ދައުލަތުގެ ރިޒާވް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ފެންނަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ދައުލަތުގެ ދަރަނިތައް ދައްކައި، ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދެމުން އިންވެސްޓަރުންގެ އިތުބާރު ހޯދުން ކަމަށެވެ. އަދި މި އަމާޒު ހާސިލުކުރެވެނީ ރިޒާވް ވަރުގަދަކޮށްގެން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ރިޒާވް ދަށްވެ، އަސާސީ ތަކެތި އެތެރެކުރެވޭނެ މިންވަރަށްވެސް ފައިސާ ނެތް ކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުދާ މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަމުންދާ ކަމަށެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް، އެންމެ ބޮޑު އިސްކަމެއް ދެއްވީ ޤައުމު ބަނގުރޫޓުވިޔަ ނުދީ ހިފެހެއްޓުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއެކު ފާއިތުވި ފެބުރުވަރީ މަހު ރާއްޖޭގެ ތާރީޚުގައިވެސް ނުވާ މިންވަރަށް، ރިޒާވް 1.2 ބިލިއަން ޑޮލަރަށް އުފުލުނެވެ. ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލި، ދުނިޔޭގެ ވިޔަފާރީގެ މާހައުލަށް އައި ލޮޅުމުގެ ސަބަބުން ރާއްޖެއަށްވެސް އޭގެ އަސަރުކުރި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ދަތި ހާލަތެއްގައިވެސް 500 މިލިއަން ޑޮލަރުގެ ސުކޫކް ފަދަ ބޮޑެތި ބޭރުގެ ދަރަނިތައް ސަރުކާރުން އަދާކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

"އަޅުގަނޑު ބަލަނީ ރައްޔިތުންގެ ބޮލުގައި އެޅިފައިހުރި ދަރަނި ވީވަރަކުން ދައްކަމުން، ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަަށް، ޤައުމުގައި އިންވެސްޓް ކުރާ ފަރާތްތަކުގެ ކޮންފިޑެންސް އިތުރުކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތް ރަނގަޅު ކުރުމުގައި މިދަނީ އެމަސައްކަތް ކުރަމުން. އެހެންވީމަ ރިޒާވް ދަށްވެފައި ހުރި ހުރުންވެސް އިރާދަކުރެއްވީއްޔާ މި މަސައްކަތުގެ ތެރެއިން ދެން ދާނީ ރަނގަޅުވަމުން،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ދަރަނި އަދާކުރުމުގެ ކަންކަން ހަމައެކަނި ރިޒާވުން ހަމަޖެއްސުމުގެ ބަދަލުގައި، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) ވަރުގަދަކުރުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، މިކަމުގެ ފައިދާ ކުރިމަގުގައި ރައްޔިތުންނަށް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ބޭރު ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ބާއްވަވާ އިންވެސްޓަރ ފޯރަމްތަކުގެ ޒަރީއާއިން ރާއްޖޭގައި ހުރި ފުރުޞަތުތައް ބޭރުގެ ފަރާތްތަކަށް ހާމަކޮށްދެމުންދާ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމާއި މަސްވެރިކަމުގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް ބޭރުގެ ކުދި، މެދު އަދި ބޮޑެތި އިންވެސްޓަރުން ރާއްޖެއަށް އަންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިހާރުވެސް ރާއްޖެއަށް ލިބިފައިވާ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ތެރޭގައި ހިމެނޭ 'އައިލާ' މަޝްރޫޢާއި، ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްޤީކުރާ މަޝްރޫޢުގެ އިތުރުން ގޫގުލް އިން ރާއްޖޭގައި ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢު ފާހަގަކުރައްވާފައެވެ. އަދި މިފަދަ ބިޔަ މަޝްރޫޢުތަކާއެކު ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް