އިމިގްރޭޝަންގެ ކައުންޓަރަކުން މިއަދު ފުރި ބިދޭސީއަކަށް ޚިދުމަތް ދެނީ
އިމިގްރޭޝަންގެ ކައުންޓަރަކުން މިއަދު ފުރި ބިދޭސީއަކަށް ޚިދުމަތް ދެނީ
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން 352 މީހުން މިއަދު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ. އިމިގްރޭޝަނުން ކުރި ޓްވީޓެއްގައި ބުނީ މިީ ކޯވިޑް-19 އާއި ގުޅިގެން އެއަރޕޯރޓް ބަންދު ކުރިފަހުން ރާއްޖޭގައި ތިބި މީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރާ މަސައްކަތުގެ ބުރަ ދުވަހެއް ކަމަށެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު 352 މީހަކު އަނބުރާ ބަންގްލަދޭޝް އަށް ފޮނުވާލައިފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގައި އުޅުއްވި ފަރާތްތަކުގެ ތެރެއިން ބަންގްލަދޭޝް ސަރުކާރަށާއި ވަކިން ހާއްސަކޮށް ބަންގްލަދޭޝް ފޮރިން މިނިސްޓަރަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިއަދު ރާއްޖެއިން ފޮނުވާލި ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. އެގޮތުން ފުރަތަމަ ފްލައިޓުގައި 152 މީހަކު ފޮނުވާލިއެވެ. ދެވަނަ ފްލައިޓުގައި 200 މީހަކު ފޮނުވާލިއެވެ.

ސަރުކާރުން އަންނަނީ ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ކުރިން ތިން ފަހަރެއްގެ މަތިން ވަނީ ގަވާއިދާއި ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދިޔަ ބަންގްލަދޭޝް ރައްޔިތުންތަކެއް ފޮނުވާލައިފައެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 1،216 އަށް އަރާފައިވާއިރު މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ބަންގްލަދޭޝް 622 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން