ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް : އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) ގެ ކައުންސިލް އޮފް މިނިސްޓަރުންގެ 25 ވަނަ ބައްދަލުވުމުގެތެރެއިން
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް : އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) ގެ ކައުންސިލް އޮފް މިނިސްޓަރުންގެ 25 ވަނަ ބައްދަލުވުމުގެތެރެއިން
އިންޑިއާ ކަނޑުގެ ސަރަޙައްދީ ހަމަޖެހުމާއި ސަލާމަތަކީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށާއި ވިލުންތެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އިއްޔެ ކުރިއަށްދިޔަ، އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) ގެ ކައުންސިލް އޮފް މިނިސްޓަރުންގެ 25 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ޚާރިޖީ ވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، އަޔޯރާގެ މިނިސްޓީރިއަލް ބައްދަލުވުމެއްގައި އެކަމަނާ ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ޚާރިޖީ ވަޒީރު ވަނީ، މިހާރު ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް، ރާއްޖޭގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ކަމަށްވާތީ، ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޔޯރާ މެދުވެރިކޮށް ޢަމަލީ ފިޔަވަޅުތަކެއް އެޅުމަށް ވަޒީރު ގޮވާލެއްވިއެވެ.

އަޔޯރާގެ 23 މެންބަރު ޤައުމަކާއި ޑައިލޮގް ޕާޓްނަރުންގެ ގޮތުގައި ހިމެނޭ 12 ޤައުމެއްގެ ވަޒީރުންނާއި އިސް ވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގެ ހަވާސާގައި، ވަޒީރު އިރުތިޝާމް ވަނީ އެކި ޤައުމުތަކުގެ ވަޒީރުންނާ ބައްދަލުކުރައްވައި، ދޭދޭ ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އިންޑިއާ ކަނޑުގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އުފެއްދުމަށް 1997 ގައި އުފެއްދި އަޔޯރާގެ މެންބަރަކަށް ރާއްޖެ ވެފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. މި ބައްދަލުވުމުގައި ވަޒީރުގެ އަރިހުގައި އިންޑިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢާއިޝަތު ޢަޒީމާ އަދި އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހީމް ޒުހުރީ ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް