ރަސްމާލެ ތަރައްޤީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގައި، ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފު އެއްވެސް ކަމެއް ނުހިމެނޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރަސްމާލެއާ ގުޅުވައިގެން ޙަޤީޤަތް އޮޅޭގޮތަށް ވާހަކަދައްކަނީ ރައްޔިތުންނަށް އެތައް މަންފާއެއް ލިބެން އޮތް މިފަދަ ބޮޑެތި މަޝްރޫޢުތައް ރާއްޖެއަށް އައުމަށް ހުރަސްއެޅުމުގެ ސިޔާސީ މަޤްޞަދުގައި ކަމަށެވެ. އެހެންނަމަވެސް، މި މަޝްރޫޢުގެ ސަބަބުން ރަސްމާލެ ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަޞައްވުރަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، މިއީ ރައްޔިތުންގެ އުންމީދުތައް ޙާޞިލުވެގެންދާނެ މަޝްރޫޢެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ކޮންމެ ސަރުކާރަކުން ކުރިއަށްގެންދިޔަ ނަމަވެސް ޤައުމަށް ފައިދާހުރި ކަންކަމުގައި ޤައުމީ މަޞްލަޙަތު އިސްކުރަންޖެހޭނެ ކަމަށެވެ. އަދި ސިޔާސީ ފިކުރު އިސްކޮށް، ޒިންމާދާރުކަން ކުޑަ ގޮތަކަށް ދައްކާ ވާހަކަތަކުގެ ސަބަބުން ޤައުމަށް ގެއްލުން ލިބެމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ބޭރުގެ ފަރާތްތަކަށް ބިން މިލްކުކޮށްދޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ބިން އެއްވެސް ފަރާތަކަށް މިލްކުކޮށްދިނުމަކީ ޤާނޫނުއަސާސީން މަނާކުރާ ކަމެއް ކަމަށެވެ.

"ބިން ވިއްކައިފިއޭ، މިލްކުކޮށްދީފިއޭ ކިޔަނީ. މިއީ ރާއްޖޭގެ ޤާނޫނުއަސާސީން މަނާކަމެއް. ޤާނޫނުއަސާސީއާ ޚިލާފަށް އެއްވެސް ކަމެއް ނޯންނާނެ. އަދި އެފަދަ އެއްވެސް މަޝްރޫޢެއް ނުވަތަ އިންވެސްޓްމަންޓެއް ކުރިއަކަށް ނުގެންދާނަން. އަޅުގަނޑަށް މުހިންމީ ޤައުމާއި ރައްޔިތުން. ބިން މިލްކުވާކަށް ފުރުޞަތެއް ނުދޭނަން،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، އީގަލް ހިލްސްއަށް ބިން ދޫކުރަނީ ކުއްޔަށް (ލީސް އުސޫލުން) ކަމަށާއި، މި އެއްބަސްވުމުގައި ދައުލަތުން އެއްވެސް ސޮވްރިން ގެރެންޓީއެއް، ލޯނެއް، ނުވަތަ ޚާއްޞަ ޓެކްސް އިނާޔަތްތަކާއި ޑިއުޓީ މަޢާފުކުރުމެއް ނުހިމެނޭނެއެވެ. ހުރިހާ ކަމެއްވެސް ކުރިއަށްދާނީ ރާއްޖޭގައި މިހާރުވެސް ޢަމަލުކުރަމުންދާ ޤަވާޢިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް