ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބަކީ އެމްޑީޕީން ބުނާ ގޮތުންނަމަ ޒަމާނީ ޑިމޮކްރެސީއަށް ނުފެތޭ މަރުކަޒީ ނިޒާމު ނިމުމަކަށް ގެނައުމަށް އެމްޑީޕީން ތާއީދުކުރާ ނިޒާމެކެވެ. އެމްޑީޕީން މި ނިޒާމާއި މެދު ފަޚުރުވެރި ވަނީ ރައްޔިތުންގެ ކަންކަން ހިންގުމަށް، ރަށްރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ރަށް ތަރައްގީކޮށް ހިންގުމަށް ރަށުގެ ރައްޔިތުންގެ ތާއީދުއޮތް ރައްޔިތުން ބަލައިގަންނަ ބަޔަކާއި އެކަން ހަވާލު ކުރެވޭތީއެވެ. ރައްޔިތުންގެ ބަހެއް ނެތި އެއިރެއްގައި ވެރިކަމުގައި ހުންނަ މީހަކަށް ފެންނަ މީހަކު ރަށް، ހިންގާށާއި އަތޮޅު ހިންގާން ލައިގެން އެމްޑީޕީއަށް ކަމު ނުދިޔައީ އެމްޑީޕީއަކީ ޒަމާނީ ޑިމޮކްރެސީއަށް ތާއީދު ކުރާ ބަޔަކަށް ވާތީއެވެ. ރަށު ތަރައްގީ މާލޭގައި ފިނި ކޮޓަރީގައި ތިއްބަވާ މީހުންގެ މުށުތެރެއިން ނެރެ ރައްޔިތުންގެ ގާތަށް ރަށްރަށުގެ ވެރިކަން ބަދަލު ކުރަން އެމްޑީޕީން ވަކާލާތު ކުރަނީ ފިނިކޮޓަރީގައި ތިބޭ މީހުންނަށް ރަށްރަށުގެ ރައްޔިތުންގެ ހާލަތު ނޭނގޭނެތީއެވެ.

މިއީ ކިތަންމެހާވެސް ސަޅި މޮޅު ވިސްނުމެކެވެ. އެމްޑީޕީ އެދައްކާ ލާމަރުކަޒީގެ ކުލަތައް ކިތަންމެހާ ވެސް ފުރިހަމަ ވެފައި ޗާލެވެ. ރަށުގެ ރައްޔިތުން ނުރުހުނަސް، ރުހުނަސް ވެރިއަކަށް ހުންނަ މީހެއްގެ ބާރުއޮންނަ އޭނާގެ ގާތް އެކުވެރި، ނުފޫޒާ ބާރު އޮންނަ މީހަކު ރަށް ހިންގާށާއި އަތޮޅު ހިންގާން ލައިގެން އެވެރިން ކުރި ކަމަކީ އިންތިުޚާބުތައް އަންނަ އިރަށް ކަރުތާ ފެނުގައި ގޯތިދޭން ކަޑަ ޖެހުމާއި ބިންގާތައް އެޅުމެވެ. ދެން އިންތިޚާބުގައި ރައްޔިތުން ވޯޓުލާން ދާއިރު އެވެރިން ތިބެނީ ވޯޓުފޮށި މަތީގައި އަތްއަޅައި ބަނޑުވެސް އަޅައިގެންނެވެ. ކެއި އެއްޗެހި ގިނަ ކަމުން ވޯޓު ފޮށީގައި ބަނޑު އެޅޭ ވަރަށް ވުރެ ބޮޑިއްޔާ ވޯޓުފޮށި މަތީގައި އިށީނދެގެންނެވެ.

ދެން ރަށް ތަރައްގީ ކުރާ ނަމުގައި މާލެއިން ގެންދާ ސިމެންތިކޮޅާ ދަގަނޑުކޮޅާ ހޮޅިކޮޅާ ފިލާ ކޮޅަށް ވާ ގޮތެއް ނޭނގޭނެއެވެ. އަހަރު ނިމޭއިރު ހިސާބުކުރާއިރު އެތަކެތި ހުންނާނީ ކަތީބުގެ ބަނޑަހަގޭ ތެރޭގައެވެ. އެމްޑީޕީން ލާމަރުކަޒު ކުރަން އުޅެނީ މި ސަގާފަތް ނެތިކޮށްލާން ވެގެންނެވެ. ރައްޔިތުންގެ ބަހެއް ނެތި ހަމަ އެކަކުވެސް ރައްޔިތުންގެ ކަންކަން ބަލަހައްޓައި ރަށް ހިންގާން ހަވާލު ނުކުރާން އުޅެނީ މި ސަގާފަތް ބަދަލު ކުރާން ވެގެންނެވެ.

ލާމަރުކަޒުކޮށް ގައުމު ހިންގާން ގާނޫނު ހެދީ އެހެންވެގެންނެވެ. އެގާނޫނު ހަދައިގެން ރަށުގައި 200 މީހުން ތިއްބަސް ކައުންސިލަރުން ބައިތިއްބައިގެން ރަށް ހިންގާން އެމްޑީޕީން އުޅެނީ އެރަށްތަކުގެ ރައްޔިތުން މައިސަރުކާރަށް ސަލާން ނުޖަހައި އުޅެވޭނެ ގޮތް ހެދުމަށެވެ. ލާމަރުކަޒު ކުރަމުން ގޮސް މިހާރު އެބުނާ ލާމަރުކަޒީ ގާނޫނު އެއޮތީ ރަށުގެ ބަޖެޓުވެސް މައިސަރުކާރުން ވަކިކޮށް ކައުސިލަށް ދޭ ގޮތަށް ހަދައިފައެވެ. ރަށަށް ލިބޭ އާމްދަނީވެސް އަދި ރަށުގެ އިހުތިސާސް ގައި ހިމެނޭ ރަށްރަށުންނާއި އެހެނިހެން ގޮތްގޮތުން ވެސް ރަށްކައިރިން ލިބޭ އާމްދަނީ މިހާރު އެވަނީ އެރަށެއްގެ ކައުންސިލަށް، ރައްޔިތުންނަށް ލިބޭ ގޮތަށެވެ.

އެހެންވީމާ އެންމެންމެ ހީކޮށްގެން މިތިބީ ރައްޔިތުންގެ ރުހުމެއް ބަހެއް ނެތި މިއިން އެންމެ ކައުންސިލަރަކުވެސް ދެން މަގާމަށް ނާންނާނެ ކަމަށެވެ. އެމްޑީޕީން ދައުވާ ކުރާ ފަދައިން ރައްޔިތުންގެ ވޯޓަކާއި ނުލައި ރައްޔިތުންގެ ކަންކަން ހިންގާން ހަމަ އެންމެ މީހަކުވެސް ދެން ނާންނާނެ ކަމުގެ ފޮނި އުއްމީދުގައެވެ.

އެކަމަކު މިއަދު މި އިވޭ އަޑުތަކުންނާއި ފެންނަ މަންޒަރުތަކުން ކުރިން ހީކޮށްގެން ތިބި ގޮތާއި ކަންހިނގާ މަގާއި ވަރަށް ތަފާތުކަން އެނގިއްޖެއެވެ. ކަން ހިނގާމަގު ރަނގަޅަށް ވިސްނާލިއިރު ކައުންސިލަރު ކަމަށް ރައްޔިތުން ކިތަންމެ ނުރުހުނަސް އެބަ އާދެވެއެވެ. އެންމެ ރައްޔިތަކު ވޯޓެއް ނުލިޔަސް އެއްކަލަ ބޮޑު ފުޅާ ލާމަރުކަޒު ގޮނޑި އެބަ ލިބެއެވެ.

މިހާރު އެންމެ ބާރަށް އިވޭ އެއްއަޑަކީ ކެންޑިޑޭޓުން ނަން ނެގުމާއެކު އަނެއް ކެންޑިޑޭޓަށް އިންތިޚާބަކާއި ނުލައި، ރައްޔިތަކު ހަމަ އެންމެ ވޯޓުގަނޑެއް ވެސް ނުލައި ކައުސިލަރުކަން ލިބޭ ވާހަކައެވެ.

މިވަނީ ހަމަ ސުވާލު އުފައްދަން ރަނގަޅު ގޮތެކެވެ. ބައެއް ރަށްރަށުން ބުނާ ގޮތުގައި ދެތިން މީހުން ގޮނޑިއަށް ކުރިމަތިލާފައި ޑީލް ހަދައިގެން ނަން ނެގީމާ ރައްޔިތުން އެއްވެސް ވޯޓެއް ނުލައި އެބުނާ ފުރިހަމަ ޑިމޮކްރެސީގެ ލާމަރުކަޒީ ގޮނޑި ލިބެނީއެވެ. ނޫނީ ލިބިފައިވާ ބާރެއްގެ ބޭނުން ކޮށްގެން ވާދަވެރިޔާގެ ޝަރުތެއް ހަމަނުވާކަމަށް ހަދައި އޭނާގެ ކެންޑިޑެސީ ގެއްލުވާލަނީއެވެ. މިއީ އެބުނާ ލާމަރުކަޒު ކުރިއިރު ވާގޮތެވެ. އެބުނާ ޒަމާނީ މޮޅު ޑިމޮކްރެސީގައި މިހާރު އޮންނަ ގޮތެވެ.

މިމައްސަލައިގައި މީސް މީޑިއާގައި ބައެއް އާންމުން ފާޑުކިޔަމުން ދަނިކޮށް އެންމެ އަޅައިގެން އެއް ފާޑުކިއުމަކީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ މިކަމުގައި ވިދާޅުވި ބަސްފުޅެކެވެ. ގާނޫނު ތަންފީޒު ކުރަށްވާން ކޯޓު ތުރުކުރަށްވައިގެން ހުންނެވި އިރު އެވާހަކަ ދެއްކެވި އަޑެއް ނާހަމެވެ. އެކަމަކު މިއަދު އެގާނޫނުގައި އޮތް ހިމުން ބާގަނޑު ޑރ. ދީދީއަށް ވެސް އެވަނީ ވަރަށް ސާފުކޮށް ފެނިވަޑައިގެންފައެވެ.

ޑރ. ދީދީ ވިދާޅުވާހެން އެގޮތަށް މެންބަރުން އިންތިޚާބު ކުރަން ހަމަ އެންމެ ރަނގަޅީ ޖަމިއްޔާ ޖަމާއަތްތަކުގެ ހިންގާ ކޮމިޓީ ތަކަށެވެ. ގިނަ ޖަމިއްޔާތަކުގައި ހިންގާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކޮށް އުޅެނީ އެގޮތަށެވެ. އެކުގައި އެކަމުގައި އުޅޭ ބަޔަކު މަގާމުތަކަށް ހޮވާފައި އެކަން ނިންމަލާނީއެވެ.

"‏ތިޔައީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ކޮމިޓީތަކަށް މެންބަރުން ހޮވުމުގައި ޢަމަލުކުރަން ރަނގަޅު އުޞޫލެއް. ރާއްޖޭގެ އިންތިޚާބާ ބެހޭ ޤާނޫނުތައް އިޞްލާޙްކޮށް ރައްޔިތުން ފުރިހަމަގޮތުގައި ރެޕްރެޒެންޓް ކުރެވޭނެ އިންތިޚާބީ ނިޒާމެއް ޤާއިމުކުރަންޖެހޭ." ގާނޫނު އަސާސީއަށް ބޮޑެތި ސިންގާ އިސްލާހު ގެނަސް ބާގަނޑުތައް ބައްދައި އިތުރު ދޫތައްދީ ގާނޫނުހަދައި ކުރިންހެދި ގާނޫނުތައް އިސްލާހު ކުރަމުންދާއިރު މިބޮޑު ބާގަނޑު ބަންދާން މަސައްކަތް ކޮށްފައި ނުވާކަން ފާހަގަ ކުރަށްވަމުން ޑރ އަހުމަދު އަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ގިނަ ބަޔަކަށް މިކަން ފާހަގަވާން ފެށީ އެއޮށްބޮޑު އައްޑޫ ސިޓީގެ ތިން ގޮނޑި ރައްޔިތެއްގެ އެއްވެސް ވޯޓަކާއި ނުލައި ކެންޑިޑޭޓުން ކާމިޔާބު ކުރުމުންނެވެ. މިނޫންވެސް އިތުރު ފަންސަވީހަކަށް ގޮނޑިއެއް ރައްޔިތެއްގެ ވޯޓާ ނުލައި "ނަގައިގެންފައި" އެބަހުއްޓެވެ. މިގޮތަށް ގޮނޑި އަތުލެވޭނަމަ މިއީ އަދި ކުރީން އޮތް އެބުނާ ވޯޓުފޮށިމަތީގައި އަތް އެޅުމާއި ބަނޑު އެޅުމަށް ވުރެވެސް މާ ކަޑަ ގޮތެކެވެ. އެކަމަކު މިހާރު އޮންނަ ގޮތުން ބަޔަކަށް ފައިދާވާ ކަމެއްގައި އެމީހުން މީގެ އަނެއްކޮޅު ދައްކައި ހަމަ އަޅައި މިހެން ބުނާ މީހަކު ބަލި ކޮށްލާނެއެވެ.

އެކަމަކުވެސް ހަގީގަތް ވާނީ ހަމަ ހަގީގަތަށެވެ. އިންތިޚާބެއް ބާއްވައިގެން ރައްޔިތުން ވޯޓުލައިގެން ހޮވަން ޖެހޭ މަގާމެއް، ލިބެން ޖެހޭ ގޮނޑިއެެއް އިންތިޚާބެއް ނުބާއްވައި އެންމެ ރައްޔިތަކުވެސް ވޯޓެއް ނުލައި އެގޮނޑިއެއް، އެމަގާމެއް "ދަމައިގަތުމަކީ" ޒަމާނީ ޑިމޮކްރެސީއެކޭ ދެންނެވޭކަށް ނެތެވެ.


ކިޔުންތެރިންގެ ހިޔާލު


6

ކިނބޫ

20-Feb-2021

މިބައިމީހުނާ ދެކޮޅަށް ލާ ވޯޓެއް ވިއްޔާ ނަގަނީ ވަގަށް. އެހެންވީމަ ތިގޮތްވެސް ރަނގަޅުވާނެތާ! މިހާރުވެސް އެތިބީ ރައްޔިތުންގެ ވޯޓު ވަގަށް ނަގައިގެން ނަހަލާލު ވެރިކަމަކަށް ސަނގަލާ ޖެހިގެން ވިއްޔަ



ޓްރެންޑިން