މާލޭގެ ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަޚަމްވެގެން ފަރުވާދެމުން ދަނިކޮށް ނިޔާވި، މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފު ޢާއިޝަތު މާހިދާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު ށ. ފޯކައިދޫއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ މާހިދާ ނިޔާވީ، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައެވެ. މި އެކްސިޑެންޓުގައި އޭނާގެ ބޮލަށާއި މޫނުމަތީގެ ކަށިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމުން، ބޮލުގެ ސާޖަރީއެއް ވެސް ވަނީ ހަދާފައެވެ. މާހިދާއަކީ އިމިގްރޭޝަންގެ އެސިސްޓެންޓް އޮފިސަރެއްގެ ގޮތުގައި ފާއިތުވި ނުވަ މަސްދުވަހު ޚިދުމަތްކުރަމުން ދިޔަ މުވައްޒަފެކެވެ.

ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މާހިދާގެ ވަކިވެދިއުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، އޭނާގެ ޢާއިލާއަށާއި މޯލްޑިވްސް އިމިގްރޭޝަންގެ އެންމެހައި މުވައްޒަފުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި އެމަނިކުފާނު ދުޢާ ދަންނަވާފައިވެއެވެ.

މި އެކްސިޑެންޓުގައި ޖުމްލަ ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ. އޭގެ ތެރޭގައި މާހިދާގެ އިތުރުން، އޭނާ އިން ސައިކަލު ދުއްވަން އިން 22 އަހަރުގެ ފިރިހެނަކާއި އަނެއް ސައިކަލު ދުއްވި ތ. ދިޔަމިގިލި، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ޙަސަން ހިމެނެއެވެ. ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މާހު ޙަސަން ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް މިހާރު ވަނީ ޖަހާފައެވެ.

މަރްޙޫމާ ޢާއިޝަތު މާހިދާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭގެ ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް