ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ މަތިން ތިރިއަށް ބަލަން ޖެހޭ ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމުވެސް ފުރުއްވާފައިވާ ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ މިނިވަން ތަޙުޤީޤެއް ކުރަންޖެހޭ ކަމަށާއި، އަދި ރިޝްވަތު ނެގި މީހުންވެސް އެނގެންޖެހޭ ކަމަށެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި ޝަހީމް ވިދާޅުވީ ރައީސް ޔާމީން ޖަލުން މިނިވަން ކުރަން ޖެހޭކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމަކީ، ގާޒީ އަޒުލުކޮށް ކޮށްފައިވާ ހުކުމެއް ކަމުގައި ޑރ.ޝަހީމް ވިދާޅުވިއެވެ.

"އެ ހުކުމަކީ ބޭ އިންސާފު ހުކުމެއް ކަން އެކަން ކުރި ގޮތުންވެސް ސާފު." ޑރ.ޝަހީމް ވިދާޅުވިއެވެ.

ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ރައީސް ޔާމީން ވަނީ 5 އަހަރުގެ ޖަލު ހުކުމެއް އިއްވައި ޖަލަށް ލާފައެވެ. ދައުލަތުން ބުނެފައިވާ ގޮތުގައި އެމަނިކުފާނު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް ޖަމާކުރައްވައިގެން ލޯންޑާ ކުރައްވާފައެވެ.

އެކަމާއި ގުޅޭގޮތުން ޑރ.ޝަހީމް ވިދާޅުވީ، އެމްއެމްޕީއާރުސީ މައްސަލަ ތަހުގީގުކުރަން ޖެހޭ ކަމަށާއި ރިޝްވަތު ނެގި މީހުންވެސް އެނގެންޖެހޭ ކަމަށެވެ. އަދި މައްސަލަ މަތިން ތިރިއަށް ބަލަން ޖެހޭކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ދައުލަތުގެ ބެލުމުގެ ދަށުގައި އަމިއްލައަށް އިސްނަގައިގެން ބަހައްޓާފައި ވަނިކޮށް ރައީސް ޔާމީނަށް ހުކުމެއް ކުރުމަކީ 21 ވަނަ ގަރުނުގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު އަނިޔާކަމަށް ޑރ..ޝަހީމް ވިދާޅުވިއެވެ.

އަދި އެމްއެމްޕީއާރުސީ ފައިސާ 200 މީހުން ނެގި ކަމަށް ބުނާއިރު އެމީހުންނާއި އެ ފައިސާ ކޮބައިތޯ ޑރ.ޝަހީމް ސުވާލުކުރައްވާފައިވެއެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގެ އަޑު ގަދަވެފައި މިވަނީ އެ މައްސަލާގައި ރައީސް ޔާމީން އެކަނި ޖަލުގައި އިންނެވުމަކީ އިންސާފެއް ނޫންކަމަށް ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް ނަޝީދު ވިދާޅުވީ، ކުރީ ސަރުކާރުގައި، ސަރުކާރުން ވައްކަންކުރި އެންމެންގެ މައްސަލަވެސް ބަލަން ޖެހޭ ކަމަށާއި، ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭއްވުމަކީ އިންސާފެއް ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން