ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ބޭއްވުމަށް އެ ޕާޓީން އެދުނު ހުރިހާ ސްކޫލެއް ސަރުކާރުން ހަމަޖައްސައިދެއްވުމަކީ، ރާއްޖޭގައި ވާދަވެރި ސިޔާސީ ނިޒާމެއް ފައްކާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވާކަމުގެ ހެއްކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ އިންތިޚާބަށް މާލެއާއި އަތޮޅުތެރޭގެ ސްކޫލްތައް ފަހިކޮށްދެއްވުމުގެ އިތުރުން، މުޅި ރާއްޖޭގައި ތާޅަފިލި ބޭނުންކޮށްގެން ސިޔާސީ ހަރަކާތްތައް އިސްތިހާރު ކުރުމުގެ ޖާގަ ވެސް މި ސަރުކާރުން ދީފައިވާ ކަމަށެވެ. އަދި ކުރިން އެންގުމަކާ ނުލައި މާލޭގައި އެއްވެ އިހުތިޖާޖު ކުރެވޭނެ ތަންތަން އިތުރުކޮށްދެއްވައި، ވަރުބަލިވާ ވަރަށް މުޒާހަރާ ކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވާފައިވާ އިރު، މުޒާހަރާގެ ތެރެއިން މި ސަރުކާރުން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ޝުޖާއު ވަނީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި، އޭރުގެ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއަށް ސިޔާސީ ހަރަކާތްތައް ހިންގުމުގައި ކުރިމަތިކުރުވި ހުރަސްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޕީއެންސީ އުފެއްދުމަށް ބޭއްވި ޖަލްސާއަށާއި، ޕާޓީގެ އެތެރޭގެ ޕްރައިމަރީތަކާއި ދާއިރާތަކުގެ އިންތިޚާބުތަކުގެ އިތުރުން ކައުންސިލް ބައްދަލުވުންތައް ބޭއްވުމަށް ވެސް އޭރު ސަރުކާރުން އެއްވެސް ސްކޫލެއް ދީފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން އެ ޖަލްސާތައް ބާއްވަން ޖެހުނީ އަމިއްލަ ސްކޫލްތައް ކުއްޔަށް ހިފައިގެންނާއި އަތޮޅުތެރޭގެ ޖަގަހަތަކުގައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މީގެއިތުރުން، އޭރުގެ ސަރުކާރުން މާލޭގައި އެއްވެސް ބޮޑު އެއްވުމެއް ބޭއްވުމުގެ ފުރުޞަތު އިދިކޮޅަށް ނުދީ ހިފެހެއްޓި ނަމަވެސް، މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ޑރ. މުޢިއްޒު ވަޑައިގަތުމަށްފަހު އެމްޑީޕީއަށް ވެސް ހަމަހަމަކަމާއެކު އެ ފުރުޞަތު ފަހިކޮށްދެއްވި ކަމަށް ޝުޖާއު ވިދާޅުވިއެވެ. ހަމައެއާއެކު ވޭތުވެދިޔަ ސަރުކާރުގައި ތާޅަފިލި ބޭނުންކުރުން މަނާކޮށް ތަކެތި އަތުލުމާއި، ސައިކަލު ބުރުތައް ހުއްޓުވުމުގެ އިތުރުން، ސުލްހަވެރި މުޒާހަރާތަކުން އެތައް ސަތޭކަ ރައްޔިތުންނެއް ހައްޔަރުކުރި ހަނދާންތައް ވެސް އޭނާ އައުކުރެއްވިއެވެ.

ޝުޖާއުގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، މިއަދަކީ އެމްޑީޕީގެ ބޭފުޅުން ލޯހުޅުވައި ހަގީގަތް ޤަބޫލުކުރަންވީ ދުވަސް ކަމަށެވެ. އަދި މި ނިޒާމަށް އެންމެ ފަރިތަ ބަޔަކީ ތިމަންނާމެން ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލެވިއްޖެކަން ދަނެ، ޑިމޮކްރެޓިކް ހަމަތަކަށް ވެރިކަން ކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒުގެ އަރިހުން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.



އަދި ބޮޑާކަން ދޫކޮށްލުމަށްފަހު ކުރެވުނު ކަންކަން ރަނގަޅުކުރުމުގެ އަޒުމު އައުކުރުމަށް ގޮވާލައްވަމުން ޝުޖާއު ވަނީ، މިއަދު އެމްޑީޕީގެ ސިޔާސީ މަސައްކަތްތަކަށް ސަރުކާރުން ސްކޫލްތައް ދޫކޮށްދެއްވާފައިވާކަން ހަނދާންކޮށްދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު