އިދިކޮޅު ޕީޕީއެމުން އިންސާފު ހޯދުމަށް ކޯޓު ކައިރީ ކުރި އިޙްތިޖާޖެއް
އިދިކޮޅު ޕީޕީއެމުން އިންސާފު ހޯދުމަށް ކޯޓު ކައިރީ ކުރި އިޙްތިޖާޖެއް
ލޯކަލް ކައުންސިލް އިންތިހާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއްގެ ކެންޑިޑެސީ އިލެކްޝަން ކޮމިޝަނުން ބާތިލުކުރި މައްސަލަ ކޯޓަށް ވައްދާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އީސީން ޝަރުތު ހަމަނުވާކަމަށް ބުނެ ކެންޑިޑެސީ ބާތިލުކުރި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލި ހަސަން މޫސާގެ ކުށުގެ ރިކޯޑެއް ނެތްކަމަށް ކޯޓުތަކުން ދީފައިވާ ލިޔުމާއިއެކު، އީސީން ވަނީ އޭނާގެ ކެންޑިޑެސީ ބަލައިގެންކަމުގެ ލިޔުންވެސް ހަވާލުކޮށްފައެވެ. އަދި އޭގެ ފަހުން ޙަސަން މޫސާގެ ކެންޑިޑެސީ ބާތިލް ކޮށްފައިވާތީ އެ މައްސަލަ ކޯޓަށް ހުށައަޅާނެކަމަށް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވަނީ ވިދާޅުވެފައެވެ.

ހަސަން މޫސާގެ ކެންޑިޑެސީ ބާތިލް ކުރުމާގުޅޭގޮތުން އިލެކްޝަން ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު، ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް ހަސަން މޫސާގެ ކިބައިގައި ފުރިހަމަނުވާކަން، އެކޮމިޝަނަށް ސާބިތުވާ ކަމަށެވެ.

ހަސަން މޫސާއަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ފުރިހަމަވާ ފަރާތެއް ނޫންކަމަށް އެކޮމިޝަނުން ކަނޑައަޅައިފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ދެ ކެންޑިޑޭޓަކު ކުރިމަތިލާފައިވެއެވެ. އެއީ ޕީޕީއެމްގެ ފަރާތުން ކުރިމަތިލި ހަސަން މޫސާއާއި އެމްޑީޕީގެ ފަރާތުން ކުރިމަތިލި އަހްމަދު ރީހާން އެެވެ. އީސީން ހަސަން މޫސާގެ ކެންޑިޑެސީ ބާތިލް ކުރުމާއެކު ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް ރީހާން އަށް އިންތިޚާބަކާނުލައި އެ ގޮނޑި ކަށަވަރުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން