އަބްދުއްރަހީމާއި ރައީސް ޔާމީން
އަބްދުއްރަހީމާއި ރައީސް ޔާމީން
ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސިއްޙީ ހާލުކޮޅު ވަރަށް ދަށް ކަމަށާއި ކޮޅަށް ހުންނަވައިގެން ނަމާދު ކުރައްވަންވެސް ދަތިފުޅު ކަމަށް ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. ރައީސް ޔާމިން ޖަލުގައި ހުންނެވީ ހިކި އަނަރޫފަވެފައި ކަމަށް އަބްދުއްރަހީމް މީގެ ކުރިން ވިދާޅުވިތާ މާގިނަ ދުވަހެއް ނުވަނީސް އެމަނިކުފާނު މާލެ ގެނައި އިރު އެފަދަ އެއްވެސް ބަދަލެއް އައިސްފައި ވާކަން ހަށިފުޅުން ފެންނާން ނެތުމުން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިޔާގައި އެކަމަށް ހަޖޫ ޖަހާފައެވެ.

އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ ސިއްހީ ހާލުކޮޅު ރަނގަޅު ކަމަށް ވާހަކަ ދެކެވުނަސް، އެމަނިކުފާނުގެ ސިއްހީ ހާލަތު ރަނގަޅު ނޫން ކަމަށެވެ. އެމަނިކުފާނުގެ މައިބަދައިގެ މައްސަލަ އާއި ހިތުގެ އާލާސްކަންފުޅެއް ހުރި ކަމަށް ޑޮކްޓަރުން ލިޔުން ދެއްވާފައި އޮތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މިވަގުތު ވެސް އަމިއްލަފުޅަށް ކޮޅަށް ހުރެގެން ނަމާދު ނުކުރެވޭ ހާލަތުގައި ހުރީ. އަޅުގަނޑަށް އެކަން އެނގޭތީ މި ދަންނަވަނީ." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ "ފޭކް" ކަންތައްތަކެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި ނަމަވެސް އެމަނިކުފާން މިއަދު ޖަލުގައި އެ ހޭދަކުރަށްވަނީ ވަރަށް ހިތްދަތިކަމާ އެކީގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ކެތްތެރި ސާބިތު ލީޑަރެއް ރައީސް ޔާމީނަކީ. ނަމަވެސް އެމަނިކުފާނު މިއަދު ޖަލުގައި އެ ހޭދަކުރައްވަނީ ވަރަށް ހިތްދަތި ކަމާ އެކީގައި. ވަރަށް ހިތާމަވެރިކަމާ އެކީގައި. އަދި ސިއްހީ ގޮތުން އަޅުގަނޑު ދަންނަވާނީ މިވަގުތު އެންމެ ރަނގަޅެއް ނޫނޭ." ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުއްރަހީމް ވިދާޅުވިއެވެ.

"މި މީހުންނަކަށް އަޑެއް ނީވޭ. އަޅުގަނޑުމެން ވެރިކަމުގައި ތިބިއިރު ޖަމިއްޔާއަކުން ރިޕޯޓެއް ނެރެފިއްޔާ އެއަށް އަމަލުނުކޮށްގެން ހެސްކިއާފައި މީހުން ޕްރެޝަރު ކުރޭ. ކޮބައިތޯ އދ. މަޖިލިހުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތުން ގޮވާލި ގޮވާލުން. އެ އިލްތިމާސް އަށް ކިހާ ވަރަކަށް އަމަލު ކުރިތޯއެ؟ ޖަމިއްޔާ އިން އެބައޮތް ގޮވާލާފައި ކޮވިޑްގެ ނުރައްކާތެރިކަމާ ގުޅިގެން ޖަލުތަކުގައި ތިބި މީހުންނަށް ލުއިދޭށޭ. ހާއްސަކޮށް ސިޔާސީ ހައްޔަރީން ދޫކޮށްލާށޭ. އަޅުގަނޑުމެން މި ދަންނަވަނީ ރައީސް ޔާމީނަކީ ސިޔާސީ ހައްޔަރީއެކޭ." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ ސިއްހީ ހާލުކޮޅު ރަނގަޅު ނުވާތީ އެކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުގެ އެބަހުރި ކަމަށެވެ. އެހެންވެ، މިހާރުން މިހާރަށް އެމަނިކުފާނު ގެއަށް ބަދަލުކޮށް ދިނުމަށް ވެސް އަބްދުއްރަހީމް ސަރުކާރުގެ ކިބައިންވަނީ އެދިވަޑައިގެންފައެވެ. މިގޮތުން ވިދާޅުވީ ޔާމީން ޖަލުގައި ހުންނެވީ ޖިނާއީ ކުށެއް ކުރައްވައިގެންނެއް ނޫން ކަމަށާއި ރައީސް ޔާމީންނަކީ ސިޔާސީ ހައްޔަރީއެއް ކަމަށެވެ. އަދި މިއީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ޔާމީންގެ މައްޗަށް އިއްވި ހުކުމެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން