ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ފޮޓޯ: ބީއެމްއެލް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ފޮޓޯ: ބީއެމްއެލް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދެމުން އަންނަ މާލީ އެހީތެރިކަމުގެ ދަށުން، ނިމިދިޔަ މަހު އެކަނިވެސް 58.8 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، މުޖުތަމަޢުގައި އެފަދަ ފަރާތްތަކަށް ބޭނުންވާ އަޅާލުމާއި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެންސްޕާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހުގެ ނިޔަލަށް އެ އެޖެންސީގެ ދަފްތަރުގައި ނުކުޅެދުންތެރިކަން ހުންނަ 16،049 މީހުން ވަނީ ރަޖިސްޓަރީ ކުރެވިފައެވެ. މީގެ ތެރޭގައި މިދިޔަ މަހު އަލަށް މި ދަފްތަރަށް އިތުރުވި 199 މީހުން ހިމެނެއެވެ. ދަފްތަރުގައި ތިބި މީހުންގެ ތެރެއިން މިދިޔަ މަހު އެހީ ދޫކޮށްފައިވަނީ ޖުމުލަ 15،862 ފަރާތަކަށެވެ.

ދަފްތަރުގެ ތަފްސީލުތަކަށް ބަލާއިރު، ޖެންޑާގެ ގޮތުން އެންމެ ގިނައީ ފިރިހެނުންނެވެ. އެއީ 9،272 ފިރިހެނުންނާއި 6،777 އަންހެނުންނެވެ. އުމުރުފުރާތަކަށް ބަލާއިރު، އެންމެ ގިނަ އަދަދެއްގެ މީހުން ހިމެނެނީ ޒުވާނުންނާއި މެދުއުމުރުގެ މީހުން ހިމެނޭ އުމުރުފުރާ ކަމަށްވާ 18 އަހަރާއި 64 އަހަރާ ދެމެދުގައެވެ. މި އުމުރުފުރައިގެ 8،131 މީހުން ރަޖިސްޓަރީވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 4،143 ފިރިހެނުންނާއި 3،988 އަންހެނުންނެވެ.

މީގެއިތުރުން، އެންސްޕާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދަފްތަރުގައި ހިމެނޭ އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޖުތިމާޢީ ގޮތުން ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ދެވޭ އެހީތެރިކަން ހަރުދަނާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވަމުން ގެންދަވާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ ގަވާއިދުން ފޯރުކޮށްދިނުމަކީ ދައުލަތުން ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.



ކިޔުންތެރިންގެ ހިޔާލު