އިނާރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް
އިނާރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ހިނގި ކަމަށް ބުނެ ހަގީގަތާ ހިލާފު ވީޑިއޯތައް ދައުރުކޮށް، އެއީ މުޒާހަރާއެއްގެ ތެރެއިން ހިނގި ކަންކަން ކަމަށް ދައްކައިގެން ދޮގު މައުލޫމާތު ނުފެތުރުމަށް އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް އިލްތިމާސްކުރައްވައިފިއެވެ.

އެކްސް ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފިރާގް ވިދާޅުވީ، އެއާޕޯޓްތަކާއި ހޮސްޕިޓަލްތައް ފަދަ ތަންތަނާ ގުޅުވައިގެން މިފަދަ ކަންކަން ހިއްސާކުރުމުގެ ކުރިން އޭގެ ހަގީގަތް ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ. އަދި މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ލިބި، އާންމުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެއްވެސް އަސާސެއް ނެތް ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ކުންފުނިތަކުގެ އަގުހުރި ވަގުތުތައް ބޭކާރުވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ އެކު ޒިންމާދާރުކަން އަންނަންވާނެ. އަދި އަމިއްލަ އެދުމަށް ވުރެ ކުރިއަށް އަބަދުވެސް ނެރެންވާނީ ހަގީގަތް،" އަމިއްލަ މަންފާއަށާއި ބަދަލުހިފުމުގެ ރޫހުގައި ރައްޔިތުންނަށް އޮޅުވާލަން ޕޯސްޓު ނުކުރުމަށް އެދިވަޑައިގަންނަވަމުން ފިރާގް ވިދާޅުވިއެވެ.

ފިރާގް މިފަދައިން ވިދާޅުވެފައި މިވަނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށް ގެންދިޔަ ސެކިއުރިޓީ ފަރިތަކުރުމެއްގެ ވީޑިއޯއެއް، އޮޅުވާލައިގެން މީސްމީޑިއާގައި ދައުރުކުރަން ފެށުމާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ، ދައުރުވަމުންދާ ވީޑިއޯއަކީ 25 ނޮވެމްބަރު 2024 ގެ ރޭ އެއާޕޯޓުގައި ކުރިއަށްގެންދިޔަ ސެކިއުރިޓީ އިމަރޖެންސީ ފަރިތަކުރުންތަކުގެ ތެރެއިން ހިންގުނު ސިމިއުލޭޓެޑް ހަރަކާތްތަކެއް ކަމަށެވެ.

އަދި އެއީ އާންމުންގެ މެދުގައި ކަންބޮޑުވުން އުފައްދައި، ކުންފުންޏާމެދު އޮންނަ އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި ފަތުރާ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ އެމްއޭސީއެލް އިން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ހަމައެއާއެކު، ރަސްމީ ޗެނަލްތަކުން ކަށަވަރުނުވާ އެއްވެސް މައުލޫމާތެއް ނުފެތުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު