ޞާދިރު ޢަލީދީދީ   5 މޭ 2020 - 16:2
ނިދިގަދަ މީހުން ނިދާފައި ހުރެގެން މަޖާކަންތަކުރޭ
ނިދިގަދަ މީހުން ނިދާފައި ހުރެގެން މަޖާކަންތަކުރޭ
ހަސަންބެއަކީ އާދަޔާ ޚިލާފަށް ނިދިގަދަ މީހެކެވެ. ރޯދަމަސް ނޫންމަސްމަސްމަހުގައިވެސް ހަސަންބެއަކީ ނިދާފައި ހުރެގެން މަގުމަތީ ހިނގާވެސް ހަދާ މީހެކެވެ. އަދި ނިދާފައިހުރެގެން ކައިބޮއެވެސް ހަދައެވެ. އެހެންނަމަވެސް ދުވާލުވީމާ އެވާހަކަ ދެއްކިއަކަސް އެފަދަކަމެއް ހިނގިކަމެއް ހަސަންބެއަކަށް އެނގޭކަމަކަށް ނުވެއެވެ. ކޮންމެ އަހަރަކުވެސް ރަމަޟާންމަހު ނިދާފައި އިނދެގެން ހާރުކެއުމުގެ ތެރޭގައި ވަރަށް މަޖާކަންތައް ހަސަންބެ ކުރާކަމަށް ވެއެވެ.

ވަރަށް މަސްނުބާނާ ރަމަޟާން މަހެކެވެ. ދިވެހިންގެ އާދަކާދައިގެ ގޮތުން މައިގަނޑު ލައިގެންކާ އެއްޗަކީ މަހެވެ. ޚާއްޞަކޮށް އިހުޒަމާނުގައި މަސް ނުލިބިއްޖެނަމަ ލައިގެންކާނެ އެއްޗެއް ނުލިބުނީއެވެ. ހަސަންބެގެ އާދައިގެމަތިން އަންހެނުން ހާރުކާން ގޮވީމާ ތެދުވެގެން ކާމޭޒުދޮށަށް ދިޔައިރުވެސް ހަސަންބެ ހުރީ ނިދާފައެވެ. ލައިގެން ކާއެއްޗެހި ދަތިކަމުން ހާރުކާން ހުރީ ޖެހިގެން ހުރި އިސްމާއީލްފުޅުގެއިން ދިން އެންމެ ރިހަ ބޯތަށްޓެކެވެ. ހަސަންބެއާއި ހަސަންބެގެ އަންހެނުންނާއި ހަސަންބެގެ ދެދަރިން ހާރުކާން ދިޔައީ އެކީގައެވެ. އެއީ އެއްމެ ރިހަބޯތަށްޓެއް ހުރީމާ އެެއްމެން އެކީގައި ކާލުމަށެވެ. ރިހަބޯތަށީގެ އިތުރަށް ބައްޕެން ބޯތަށްޓަކާއި ކަށިކޭލުފަނި ބޯތަށްޓެވެސް މޭޒުމަތީގައި ހުއްޓެވެ. ހަސަންބެއަކީ ކަށިކޭލުފަނި މީރު މީހެކެވެ.

ހަސަންބެގެ އާދައިގެމަތިން ހާރުކާން ގޮވީމާ ނިދާފައިހުރެގެން މޭޒުދޮށުގައި އިށީނެވެ. ހަސަންބެގެ ދެދަރިންވެސް ހާރުކާން އިށީނެވެ. ހަސަންބެ އިށީނުމަށްފަހު ނިދީގައި އިނދެގެން ތަށްޓަށް ބަތް އެޅިއެވެ. އަދި މޭޒުމަތީގައި ހުރި ކަށިކެޔޮފަނި ބޯތަށި ބަތްތަށްޓަށް އަޅާ މޮޑެލިއެވެ. ހަސަންބެގެ ދެދަރިންނަށް ބައްޕަ މިކުރާ މަޖާކަންތަކަށް އެއްޗެއް ބުނަން ނުކެރިފައި ބަލަން ތިބެވުނީއެވެ. ހަސަންބެ ކަށިކެޔޮފަނި އަޅާ ބަތްތަށި މޮޑެލުމަށްފަހު ނިދާފައި އިނދެގެން ކާންފެށިއެވެ. އަދި ޖެހިގެން ހުރި ރިހަ ބޯތަށީގައި ތުންޖަހާ ބޯންފެށިއެވެ. ހަސަންބެގެ ދެދަރިން ބައްޕަގެ މިހާރުކެއުމަށް ހިނިއައިސްފައި ލަދުން އެއްޗެއް ބުނަން ނޭނގިފައި ތިއްބާ ހަސަންބެ ކަށިކެޔޮފަނި އަޅާ މޮޑެގެން ބަތް ކަމުން ރިހަބޮމުން ގެންދަނީ ހަމަރަނގަޅަށް ނިދާފައި އިނދެގެންނެވެ. ހަސަންބެގެ އަންހެނުންނަށް އާދެވުނުއިރު ރިހަބޯތަށި ބޮއެހުސްކޮށްލައިފިއެވެ. ހަސަންބެގެ އަންހެނުން ހަޅެއްފަޅެއްލަވައިގަތުމުން ހަސަންބެ ލޯހުޅުވާލާފައި ފާޑަކަށް ތެދުވެގެން ފެންވެސް ނުބޮއި ނިދީގައި ހުރެގެންގޮސް ނިދަން އޮށޯވެއްޖެއެވެ. ހަސަންބެގެ ދެދަރިންނާއި އަނެއް ދުވަހު ރޯދަހިފަންޖެހުނީ ލައިގެން ކާނެއެއްޗެއް ނެތިގެން ހާރު ނުކައެވެ.

* މިލިޔުމަކީ މަޖާ ސިލްސިލާއެއް ކަމަށްވާ ސަމާސާ އަދަބު 1 ގެ ނަމުގައި އ.އ ފެރިދޫ، ސަޢުދު ޢަބްދުލްކަރީމް ލިޔުއްވައި ޝާއިޢުކޮށް 26 މެއި 2005ގައި ނެރުއްވާފައިވާ "ރޯދަ މަޖާ" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން