އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާއި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިރޭ ޙަވާލުވެވަޑައިގަންނަވާނެކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

އދގެ އާއްމު މަޖިލީހުގެ 76 ވަނަ އާއްމު މަޖިލީހުގެ ރިޔާސަތަށް ޝާހިދު އިންތިހާބުވެވަޑައިގަތީ މިދިޔަ ޖޫންމަހުގެ 7 ވަނަ ދުވަހުއެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު، މިހާރު ކުރިއަށްދާ 75 ވަނަ ސެޝަންގެ އެންމެ ފަހު ދަންފަޅި ކުރިއަށްދާނެކަމަށެވެ. އަދި ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަން ފަށައި، ރިޔާސަތާ މިނިސްޓަރ ޝާހިދު ހަވާލުވެވަޑައިގަންނަވާނެކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ. ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރ ޝާހިދު ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ޢަބްދުﷲ ޝާހިދު ހޮވިވަޑައިގަތީ އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޒަލްމާއި ރަސޫލާ ވާދަކުރައްވައިގެނެވެ.

މި އިންތިޚާބުގައި އދ.ގެ ޢާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ޤައުމުން ވޯޓުލާފައިވަނީ ސިއްރުންނެވެ. މި އިންތިޚާބުގައި މިނިސްޓަރ ޝާހިދަށް ލިބިވަޑައިގަތީ 143 ވޯޓެވެ. ޑރ. ޒަލްމާއި ރަސޫލަށް ލިބިވަޑައިގެންފައިވަނީ 48 ވޯޓެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.

މިމަޤާމަށް ހޮވިވަޑައިގަތުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޢަބްދުﷲ ޝާހިދު ވިދާޅުވީ ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެ އިތުބާރާއި ޔަޤީންކަން ދިވެހިރާއްޖެއަށް ލިބިގެން ދިއުމުން ސާބިތުވެގެން މިދިޔައީ މުޅި ދުނިޔެ ރާއްޖެ ބަލައިގެންފައިވާ ކަން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ޒަޢާމަތާއި ޚާރިޖީ ސިޔާސަތު ދުނިޔެ ޤަބޫލްކޮށް ބަލައިގެންފައިވާކަން ސާބިތުވެގެން ގޮސްފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އދގެ އާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ އިސް އެއް މަގާމެވެ. ކޮންމެ އަހަރަކުވެސް އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުކުރާނީ ޖިއޮގްރަފިކް ފަސް ސަރަހައްދުގެ ތެރެއިން ކޮންމެވެސް އެއް ސަރަހައްދަކުންނެވެ. އެއީ އެފްރިކާ، އޭޝިއާ-ޕެސެފިކް، އީސްޓާން ޔޫރަޕިއަން، ލެޓިން އެމެރިކާ އަދި ކެރިބިއަންގެ އިތުރުން ވެސްޓާން ޔޫރަޕިއަން ސަރަހައްދުންނެވެ.

ޢާންމު މަޖިލީހުގެ ރިޔާސަތުގެ ދައުރަކީ އެއް އަހަރެވެ. މި މަޤާމަށް ހޮވިވަޑައިގެންނަވާ ބޭފުޅެއްގެ މަސައްކަތުގެ ތެރޭގައި އާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތުތައް ބެލެހެއްޓުމާއި ބަހުސްތަކުގައި މެމްބަރު ޤައުމުތަކަށް ވަގުތު ކަނޑައެޅުމާއި ނިޒާމީ މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރު ރިޔާސަތައް ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން