ހެލްތު މިނިސްޓަަރ އަބްދުﷲ އަމީން
ހެލްތު މިނިސްޓަަރ އަބްދުﷲ އަމީން
ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެންނަން ބޭނުންވާ ވެންޓިލޭޓަރުގެ ގެނައުމުގައި އަމަލުކޮށްފައިވަނީ މުޅިން ރަނގަޅަށް ނޫން ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ކޯވިޑް-19 ފެތުރެން ފެށުމާ އެކު ރާއްޖެ އަށް 145 ވެންޓިލޭޓަރު ގެންނަން ސަރުކާރުން ހުޅުވާލުމުން އެކަމަށް ޝަރުތު ހަމަވި ތިން ކުންފުންޏާ ވެންޓިލޭޓަރު ގަތުމަށް ޙަވާލުކޮށްފައިވަނީ އަވަސް ކުރުމުގެ ގޮތުން ބިޑްކުރުމަކާ ނުލައި، "ސިންގަލް ސޯސް ޕްރޮކިއުމަންޓް" އުސޫލުންނެވެ.

އޭސީސީއިން ބަލަމުންގެންދާ މައްސަލައިގައި މިހާތަނަށް ފާހަގަކުރެވޭ ކަންތައްތަކުގެ ޚުލާޞާ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިގޮތަށް ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ދަށުން ގެންނަން ޙަވާލުކުރި ވެންޓިލޭޓަރުތަށް ކަނޑައެޅިފައިވާ މުއްދަތުގައި ރާއްޖެއަށް ގެނެސްފައެއް ނުވެއެވެ. އަދި ދަޢުލަތަށް ތަކެތި ހޯދުމުގައި މާލިއްޔަތު ޤަވާޢިދުގައި ކަނޑައެޅިފައިވާ އުޞޫލުތަކުގެ ބޭރުން، ވަކި ޚާއްޞަ ހުއްދަ ދެވޭ ދެވުމަކީ، ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ މައިގަނޑު މަގުސަދުތައް ހާސިލުކުރުމަށް ހުރަސްއެޅޭ އަދި ކޮރަޕްޝަން އިތުރުވާނެ ކަމެއްކަން އެ ކޮމިޝަނަށް ފާހަގަ ކުރެވޭ ކަމަށެވެ.

އޭސީސީއިން ބުނީ ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެތެރޭގައި ދެވިފައި ހުންނަ އެކި އިޚްތިޔާރުތަކަކީ، ވަގުތާ ހާލަތަށް ރިޢާޔަތްކޮށް ލުއިދިނުމަށް ދެވިފައި ހުންނަ އިޚްތިޔާރުކަމުގައި ވިޔަސް، އެއިން ހަމަ ކޮންމެ ޙާލަތެއްގައިވެސް، އިޚްތިޔާރުކުރަންޖެހޭނީ ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ މައިގަނޑު މަޤްޞަދުތަކާއި، އެ ޕްރޮކިއުމަންޓު ޙަރަކާތެއްގެ މައިގަނޑު މަޤްޞަދު އެންމެ ރަނގަޅަށް ޙާޞިލްވާނެ، ރައްޔިތުންނަށާއި ދައުލަތަށް އެންމެ ފައިދާހުރި ގޮތްތަކަށް ކަމަށެވެ.

އޭސީސީގެ ރިޕޯޓްގައި ވަނީ، މި ފަދަ ހުއްދަތަކާ ގުޅޭގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައެޅިފައިވާ އުޞޫލަށް ބަލާއިރު، ގަވާއިދުގައި ހުއްދަ ދޭނެ ކަންކަމާއި، ޕްރޮކިއުމަންޓަށް ހުއްދަ ދިނުމަށް ދަރަޖަކުރެވިފައިވާ ގޮތްތަކާއި، ހުއްދަ ދޭނެ ފަރާތްތައް ތަފުސީލުކުރެވިފައިވާ ކަމަށެވެ.

އަދި ކަނޑައަޅާފައި ހުންނަ އުޞޫލުތަކުގެ ބޭރުން، ވަކި ޚާއްޞަ ހުއްދަ ދެވޭ ދެވުމަކީ، ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ މައިގަނޑު މަޤްޞަދުތައް ޙާޞިލުކުރުމަށް ހުރަސްއެޅޭ އަދި ކޮރަޕްޝަނުގެ ހިރާސް އިތުރުވާނެ ކަމެއްކަން ފާހަގަކުރެވޭ ކަމަށާއި، އަދި މިފަދަ ޢަމަލުތަކުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމަށް ޢާންމުން ކުރާ އިތުބާރު ކުޑަވެ، ޝައްކު ކުރުމުގެ ޖާގަ އުފެދުމުގެ އިހުތިމާލު ނުހަނު ބޮޑުވެގެންދާނެކަން ފާހަގަކުރެވޭ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ދައުލަތަށް ތަކެތި ގަތުމާއި، ޚިދުމަތް ހޯދުމާއި، ދައުލަތުގެ މަސައްކަތްކުރުވުމުގައި، ކުރާ އެންމެހައި ކަންކަން އަދި ކުރާ ކޮންމެ ޚަރަދެއް ކުރަންޖެހޭނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނީ ނިޒާމުގައި ކަނޑައަޅާފައިވާ އުޞޫލުތަކުގެ ތެރެއިންް ކަމަށް އޭސީސީއިން ތައްޔާރު ކުރި ރިޕޯޓުގައި ވެއެވެ.

މާލިއްޔަތު ގާނޫނުގައި ދައުލަތުގެ މާލިއްޔަތަށާއި ޕްރޮކިއުމަންޓުގެ އެންމެހައި ކަންކަމަށް ޒިންމާވުމާއި، ޖަވާބުދާރީވުމާއި ޖަވާބުދާރީ ކުރުވުމަށް އެކި ކަހަލަ ކޮންޓްރޯލްތައް ހިމަނާފައިވާ ކަމަށާއި މިފަދަ ކޮންޓްރޯލްތަކުގެ ތެރެއިން، އެންމެ މުހިންމު އެއް ކޮންޓްރޯލަކީ، ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ ތެރޭގައި، ޕްރޮކިއުމަންޓުގެ އެކި ކަންކަމާ ގުޅޭގޮތުން ދޭންޖެހޭ ތަފާތު އެކި ހުއްދަތައް ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

އެ ކަންތައްތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


9

ައާސްތު

22-May-2020

ުނުކާނެ ނުބޯނެ ނުނަގާނެ ނުހިފާނެ ދޮގެއްތާ


16

ނިސާ

22-May-2020

މަޗުޕު


10

ނިސާ

22-May-2020

މަޗުޕު



ޓްރެންޑިން