ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ސޭފް ޓޫރިޒަމް ގައިޑްލައިންގެ ފުރަތަމަ ޑްރާފްޓްގައި ހިމަނާފައި ހުރި ގިނަ ފީތައް ނުނަގަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިހާރު އާންމުވެގެން އުޅެނީ އުސޫލުގެ ފުރަތަމަ ދެލިކޮޕީ ކަމަށާއި، އެއީ ފައިނަލް ޑްރާފްޓް ނޫން ކަމަށެވެ. އެ އުސޫލު އެކުލަވާލާފައި ވަނީ ޖުލައި މަހު ބޯޑަރު ހުޅުވާލުމުގެ ކުރިއަށް އަޅަން ރާވާފައި ހުރި ފިޔަވަޅުތަކާ އެކުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ތިންވަނަ ޑްރާފްޓަކާ ހަމައަށް އައިއިރު އެ ބައި އުނިކޮށްފައިވާ ކަމަށާއި، މިހާރު ތައްޔާރުކުރާ އުސޫލުގައި ރާއްޖެއިން މީގެ ކުރިން ނަގަމުންދިޔަ ފީތަކުގެ އިތުރަށް އެހެން ފީތަކެއް ނަގަން ނުހިމަނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކޯވިޑްގެ ހާލަތު މިހާރު އިތުރަށް ރަނގަޅުވެފައިވާތީ، ޓޫރިޒަމަށް ރާއްޖޭގެ ބޯޑަރު ޖުލައި މަހު ހުޅުވާލަން މިހާރު ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ ސަލާމަތީ ފިޔަވަޅުތަކާއެކީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އާއްމުކޮށް ނަގަމުން އަންނަ ފީތައް ފިޔަވައި ބޮޑެތި ފީތަކެއް ނުނަގާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ފައިނަލް ޑްރާފްޓަށް ޓޫރިޒަމް އިންޑަސްޓްރީގެ ހުރިހާ ފަރާތެއްގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ވަޅު އީދު ދުވަހު އެފަރާތްތަކުގެ ހިޔާލުތައް ގައިޑްލައިނުގައި ހިމަނައި ފައިނަލް ޑްރާފްޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހަށް ހުށަހެޅޭނެ ކަމަށެވެ.

އަލުން ރާއްޖޭގެ ބޯޑަރު ޓޫރިޒަމަށް ހުޅުވާލާނީ، އެހެން ހުރިހާ ގައުމަކަށްވުރެ ފަސޭހަ، ފަހި ޑެސްޓިނޭޝަނެއްގެ ގޮތުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޑްރާފްޓުގައި ހިމެނިފައިވާ ފީތައް ބޮޑުކަން ފާހަގަކުރައްވައި އެ ކަންބޮޑުވުމާ ގުޅިގެން ކޮމިޓީގެ ބައްދަލުވުމުގައި، މެންބަރުން ކުރެއްވި ސުވާލުތަކަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތް ކޯވިޑް 19 ގެ ހާލަތަކީ، އެ ޑްރާފްޓް ހެދިއިރު އޮތް ހާލަތެއް ނޫން ކަމަށެވެ. އެހެންކަމުން މިހާރު ތައްޔާރު ކުރަމުން އަންނަ ފައިނަލް ޑްރާފްޓުގައި އެ ފީތައް ހިމަނާފައިނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" ޕްރީ އޯޕަނިން ޑްރާފްޓުގައި ހުރި ފީތަކެއް މިހާރު މި އޮތް ޑްރާފްޓުގައި ނުހުންނާނެ. އެކަމަށް މަޝްވަރާ ކުރަން ޕޮލިސީ ލެވެލްގައި އިގްތިސާދީ އެހެން ވުޒާރާތަކާއެކު ދެން އަޅުގަނޑުމެން ބަހުސްކުރާނީ." މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން