ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން
އޭސީސީން ދިރާސާ ރިޕޯޓުތައް ނެރުމުގެ ބަދަލުގައި ހިންގަންވީ ޖިނާއީ ތަހުގީގް ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

ކޮވިޑް19 އާއި ގުޅިގެން ގަތުމަށް ހަވާލު ކުރި ވެންޓިލޭޓަރުތަކުގެ މައްސަލައިގެ ދިރާސާ ރިޕޯޓް ރޭ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން ވަނީ އާންމު ކޮށްފައެވެ. އޭސީސީގެ ދިރާސާ ރިޕޯޓްގައި ބުނެފައިވަނީ، ވެންޓިލޭޓަރ ގަތުމުގައި ކަން ހިގާފައިވަނީ ހަމަޖެހިފައިވާ އުސޫލުތަކުގެ ބޭރުން ކަމަށެވެ.

ކަނޑައަޅާފައި ހުންނަ އުސޫލުތަކުގެ ބޭރުން، ވަކި ޚާއްސަ ހުއްދަ ދެވޭ ދެވުމަކީ، ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ މައިގަނޑު މަގުސަދުތައް ހާސިލުކުރުމަށް ހުރަސްއެޅޭ އަދި ކޮރަޕްޝަން އިތުރުވާނެ ކަމެއްކަން ދިރާސާ ރިޕޯޓުގައި އޭސީސީން ފާހަގަކޮށްފަައިވެއެވެ.

އެކަމަށް އިޝާރަތްކުރައްވައި ކުރީގެ ޕީޖީ މުހުތާޒު މުހުސިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވެންޓިލޭޓަރު މައްސަލައާއި ޓީއެމްއޭއަށް ޓާމިނަލް ދިން މައްސަލައިގައި ވެސް އޭސީސީއިން ނެރުނީ ދިރާސާ ރިޕޯޓް ކަމަށެވެ. ނަމަވެސް ދިރާސާ ރިޕޯޓުގެ ބަދަލުގައި ޖިނާއީ ތަހުގީގެއް ހިންގުން މުހިއްމު ކަމަށް މުހުތާޒު ވިދާޅުވި އެވެ.

"ދިރާސާ ރިޕޯޓްތަކުގެ ނަތީޖާ އަކީ އަސްލެއްނެތް ތުހުމަތުތަކާއި ފަސާދަ އާންމުވުން." ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި މުހުތާޒު ވިދާޅުވިއެވެ.

އޭސީސީ އިން ބުނީ ވެންޓިލޭޓަރު ގަތުމުގައި ކަން ހިނގާފައިވާގޮތް އެކޮމިޝަނުން މިހާރު ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ހޯދާ ވެންޓިލޭޓަރ ގަންނަން ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ވެސް މިހާރު ވަނީ ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް މިމައްސަލަ ބެލުމުގެ މަސައްކަތް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން