިޔައީ ރަނުގެ ފުރުސަތެކެވެ. ޑޮލަރު ވިއްކާ ވައިބަރ ގްރޫޕްތަކާއި ވަޓްސްއަޕް ގްރޫޕްތަކުގައި ކުރާ އެންމެ ފައިދާހުރި ވިޔަފާރިއަކަށް ވެގެން ދިޔައީ މިދެންނެވި ޑޮލަރުގެ ވިޔަފާރިއެވެ. ކަންކަންމަތީގައާއި ބޭންކްތަކުގެ ދޮރުމަތީގައާއި ކަޑަތަކުގައި އަންބޮނޑިއަށް އަޅައިގެން ވެސް ޑޮލަރު ވިއްކަން ފެށީއެވެ. އެއީ ކޮންތާކުން ނެރޭ އެއްޗެއް ކަމެއް ވެސް ނޭނގެއެވެ. ހަމަގައިމުވެސް އެ ޖަހާ މެޝިނެއް ނުލިބޭނެއެވެ.

ބުނެވޭ ގޮތުގައި އަންބޮނޑީގައި ބަހައްޓައިގެން އެންމެ ގިނައިން ޑޮލަރު ވިއްކަނީ ބިދޭސީންނެވެ. ޚާއްޞަކޮށް ބަންގާޅު ބޭފުޅުންނެވެ. ވައިބަރ ގްރޫޕްތަކުގައި ވެސް ޑޮލަރު ހަމަ ހަބޭހެވެ. ލައިސަންސެއް، ހުއްދައެއް، ލިއުމެއް އޮތްތޯ ނެތްތޯ ބަލާނެ އިދާރާއެއް ނެތެވެ. އެހެންވީމާ މި ވިޔަފާރި މިވީ އެއްވެސް ހުއްދައެއްނެތި އެންމެންނަށް އެނގޭ ގޮތަށް ކުރާ ވަގު ވިޔަފާރިއަކަށެވެ.

މީގެ އެންމެ ހިތި ދެރަ ނަތީޖާއަކަށްވީ ބާޒާރުގައި އާންމުކޮށް ބޭނުން ކުރާ ބާވަތްތަކުގެ އަގުތައް އަތްފޯރާ ފަށުން ނެއްޓިގެން ދިއުމެވެ. ރައްޔިތުންނަށް ސިޔާސީ ލީޑަރަކު ވިދާޅުވެ ދެއްވި އެންމެ ސިއްހަތަށް ފައިދާހުރި ރަނގަޅު ބޭހަކީ ނުވަތަ ކާނާއަކީ ހެނދުނުގެ ނާސްތާއަށް ދޮންކެޔޮވަކަކާއި ކިރުތަށްޓެކެވެ. އެއީ މިދެންނެވި ސިޔާސީ ލީޑަރުގެ ވެސް އަދި އެސިޔާސީ ލީޑަރުގެ ޕާޓީގެ ވެސް މުހިންމު ވަޢުދެކެވެ. ކޮންމެ ކުއްޖަކަށް ކިރުތަށްޓަކާ ދޮންކެޔޮވަކެއް ލިބޭނެ ކަމުގެ ވަޢުދެވެ. އެވަޢުދު ފުއްދުމަށް މިސަރުކާރުން ފެށީ ހެނދުނުގެ ނާސްތާއިންނެވެ. ނާސްތާގައި ހަމަ ގައިމުވެސް ކިރު ޕެކެޓެއް ކޮންމެ ދުވަހަކު ލިބެއެވެ. ފަހުން ދޮންކެޔޮ ވަކަށް ވީ ގޮތެއް ނޭނގެއެވެ.

ދެން މިދެންނެވި ލީޑަރުގެ އިރުޝާދާއެކު ނިކަން ގިނަ ރައްޔިތުން އެމީހުންގެ ދަރީންނަށް ކޮންމެ ދުވަހަކު ދޮންކެޔޮ ވަކަކާއި ކިރުތަށްޓެއް ދޭން ފެށިއެވެ. ނަމަވެސް އިސާހިތަކު ގައުމުގައި ދޮންކޭލުގެ ޑިމާންޑް ބޮޑުވެ ކެޔޮވަކެއް ފަސް ރުފިޔާއިން މައްޗަށް ގޮސް ދިހައަކާއި ގާތްވީމާ އެވެސް ގިނަ މީހުން ހުއްޓާލީއެވެ. ދެން ކިރު ތަށި ނިކަން ފަސޭހައިން ލިބޭތީ އެންމެންވެސް ދަރީންނަށް ދޭ އެންމެ ފަސޭހައިން ލިބޭ އެންމެ މޮޅު ކާނާއެއްގެ ގޮތުގައި ބަލައިގެން ކިރުތަށި ގަވާޢިދުން ދެމުން ދަނިކޮށް ކޮވިޑާއެކު ބާޒާރުގައި މުދަލުގެ އަގު އަތް ނުފޯރާފަށަށް އަރަމުން ދިޔައިރު އެންމެ ހަލުއިކޮށް، އެންމެ ބޮޑު ތަފާތަކާއެކު ބޮޑުވަމުން ދިޔަ ބާވަތަކީ ކިރެވެ.

ކޮވިޑް ލައިގެން އިރު 310 އަށް އާންމުކޮށް ލިބުނު ކިރުދަޅު މިހާރު ހުރީ އުމަރު ގެންގުޅުއްވާ ހަރުގަނޑަށް އަރައިގެން ވެސް އަތް ނުފޯރާ ވަރަށް މައްޗަށް އަރާފައެވެ. 310 ރުފިޔާއަށް ވިއްކި ކިރު ދަޅު ކޮވިޑާއެކު ފުރަތަމަ ބޮޑުވީ 330 ރުފިޔާއަށެވެ. ދެން އައީ ޑޮލަރުގެ ތަދުމަޑުކަމެވެ. ވިޔަފާރިވެރިން މުދާ ގެންނަން ޑޮލަރު ލިބޭނެ ކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ. ނަމަވެސް ވިޔަފާރިވެރިން ބުނަނީ މުދާ ގެންނަން ޓީޓީ އާއި އޯޑީ ވެސް ހެދެނީ ބޮޑު އަގުގައި ޑޮލަރު ގަނެގެން ކޮންމެވެސް ވަރެއް އަތުން ވެސް ލައިގެން ކަމަށެވެ. މިހެން ކިޔާފައި އަންބޮޑިން ޑޮލަރު ގަނެގެން އަތުން ޑޮލަރުކޮޅެއް ލައިގެން މުދާ ގެންނާތީ ބައެއް ވިޔަފާރިވެރިން ކިރުގެ އަގު ބޮޑު ކުރަން ފެށީއެވެ. ދެން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފެލެން ފެށުމުން 330 ގައި ހުރި ކިރު ދަޅު 374 އަށް ބޮޑުވީއެވެ. އެހެންވީމާ މިހާރު ދެން ގިނަ އާއިލާތަކަށް އެއްކަލަ ކިރުތަށި ދޭން މިޖެހެނީ ބަންގާޅު ބޭފުޅުން ހެދިކާ ހަދާން މަސް ލާ ގޮތަށެވެ. އެބޭފުޅުން ހެދިކާ ހަދާއިރު މަސްކޮޅު ބައިންދަނީ މަސްގަނޑު މޮޑޭ ތަށީގެ ކައިރީގައި ފެންނަ ހިސާބުގައި ކަމަށް ވެއެވެ. ހަމަ އެގޮތަށް މިއަދު ކިރުތަށިވެސް ހަދާން މިޖެހުނީ އެގޮތަށެވެ. ކިރު ދަޅު ކައިރީގައި ބައިންދައިގެން ކިރުތަށި ގިރާން ޖެހޭ ހިސާބަށް ދިޔައީއެވެ.

ރަނގަޅު ވާހަކައެކެވެ. ކޮވިޑާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް މުދާ ހުސްވެ މުދަލުގެ އަގަށް ވެސް ބަދަލު އައެވެ. ރާއްޖެއަކީ ދަތްކޮށްޓާ އިލޮށިކޮޅުވެސް ބޭރުން އެތެރެކޮށްގެން ވިއްކާ ގައުމެކެވެ. އެހެންވީމާ އުފެއްދުން ތެރިކަން ނެތް ގައުމެއްގައި މިފަދަ ބަލިމަޑުކަމުގެ ހާލަތުގައި އާންމުކޮށް ބޭނުންކުރާ ޒަރޫރީ ބާވަތްތަކުގެ އަގުތައް ރައްޔިތުންގެ އަތް ނުފޯރާ ފަށަށް ދާ ކަމަށް ވަންޏާ އޮބަހައްޓައި ކޮންޓްރޯލް ކުރެވެން ޖެހެއެވެ. މިފަދަ ބަލިމަޑުކަމުގެ ހާލަތުގައި މިކަންކަން ހަރުދަނާ ކަމާއެކު ކަމާބެހޭ އިދާރާތަކުން ބަލަހައްޓަން ޖެހެއެވެ. އެހެންނޫނީ ރައްޔިތު މީހާއަށް ކެވޭނީ ދޮންކޭލެއްވެސް ނޫނެވެ. ބޮވޭނީ ކިރުތަށްޓެއްވެސް ނޫނެވެ.

ނުފޯރާ ފޮތިން ފޫގަޅަން އުޅުނީމާ ފެންނާނީ ކޮންތަނެއްކަން އަޅުގަނޑުމެން އެންމެންނަށް އެނގޭ ފަދައިން ކިރު ދަޅަށް އަތް ނުފޯރާން ފެށީމާ ރައްޔިތު މީހާއަށް ވާނެ ގޮތް އަޅުގަނޑަށްވުރެ ބޮޑަށް އެނގިވަޑައިގަންނަވާނީ ސިޔާސީ ބޭފުޅުންނަށެވެ. ވެރީންނަށެވެ. ވަޒީރުންނަށެވެ. ސަރުކާރު ހިންގާންތިބި މީހުންނަށެވެ. އެކަމަކު އެބޭފުޅުންނަށް ގިނަ ފަހަރަށް ކަންކަން ވިސްނިވަޑައި ގަންނަވަނީ ކަންކަން ފާލުން ނެއްޓި ރައްޔިތުންވެސް ފާލުން ނެއްޓުނީމައެވެ.

ކިޔުންތެރިންގެ ހިޔާލު


0

ކަބޯ

15-Jan-2021

ލިބޭމުސާ ބޮޑެންނުވޭ ތަކެތީގެ އަގު ކޮންމެ ދުވާލަކުއެއްފަހަރު ބޮޑުވެގެން ދަނީ