ފިނޭންސް މިނިސްޓްރީ މައި އިމާރާތް
ފިނޭންސް މިނިސްޓްރީ މައި އިމާރާތް
ކައުންސިލްތަކުގެ ބަޖެޓުން ހިލޭ އެހީ ދެމުންގެންދަނީ ގާނޫނާ ޚިލާފަށް ކަމަށާ، އެ ފަދަ ކަންކަން ނުކުރަން ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމިޓީ އިން އެދިއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމެޓީގެ ޗެއާމަން އަހުމަދު ޝަރީފް ސޮއިކުރައްވައި ނެރެފައިވާ ލަފާއެއްގައި ބުނެފައިވަނީ ފަހަކަށް އައިސް އެކި ކަންކަމާ ގުޅިގެން ލޯކަލް ކައުންސިލް ތަކުން، އެ ކައުންސިލް ތަކަށް ލިބެންޖެހޭ ފައިސާ މައާފުކުރުމާއި ސަބްސިޑީ ދިނުމާއި ހާއްސަ އެހީ ދިނުމާއި އަމިއްލަ ފަރުދުންނަށް، އެކި ބާވަތްބާވަތުގެ އެހީތައް ކައުންސިލުން ދޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މިފަދަ އެހީއެއް ދެވޭނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ދާއިރާއެއްގެ އެންމެ މަތީ ވެރިއެއްގެ ހުއްދައާއެކު މާލީ ޒިންމާދާރުވެރިޔާ ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައިގެން ކަމަށެވެ. އަދި އެހީގެ ފައިސާ ދޫކުރެވޭނީ އެ އަހަރުގެ ބަޖެޓުގައި އެ ފަދަ ކަންކަމަށް ހަރަދު ކުރުމަށް ފައިސާ ކަނޑައަޅާފައި އޮވެގެން ނުވަތަ އެ މިނިސްޓްރީ އަށް ހުށަހަޅައި އެ އޮފީހެއްގެ ބަޖެޓަށް ފައިސާ ލިބިގެން ކަމުގައި ވެސްފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފައިވެއެވެ.

އެ މިނިސްޓްރީން ބުނީ "ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓް ތައްޔާރުކުރުމާއި،

ބަޖެޓު ތަންފީޒުކުރުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލު" ގައިވާ ގޮތުން ހިދުމަތުގެ އަގު ހެޔޮކުރުމުގެ ގޮތުން އެހީއެއް ނުވަތަ ސަބްސިޑީއެއް ކައުންސިލް ތަކުން އެއްވެސް ފަރާތަކަށް ފޯރުކޮށްދީގެން ނުވާނެ ކަމަށެވެ. އަދި ކައުންސިލް ތަކުގެ ފައިސާ އިން ޖަމިއްޔާތަކާއި ކޯޕަރޭޓިވް ސޮސައިޓީ ތަކަށާއި އެނޫން އެހެން ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ނުދެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އިންޓާނަލް އޮޑިޓް ކޮމެޓީގެ ލަފާގައިވާ ގޮތުން ކައުންސިލް ތަކުން ހަރަދު ނުކުރެވޭނެ ކަންކަމުގެ ތެރޭގައި ވަކި ރައްޔިތެއްގެ ނުވަތަ ރައްޔިތުންތަކެއްގެ ފަރުދީ މަސްލަހަތު ހިމާޔަތްކުރުމަށް ހަރަދުކުރުމާއި ކައުންސިލުން ފާސްކޮށްފައިވާ ބަޖެޓުގައި ނުހިމެނޭ ކަންކަމަށް ހަރަދު ކުރުން ހިމެނެއެވެ.

"މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމިޓީގެ ފަރާތުން މިގޮތަށް ކައުންސިލްތަކުން "އިން ކައިންޑް" ގެ ގޮތުގައި މިފަދަ އެހީތައް ރައްޔިތުންނަށް ދެވިދާނެތޯ ބެލުމަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފަޔަކަށް އެދުމުން، ކައުންސިލުތަކުން، ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އިން-ކައިންޑް ގެ ގޮތުގައި ރައްޔިތުންނަށް އެހީ ދިނުމަކީ ކަމާގުޅޭ ޤާނޫނު ތަކަށް ރިޢާޔަތްކުރާއިރު ހުއްދަ ކަމެއް ކަމަށް ނުފެންނަކަމަށް ލަފާދެއްވާފައިވެއެވެ." އޮޑިޓް ކޮމެޓީގެ ލަފާގައި ބުނެފައިވެއެވެ.

މި ސަރުކާރު ވެރިކަމަށް އައިސް ކައުންސިލްތަކަށް ގިނަ ބާރުތަކެއް ދީފައިވާއިރު މާލީ ގޮތުން ވެސް ގިނަ ބާރުތަކެއް ދޭން ސަރުކާރުން ވަނީ ނިންމާފައެވެ. ރޯދަމަހާ ދިމާކޮށް ބައެއް ކައުންސިލު ތަކުން ކަރަންޓު ބިލުން ސަބްސިޑީ ދިނުން ފަދަ ކަންކަމުގެ އިތުރުން އެހެނިހެން ބައެއް ހަދިޔާތައް ވެސް ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ރައްޔިތުންނަށް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން