ވޮލީބޯޅަ ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތް ދާއިމީގޮތެއްގައި ކުރިޔަށްގެންދިއުމުގައި ހައި ޕަރފޯމަންސް ޓްރެއިނިންގް ސެންޓަރެއް ރާއްޖޭގައި ޤާއިމުވެފައި ހުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިޙު މިއަދު ވިދާޅުވެއްޖެއެެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ވޮލީބޯލް (އެފް.އައި.ވީ.ބީ)ގެ ފަރާތުން ރާއްޖެ ވަޑައިގެންނެވި ވަފްދާއި ބައްދަލުކުރައްވައި ރާއްޖޭގައި ވޮލީބޯލް ކުރިއެރުވުމާގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ސާލިޙު ވިދާޅުވީރާއްޖޭގައި ވޮލީބޯލް ކުރިއެރުވުމަށްޓަކައި ރާއްޖޭގައި މި ދާއިރާއިން ޤާއިމުވެފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި އެނޫންވެސް ފަރާތްތަކަށް ވަޞީލަތުގެ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެ ގޮތުން ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތް ދާއިމީގޮތެއްގައި ކުރިޔަށްގެންދިއުމުގައި ހައި ޕަރފޯމަންސް ޓްރެއިނިންގް ސެންޓަރެއް ރާއްޖޭގައި ޤާއިމުވެފައި ހުރުމުގެ މުހިންމުކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.


މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން އެފް.އައި.ވީ.ބީ ގެ ރައީސް، ޑޮކްޓަރ އެރީ އެސް ގްރަސާ ވިދާޅުވީ ރާއްޖޭގެ މާހައުލު އޮތްގޮތުން ރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ބިނާވެފައި ވަނީ ވެސް ބީޗްވޮލީފަދަ ކުޅިވަރުތަކަށް ކުރިއެރުވުމަށް އެންމެ އެކަށީގެންވާ ގޮތަށްކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖޭގައި ޚާއްޞަކޮށް ބީޗްވޮލީ ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު