ކޮރޯނާވައިރަސްއާއި ގުޅިގެން ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރުމަށް ތައްޔާރުކުރި ވިލިވަރުގައި އިތުރު 70 ކޮޓަރި އެޅުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ މާލެއާ މާ ދުރުނޫން ހިސާބެއްގައި ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގަމުންއައި ވިލިވަރުގައި މިހާރު ބޭނުންކުރަމުންއަންނަ 30 ކޮޓަރީގެ ކަރަންޓީން ފެސިލިޓީގެ އިތުރުން، އެރަށުގައި އިތުރު 70 ކޮޓަރި އެޅުމަށް ނިންމާފައިވާ ކަމަށެވެ. ވިލިވަރަކީ މަޝްހޫރު ވިޔަފާރިވެރިޔާ ހެންވޭރު ސީސައިޑް މުޙައްމަދު ޢަލީ ޖަނާހުގެ ރަށެކެވެ. ޖަނާ މިރަށް ސަރުކާރަށް ދޫކޮށްފައިވަނީ ހިލޭ ސާބަހަށްކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިތުރު ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި އއ. ވެލިދޫ ރިޒޯޓް ބޭނުންކުރުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރ މިއަދު ވަނީ ހާމަކުރައްވާފައެވެ. ވެލިދޫ ރިސޯޓަކީ މިވަގުތު ޚިދުމަތް ހުއްޓާލާފައިވާ ރަށެކެވެ. ރާއްޖޭގައި މިވަގުތު އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުންދަނީ ފަރުކޮޅުފުށީގައި ޤާއިމުކުރި މަރުކަޒެވެ.

ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު މިހާރުވެސް 13 ރިސޯޓެއް އޮތީ މޮނީޓަރިންގެ ޙާލަތުގައެވެ. އަދި މިއަދުގެ 18:00 އިން ފެށިގެން ރިސޯޓުތަކުން މީހުން އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. މީގެއިތުރުން މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ ގެސްޓް ހައުސްތަކުގައި ވެސް ފަތުރިން ބެއިތިއްބުން މިއަދު 6:00 އިން ފެށިގެން ވަނީ މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން