ޕާކިސްތާން އެއަރލައިންސްގެ މަތިންދާ ބޯޓު ވެއްޓުނު ސަރަހައްދު
ޕާކިސްތާން އެއަރލައިންސްގެ މަތިންދާ ބޯޓު ވެއްޓުނު ސަރަހައްދު
މިދިޔަ ހުކުރު ދުވަހު ޕާކިސްތާނުގެ ކަރާޗީ ސިޓީއަށް ވެއްޓުނު ޕާކިސްތާން އިންޓަރނޭޝަލް އެއަރލައިނުން ދަތުރުކުރި 97 މީހުން މަރުވެފައިވާކަމަށް ސިންދުގެ ހެލްތު ޑިޕާޓްމެންޓުން ބުނެފިއެވެ.

މިފްލައިޓް ދަތުރު ކުރި މީހުންނަކީ ކޯވިޑް-19 އާ ގުޅިގެން ޕާކިސްތާނުގެ ލާހޫރުގައި ތާށިވެފަ ތިބި ކަރާޗީ ގެ މީހުންނެވެ. ކޯވިޑް-19ގެ ފުރަބަންދަށް ފަހު އެތެރޭގެ އުދުހުންތައް ހުޅުވާލުމުން އެމީހުން ދަތުރުކުރީ އެމީހުންގެ އާއިލާތައް ކައިރިއަށް ދިއުމަށެވެ.

99 މީހުން ގޮވައިގެން ދަތުރުކުރި ޕާކިސްތާން އިންޓަރނޭޝަލް އެއަރލައިންސް ގެ މި ފްލައިޓު ވެއްޓިފައިވަނީ ކަރާޗީ އެއަރޕޯޓް ކައިރީ އޮންނަ ސަރަަހައްދަކަށް ކަމަށް ޕާކިސްތާން އިންޓަރނޭޝަލް އެއަރލައިންގެ ސީއީއޯ ނޫސްވެރިންނަށް މަޢުލޫމާތުދެމުން ބުނެފައިވެއެވެ. ފްލައިޓްގައި ދަތުރު ކުރި 99 މީހުންގެ ތެރެއިން ދެމީހަކު ސަލާމަތްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާއިރު މަރުވެފައިވާ މީހުންގެ އަދަދު ޔަގީން ކުރުމަށް ހޮސްޕިޓަލްތަކާ އެކު މަސައްކަތް ކުރަމުންދާކަމަަށްވެސް އެއަރލައިންގެ ސީއީއޯ ބުނެފައިވެއެވެ.

ހުކުރު ދުވަހު މެންދުރުފަހު 14:30 ގައި ކަރާޗީއަށް ޖެއްސުމަށް ހަމަޖެހިފައިވާ މިފްލައިޓު ވެއްޓުމުގެ ކުރިން ފްލައިޓުގެ އިންޖީނު މަސައްކަތް ނުކުރާކަމަށް، ކަރާޗީގެ އެއަރ ޓްރެފިކް ކޮންޓްރޯލަށް ފްލައިޓްގެ ޕައިލެޓްވަނީ އަންގާފައެވެ. ނަމަވެސް އިންޖީނުހަލާކުވާން މެދުވެރިވި ސަބަބެއް ނޭނގޭ ކަމަށް ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިން އިން ހާމަކޮށްފައިވެއެވެ.

ޕާކިސްތާން އިންޓަރނޭޝަލް އެއަރލައިން އަކީ، އެއަރލައިންތަކުން އަމަލު ކުރުމަށް ކަނޑައަޅާފައިވާ ގަވާއިދު ތަކަށް ފަރުވާތެރިވާ އެއަރލައިނެއްކަމަށް ވާއިރު މިހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު ޔަގީން ނުވާ ކަމަށާއި، މިހާދިސާ އިތުރަށް ތަހުގީގު ކުރާނެ ކަމަށްވެސް، އެއަރލައިންގެ ސީއީއޯ ނޫސްވެރިންނަށް މަޢުލޫމާތުދެމުން ބުނެފައިވެއެވެ.

މިހާދިސާ ހިނގާފައި މިވަނީ 2 މަސް ދުވަހަށް ދިގުލައިގެން ދިޔަ ޕާކިސްތާނުގެ ލޮކްޑައުން އަށް ލުޔެއް ދިނުމުގެ ގޮތުން ޕާކިސްތާނުގެ އެތެރޭގައި ކުރެވޭ ދަތުރުފަތުރު ތަކަށް ހުޅުވައިލެވިފައި ވަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން