ރީކޯ މޫސާ މަނިކު
ރީކޯ މޫސާ މަނިކު
ބޭރުގެ މަހުޖަނެއްގެ ޚިޔާލީ ތަސައްވަރަކަށް އެކަނި ރާއްޖޭގެ އިޤްތިޞާދު ދީލާލުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސާމަނިކު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ ރާއްޖޭގައި ރިސޯޓް ހިންގާ ބޭރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ސޯނޫ، ރާއްޖޭގެ ރިސޯޓްތަކަށް ކަރަންޓީނުވާން ވެސް ޓޫރިސްޓުން އަންނަން ބޭނުންވާ ކަމަށް ވިދާޅުވެ އެކަން ކުރާން އޭނާއަށް ފެނިވަޑައިގަންނަވާ ގޮތް ހާމަކުރެއްވުމާއެކު އެފަދަ އުސޫލަކަށް ބައްޓަންކޮށް ސޭފް ޓޫރިޒަމް ކޮންސެޕްޓްގެ އުސޫލުގެ ނަމުގައި އުސޫލެއް ޑްރާފްޓްކޮށް އާންމު ކުރުމާއި ގުޅިގެންނެވެ. މި އުސޫލު އާންމު ކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަށް ތުހުމަތުގެ އިނގިލި ދިއްކުރަން ވެސް ފަށާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާމަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކަށް ފަތުރުވެރިކަން އަލަށް ހުޅުވާލުމަށް މަސައްކަތްކުރާއިރު ފެންނަމުންދަނީ ފަތުރުވެރިންނަށް ދަތުރުކުރެވޭނެ ލުއިގޮތްތަކާއި އަގު ހެޔޮ ޕެކޭޓްތައް ތައާރަފް ކުރަމުންދާ މަންޒަރު ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި ކަން ހިނގަނީ ދިމާ އިދިކޮޅަށްކަމަށް ވިދާޅުވެ މޫސަ ވަނީ މިހާރު ރާއްޖެއަށް ތަޢާރަފު ކުރަން އުޅޭ ސޭފް ޓޫރިޒަމްގެ އުސޫލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

" ބޭރުގެ މަހުޖަނެއްގެ ޚިޔާލީ ހުވަފެނަކުން އޭނާގެ ތަސައްވަރަށް ރާއްޖޭގެ އިގްތިސާދު ދީލާލުން ބުއްދިވެރިއެއް ނޫން." މޫސަ ވިދާޅުވެފައިވެއެވެ.

ރީކޯ މޫސަގެ ވާހަކަތަކަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީޕާޓީގެ ލީޑަރު އަދި ވިލާ ގުރޫޕްގެ ބާނީ ގާސިމް އިބްރާހިމް ވެސް ވަނީ ތާއިދު ކުރައްވާފައެވެ. "ރަސް އޮންލައިން" އަށް ދެއްވި އިންޓަވިއު އެއްގައި ގާސިމް ވިދާޅުވީ ހަރުކަށި އުސޫލުތަކާއި ދޯހަޅި ސިޔާސަތުތައް އެކުލަވާލަނީ އެއްވެސް ތަޖުރިބާ އެއް ނެތުމުން ކަމަށެވެ. ރިސޯޓް ތަކުން ދައުލަތަށް ކުލި ދައްކަންޖެހޭނެ ކަމަށާއި، އެފަދަ ހަރުކަށި އުސޫލުތަކުގެ ސަބަބުން ވިޔަފާރި އަށް އަސަރުކޮށް ގިނަ ބަޔަކު ހަލާކުވެގެންދާނެ ކަމަށް ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި އެންމެ ދުވަސްވީ ދިވެހި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ގާސިމް ވިދާޅުވިއެވެ.

"މިކަހަލަ ދޯހަޅި އުސޫލުތަކާއި ގަވާއިދުތައް ހަދަނީ އެއްވެސް ތަޖުރިބާ އެއްނެތީމަ. ނޫނީ ބަޔަކު ހަލާކު ކޮށްލަންވެގެން." ރާއްޖޭގެ އެންމެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވިއެވެ.

ގާސިމް ވަނީ ހަރުކަށި އުސޫލުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާއިން އުފުލަންޖެހޭ ތަކުލީފްތަކާއި ބުރަތަށް އުފުލާނީ ކޮން އެއާލައިނަކުންތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

ސޭފް ޓޫރިޒަމްގެ ދަށުން ރިސޯޓު ހިންގަން 50000 ޑޮލަރުގެ ލައިސަންސެއް ނަގަން ޖެހޭގޮތަށް އެ އުސޫލުގެ ޑްރާފްޓް އެކުލަވާލައި ސަރުކާރުން މިހާރު ވަނީ އާންމުކޮށްފަައެވެ. ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ސޭފް ޓޫރިޒަމް އުސޫލުގެ ޑްރާފްޓުގައިވާ ގޮތުން ރާއްޖެއަށް އަންނަ ހުރިހާ ފަތުރުވެރިން ކޯވިޑް-19 އަށް ޓެސްޓް ކުރާނެއެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން މަދުވެގެން 14 ދުވަހު ރާއްޖޭގައި ތިބެންޖެހޭނެއެވެ.

މީގެ އިތުރުން އެ އުސޫލުގައި ބުނެފައިވާ ގޮތުން ޓޫރިސްޓުން ގެނެވޭނީ، ސޭފް ޓޫރިޒަމް ރިސޯޓް ލައިސަންސް ދޫކުރާ ރިސޯޓްތަކަށް އެކަންޏެވެ. އަދި ރާއްޖެ ވަނުމުގެ ހުއްދަ ޓޫރިސްޓުންނަށް ދޭނީ، ރާއްޖެ އައުމުގެ ހަތް ދުވަސް ކުރިން ހަދާފައި ވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ ނުވަތަ އެންޓި ބޮޑީ ޓެސްޓެއްގެ ނަތީޖާ ދެއްކުމުންނެވެ. ސޭފް ޓޫރިޒަމްގެ އުސޫލާއި ދެކޮޅު ހަދައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުންނާއި ސިޔާސީ ބައެއް ބޭފުޅުން އަންނަނީ ފާޑުވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


4

ސަމަން

21-May-2020

އެއޮތީގަނެފަ. ދެން ހަދާނެއެއްޗެއްހަދާ. އެއްކަމެއްނުކުރެވޭނެ. މިކަންނިމޭނީ ސޯނޫ ބުނާގޮތަކަށް. ދިވެހި ސޭޓުން ތެޅިތެޅި ތިބެންޖެހޭނީ. ސޯނޫ އެވަނީ މިކަމަކީ ކުރެވޭނެ ކަމެއްތޯ ތަޖުރިބާކޮށްފަ. ވަރަށް ކާމިޔާބު.


21

ދެކުނު މޫސަ

21-May-2020

މޫސަ އެބުނީ ރަނގަޅުވާހަކަ އެއް މަޓީ އާއި މަޝްވަރާކޮށްގެން ތިޔަފަދަ ކަންކަން ނިންމާ ނަމަ އަތަށް ނުގޮވާނެ


8

އިސްލާމް މިއާ

21-May-2020

ވަރަށް ބަރާބަރު ވާހަކަ އެއް ސޯނު އެވަނީ އަލީވަހީދު ގަނެފަ



ޓްރެންޑިން