ގައުމުތަކުން ގުޅިގެން މަސައްކަތްކޮށްފިނަމަ އަންނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ މުޅި އާބާދީއަށް ކޯވިޑް ވެކްސިން ދީ ނިންމާލެވިދާނެކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާއި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިރޭ ޙަވާލުވެވަޑައިގަންނަވާނެއެވެ. އޭގެކުރިން އދގެ ރަސްމީ މީޑިއާ، ޔޫއެން ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި އެމަނކުފާނުގެ ރިޔާސަތުގައި ބައެއް ކަންކަމުގައި މަސައްކަތް ބައްޓަންކުރަންވާނެ ގޮތާ ބެހޭގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

"ޕްރެޒިޑެންސީ އޮފް ހޯޕް" ނުވަތަ އުއްމީދުގެ ރިޔާސަތުގެ ޝިޢާރުގެ ދަށުން އދގެ ރިޔާސަތަށް އިންތިހާބުވެވަޑައިގަތް ޝާހިދު ވިދާޅުވީ ވޭތުވެދިޔަ 18 މަހެއްހާ ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ރައްޔިތުންނަށް ވަރަށް ދަތި އުނދަގޫ ކަންތައްތަކެއް ތަހައްމަލު ކުރަންޖެހުނު ދުވަސްތަކެއްކަމަށެވެ. އަދި މިއީ އދގެ ހުރިހާ ގައުމުތަކެއް ގުޅިގެން ރައްޔިތުންނަށް އުއްމީދު ގެނެސްދޭން މަސައްކަތް ފަށަންޖެހޭ ވަގުތުކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ވަރަށް ގިނަބައެއްގެ ފަރާތުން އެކަކު އަނެކަކަށް އެހީތެރިވުމުގައި އިންސާނީ އެންމެ ރީތި ސިފަތައް ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި އެއީ މުޅި އިންސާނިއްޔަތަށް ލިބިގެންދާ އުއްމީދެއްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ކޯވިޑަށް ވެކްސިނެއް ތައްޔާރުކުރެވުމަކީ ލިބިގެންދިޔަ ބޮޑު އުއްމީދެއްކަމަށާއި، އަދި މިއީ މިހަލާތުން އަރައިގަންނަން މަސައްކަތް ފަށަންވީ ވަގުތުކަމަށެވެ. އަދި ދުނިޔޭގެ މުޅި އާބާދީއަށް ވެކްސިން ދިނުމަކީ މިކަމުން އަރައިގަނެވެން އޮތް މަގުކަމަށްވާއިރު، އެކަމުގައި ގައުމުތައް ގުޅިގެން މަސައްކަތް ފަށަންޖެހޭކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އަންނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ މުޅި އާބާދީއަށް ވެކްސިން ދީ ނިންމުމުގެ ގާބިލުކަން ގައުމުތަކުގައި އެބަހުރިކަމަށެވެ. އަދި މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު މުޅި ދުނިޔެއަށް އަމާޒުކޮށްގެން ވެކްސިން ޕްރޮގްރާމެއް ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު، މިހާރު ކުރިއަށްދާ 75 ވަނަ ސެޝަންގެ އެންމެ ފަހު ދަންފަޅި ކުރިއަށްދާނެއެވެ. އަދި ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަން ފަށައި، ރިޔާސަތާ މިނިސްޓަރ ޝާހިދު ހަވާލުވެވަޑައިގަންނަވާނެއެވެ. ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރ ޝާހިދު ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ޢަބްދުﷲ ޝާހިދު ހޮވިވަޑައިގަތީ އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޒަލްމާއި ރަސޫލާ ވާދަކުރައްވައިގެނެވެ. މި އިންތިޚާބުގައި އދ.ގެ ޢާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ޤައުމުން ވޯޓުލާފައިވާއިރު ޝާހިދަށް 143 ވޯޓު ލިބިވަޑައިގަތެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން