ހުސްވި އަހަރުގެ ޢީދު ދުވަހުގެ ޢީދު ނަމާދަށްފަހު މިސްކިތުގައި ތިބި މީހުންނާ ބައްދަލު ކުރައްވައި ރައީސް ޞާލިޙް ޢީދު ސަލާން ކުރައްވަނީ
ހުސްވި އަހަރުގެ ޢީދު ދުވަހުގެ ޢީދު ނަމާދަށްފަހު މިސްކިތުގައި ތިބި މީހުންނާ ބައްދަލު ކުރައްވައި ރައީސް ޞާލިޙް ޢީދު ސަލާން ކުރައްވަނީ
މުވާސަލާތީ ވަސީލަތްތަކުގެ އެހީގައި ގުޅުން ބަދަހި ކުރުމަށް އެދިވަޑަައިގެން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ދިވެހިރައްޔިތުންނަށް ފިތުރު އީދުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ފޮނުއްވި އީދުގެ ތަހުނިޔާގެ މެސެޖްގައި "ކޯވިޑް-19"ގެ ސަބަބުން، އިޖްތިމާޢީ ގައިދުރުކަން ދަމަހައްޓަން މަޖުބޫރުވެފައި ވިޔަސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ގުޅުންތައް ބަދަހިކުރުމުގެ ވަރަށް ފަހި ފުރުޞަތުތަކެއް ތަނަވަސްވެފައި އޮތުމާއެކު، ޢީދު ދުވަހަކީ މުވާޞަލާތީ ވަސީލަތްތަކުގެ އެހީގައި، އެ ގުޅުންތައް ބަދަހިކުރުމަށް ހުރިހާ ބޭފުޅުންވެސް ޚާއްޞަ ސަމާލުކަމެއް ދެއްވާ ދުވަހެއް ކަމުގައި ހެއްދެވުމަށް ރައީސް ޞާލިޙު ވަނީ އިލްތިމާސްކުރައްވާފައެވެ.

"މިއަދަކީ އުފާވެރިކަމާއި ހިތްހެޔޮކަމާއި ރަޙްމަތްތެރިކަމާއެކު، އަޅުގަނޑުމެންގެ ގުޅުންތައް އާލާކުރަންވީ ދުވަހެވެ. ތިމާގެކަމުގެ ގުޅުންތައް ދިރުވައި، ރަޙްމަތްތެރިކަމުގެ ގުޅުންތައް ބަދަހިކޮށް، އެކުވެރިކަމުގެ ގުޅުންތައް އާލާކުރަން މިއަދަކީ ވަރަށް މުނާސަބު ދުވަހެކެވެ. ވަކިން ޚާއްޞަ ގޮތެއްގައި އެއްބަނޑުއެއްބަފާކަމުގެ ގުޅުންތަކާއި، މައިންބަފައިންނާއި ދަރީންގެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް މިއީ ވަރަށް އެކަށީގެންވާ ދުވަހެއް ކަމުގައި ދެކެމެވެ." ރައީސްގެ އީދު ތަހުނިޔާގެ މެސެޖްގައިވެއެވެ.

ރައީސްގެ ޢީދު ތަހުނިޔާގެ ޚިޠާބުގައި، "ކޯވިޑް-19"ގެ ސަބަބުން، ތަފާތު ނިކަމެތި ޙާލަތްތައް މެދުވެރިވެފައިވާ ކިތަންމެ ބަޔަކު، މުޖްތަމަޢުގައި ތިބިކަން ހަނދާންކޮށް، އެމީހަކަށް ވެވުނު އެންމެ ދީލަތި ގޮތެއްގައި، އެފަދަ މީހުންނަށް އެހީތެރިވުމަކީ، މި އުފާވެރި ފިޠުރު ޢީދުގެ ދަރުމައާއި ޘަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެއްކަމުގައި ފާހަގަކުރައްވާފައި ވެއެވެ.

ހަމަ އެއާއެކު ގޭތެރޭގައި ބަންދުވެފައި ތިބޭ މި ދުވަސްކޮޅުގައި، މައިންބަފައިންނާއި ދަރިން، އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެދިނުމުގެ ރީތި ސިފަ އަށަގެންނެވުމަށާއި، ޢާއިލާގެ ތުއްތު ކުދީންނަށް އޯގާތެރިކަމާއި ލޯތްބާއެކު، ހޭހަންކުރުމަށާއި، ޢުމުރުން ދުވަސްވެފައި ތިބި މާމައިންނާއި ކާފައިންނަށް އޯގާތެރިކަމާއި ކުލުނާއެކު، ޚިދުމަތްކޮށްދިނުމުގެ ރޫޙު އާލާކުރެއްވުމަކީ މުހިންމު ކަމެއްކަން ރައީސް ސޯލިހް ފާހަގަކުރައްވާފައި ވެއެވެ

. އަދި ގެއިން ބޭރަށް ނުނިކުމެ ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުމުން، ކުރިމަތިވާ ނަފްސާނީ އުނދަގޫތައް ލުއިކުރުމަށްޓަކައި، ޢާއިލާގެ މެންބަރުން އެކުގައި، ފައިދާހުރި ވަގުތުތަކެއް ހޭދަކުރާނެ އިންތިޒާމެއް ހަމަޖެއްސުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވަމުން، ފިޠުރު ޢީދު ބައްދަލުކުރީ، ކެތްތެރިވުމަށާއި އިސްރާފު ނުކުރުމަށާއި އިޤްތިޞާދުކުރުމަށް ނަފްސުތައް ތަރުބިއްޔަތުކޮށްދިން މޫސުމަކަށް ފަހުގައިކަމަށްވުމާއެކު، އަދި މިއީ ޤައުމުގެ އިޤްތިޞާދު ހުއްޓުމަކަށް އައިސްފައިވާ ވަގުތެއް ކަމުން، ރަމަޟާން މަހުން ޙާޞިލުވި މި ސިފަތަކުގެ މަތީގައި، ކުރިއަށް އޮތް ދުވަސްތައް ހޭދަކުރެވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ރައީސްގެ ޚިތާބުގައި، ޤައުމު މިހާރު ތަޙައްމަލު ކުރަމުންދާ ދަތި އުނދަގޫ ޙާލަތުން އަރައިގަތުމުގައި އެންމެ ބޮޑަށް ބޭނުންވަނީ އެންމެންގެ އެކުވެރިކަމާއި އެބާރުލުންކަމުގައި ފާހަގަކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން