ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޢާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި މިހާތަނަށް ސަރުކާރަށް 5.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް ވިދާޅުވީ، ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި މިހާތަނަށް 5.9 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 29.9ބިލިއަން ރުފިޔާ ކަމަށެވެ. ޢޭގެތެރެއިން މިހާތަނަށް އާމްދަނީ އާއި ހިލޭއެހީގޮތުގައި 5.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިހާތަނަށް 8.8 ބިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. މިނިސްޓަރު އަމީރު ވިދާޅުވީ އެޕްރޫވްޑް ބަޖެޓުގެ ޖުމްލަ ހަރަދުގެ އަކަކީ 35.96 ބިލިއަން ރުފިޔާ ކަމަށެވެ. ރާއްޖޭގައި ފޮރިން ކަރަންސީގެ ދައްޗެއް ނެތްކަމަށާއި، އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ ދައްޗެއް އަންނާނެކަމަށް ނުބެލެވޭކަމަށްވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ވާރލްޑް ބޭންކުން 17.3 މިލިއަން ޑޮލަރު ލިބިފައިވާއިރު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލިބިފައި ވަނީ 0.6 މިލިއަން ޑޮލަރު ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. މީގެ އިތުރުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) މެދުވެރިކޮށް ލިބިފައި ވަނީ 15.1 މިލިއަން ޑޮލަރު ކަމަށާއި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) މެދުވެރިކޮށް ލިބިފައި ވަނީ 28.9 މިލިއަން ޑޮލަރު ކަމަށް އަމީރު ވިދާޅުވިއެވެ. 'އިންޑިކޭޓިވް ފިގަރ' އެއްގެ ގޮތުގައި ގާތްގަޑަކަށް 290 މިލިއަން ޑޮލަރުގެ ފަންޑިންގ މިހާތަނަށް ޔަގީން ކުރެވިފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ވާރލްޑް ބޭންކުން ލިބިފައިވާ 17.3 މިލިއަން ޑޮލަރުގެ ތެރެއިން 10 މިލިއަން ޑޮލަރުގެ 50 އިންސައްތަ އަކީ ލޯނު ކަމަށާއި 50 އިންސައްތަ އަކީ ހިލޭ އެހީ ކަމަށެވެ. އަދި 7.3 މިލިއަން ޑޮލަރުގެ ތެރެއިންވެސް 50 އިންސައްތަ އަކީ ލޯން އަދި އަނެއް 50 އިންސައްތަ އަކީ ހިލޭ އެހީ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.



"އޭޝިއަން ޑިވަލަޕްމަންޓް ބޭންކުން 0.6 މިލިއަން ޑޮލަރު ދީފައިވަނީ ޓެކްނިކަލް އެސިސްޓެންޓް އަދި އެހީގެ ގޮތުގައި. އިސްލާމިކް ޑިވަލަޕްމަންޓް ބޭންކުން ދީފައިވަނީ އައިޓީއެފްސީ ފެސިލިޓީއެއް. އެއީ އެސްޓީއޯގެ މެޑިކަލް ކޮންސިއުމަބަލް އަދި ސްޓޭޕަލް ފުޑްސް ގެނައުމަށް ހޯދާފައިވާ ކްރެޑިޓް ފެސިލިޓީއެއް. އޭގެ އިތުރުން އައިއެމްއެފްއިން ދީފައިވަނީ 28.9 މިލިއަން ޑޮލަރުގެ އިންޓްރެސްޓް ނުހިމެނޭ ލޯނެއް" ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން އިންޑިއާ، ޖަޕާން، އެމެރިކާ، ޗައިނާ، ޔުނިސެފް، ޔޫރަޕިއަން ޔޫނިއަން އަދި ބަންގުލަދޭޝުން އެހީތެރިވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން