ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު
ކޯވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ލީޑްކުރުމުގައި އދގެ ސިއްހަތާ ބެހޭ ޖަމްއިއްޔާ އިން ކުރަމުންދާ މަސައްކަތަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތް ކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ނަން-އެލައިންޑް މޫވްމަންޓް (ނާމް)ގެ ކޯވިޑް-19 ރެސްޕޮންސް ކޮންޓެކްޓް ގްރޫޕްގެ ބައްދަލުވުމުގައި ވީޑިއޯ ކޮންފަރެންސްކޮށް މިނިސްޓަރު ޝާހިދު ދެއްވި ބަޔާނުގައި ކޯވިޑް-19 އިން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު މެމްބަރު ގައުމުތަކާ ހިއްސާ ކުރައްވައި، ވައިރަސްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވަމުންދާ ގެއްލުންތަކުގެ މައުލޫމާތު ވަނީ ދެއްވާފައެވެ.

އަދި މިހާރު ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަނެވޭނީ އެންމެން އެކުއެކީ ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ވިދާޅުވެ، އެންމެން އެކަތިގަނޑަކަށް ވުމަށް މިނިސްޓަރު ޝާހިދު ގޮވާލެއްވިއެވެ.

ރާއްޖެފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަކީ މައިގަނޑު އެއް ސިނާއަތަކަށް އިގްތިސޯދު ބަރޯސާވެފައިވާ ގައުމުތަކެއްކަން ފާހަގަކުރައްވައި، ބޭރުން އަންނަ ލޮޅުންތަކުގެ އަސަރު އިގްތިސޯދަށް ވަރަށް ބޮޑަށް ކުރާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމާއި ގުޅިގެން ރާއްޖެއަށް ލިބޭ އާމްދަނީ ވަރަށް ބޮޑުތަނުން މިއަހަރު ދަށަށް ދާނެކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވަނީ ނާމްގެ މެމްބަރުންގެ ގޮތުގައި ތިބި ކުދި ގައުމުތަކަށް ދިމާވާ މި ގޮންޖެހުންތައް ބައިނަލްއަގުވާމީ ސަމާލުކަމަށް ގެނައުމަށް އެޖަމާއަތުގެ މެމްބަރު ގައުމުތަކަށް ގޮވާލައްވާފައެވެ. އަދި ވަކިން ހާއްސަކޮށް މިދަނޑިވަޅުގައި ގައުމުތަކުގެ ބޭރުގެ ދަރަނިތައް އަދާކުރުން މަޑުޖައްސާލުމުގެ މުހިއްމުކަން ޝާހިދު ފާހަގަކުރެއްވިއެވެ.

މިދަނޑިވަޅުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ރާއްޖޭގެ ތަރައްގީގެ ބައިވެރިންގެ ފަރާތުން، ހާއްސަކޮށް ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުން، ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވިއެވެ. ކޯވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމަށް ނާމްގެ ޓާސްކްފޯސްއެއް އެކުލަވާލުމަށް މިސަމިޓްގައި ނިންމި ނިންމުމަށް ވެސް މިނިސްޓަރު ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ނާމް މެމްބަރު ގައުމުތަކަށް މިވަގުތު ބޭނުންވާ އަސާސީ ތަކެއްޗާއި ބޭހުގެ ބާވަތްތައް، މި ޓާސްކްފޯސްއާއި ހިއްސާކުރުމުން، އެހީދޭ ގައުމުތަކާ، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާ އަދި ހެޔޮއެދޭ އަމިއްލަ ފަރާތްތައް މެދުވެރިކޮށް މި އެހީތައް ހޯދުމަށް މި ޓާސްކްފޯސް އިން މަސައްކަތްކުރާނެއެވެ.

120 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ ނަންއެލައިންޑް މޫވްމަންޓަކީ އދ ފިޔަވައި ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޖަމްއިއްޔާއެވެ. ރާއްޖެއަކީ 1976 އޮގަސްޓް 15އިން ފެށިގެން ނާމްގެ ހަރަކާތްތެރި މެމްބަރެކެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން