ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދުގެ ނިޔަލަށް ބަނގްލަދޭޝްއަށް ނިސްބަތްވާ 1000 މީހުން އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓްތަކުގައާއި ރާއްޖެއަށް އަންނަ ބަންގަލަދޭޝްގެ އަސްކަރީ އަދި ގައުމީ އެއާލައިންގެ މަތިންދާބޯޓުތަކުގައި އެމީހުން އަނބުރާ ގައުމަށް ފޮނުވަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި މަސައްކަތް ކުރިއަށްދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ ފަހުކޮޅު ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނާއި ބަންގްލަދޭޝްގެ ސަރުކާރު ގުޅިގެން ކުރިއަށްދާ މިމަސައްކަތަށް ބަންގްލަދޭޝްގެ ސަރުކާރުން ވެދެވެން އޮތް އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަގީންކަން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ދެއްވާފައިވާ ކަމަށެވެ.

ލިޔެކިޔުން ނެތް، މީހުންގެ ތެރެއިން ގައުމަށް އަނބުރާ ދާން ބޭނުންވި ބަންގްލަދޭޝް މީހުން އެ ގައުމަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު އަނެއްކާވެސް އެފަދަ 160 މީހުން ވަނީ އަނބުރާ އެ ގައުމަށް ފޮނުވާލައިފައެވެ.

މިއަދު ފޮނުވާލެވުނު މީހުންގެ އިތުރުން އިއްޔެ ވަނީ މޯލްޑިވިއަންގައި 352 މީހަކު ބަނގްލަދޭޝްއަށް ފޮނުވާލައިފައެވެ. އޭގެ އިތުރުން މިދިޔަ މަހުގެ 21 ވަނަ ދުވަހު މިލިޓަރީ އެއާ ކްރާފްޓުގައި ފޮނުވާލާފައިވާ 68 މީހަކާއި މިމަހުގެ 16 ވަނަ ދުވަހު ބީމަން އެއާގައި ފޮނުވާލާފައިވާ 353 މީހަކާއި 17 ވަނަ ދުވަހު މިލިޓަރީ އެއާކްރާފްޓެއްގައި 67 މީހަކު ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން