އަމީނިއްޔާ ސްކޫލް؛ މިއީ މިހާރު ހުރިހާ އުމުރުފުރައަކަށް ކިޔައިވައިދޭ މާލޭގައި ހުންނަ އެންމެ ދުވަސްވީ އެއް ސްކޫލް (ރަސް ފޮޓޯ- ޝާހް)
އަމީނިއްޔާ ސްކޫލް؛ މިއީ މިހާރު ހުރިހާ އުމުރުފުރައަކަށް ކިޔައިވައިދޭ މާލޭގައި ހުންނަ އެންމެ ދުވަސްވީ އެއް ސްކޫލް (ރަސް ފޮޓޯ- ޝާހް)
އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އަންނަ އަހަރު ދިރާސީ އާއަހަރު ފަށާނީ އަހަރުގެ މެދުތެރެއިން ކަމަށެވެ. އަދި އެ ބަދަލާމެދު އިތުރަށް ވިސްނައި ހިޔާލު ބަދަލުކޮށް ފަހަރެއްގައި ދާއިމީކޮށްވެސް ދިރާސީ އަހަރުތައް އެގޮތަށް ފެށުމުގެ ވިސްނުން އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދިރާސީ އާ އަހަރު އަންނަ އަހަރު މެދުތެރެއިން ފަށަން ނިންމީ މިއަހަރު އޮކްޓޯބަރު/ ނޮވެމްބަރު މަހު ބާއްވަން އޮތް އޯ ލެވެލް އިމްތިހާން އަންނަ އަހަރުގެ ޖޫން މަހަށް ފަސްކުރަން ނިންމި ނިންމުމާ ގުޅިގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ބަދަލުގެ ސަބަބުން ސްކޫލްތަކަށް ޖާގައިގެ ދަތިކަން ކުރިމަތިވެ މުދައްރިސުންނާއި އެހެނިހެން ވަސީލަތްތަކުގެ ދަތިކަމުން އަރައިގަންނަން އުނދަގޫވާނެ ކަމަށެެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ އޯ ލެވެލް އާއި އެސްއެސްސީ އިމްތިހާން، އަންނަ އަހަރުގެ މެއި/ޖޫންގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން އަރަބިއްޔާ ސްކޫލުގައި މި އަހަރު ޝަހާދާ ސާނަވިއްޔާ ހަދަން ހަމަޖައްސާފައިވާ ދަރިވަރުންގެ އިމްތިހާނުތައް ނިމެންދެން އެ ދަރިވަރުން ތިބޭނީ، މިހާރު ކިޔަވަމުން އަންނަ ސްކޫލުގެ ދަރިވަރުންގެ ގޮތުގައި ކަމަށް އެބަޔާނުގައިވެ އެވެ.

ގްރޭޑް 10 ގައި މިހާރު ކިޔަވާ ދަރިވަރުން އަންނަ އަހަރުގެ ޖޫން މަހާ ހަމައަށް ސްކޫލްތަކުގައި ތިބެން ޖެހުމުން ސްކޫލުތަކަށް ދިމާވާނެ ޖާގައިގެ ދަތިކަމާއި ޓީޗަރުންނާއި އެހެނިހެން ވަސީލަތްތަކުގެ ދަތިތަކުން އަރައިގަތުމަށް، އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން، އަހަރުގެ މެދުތެރޭގައި ފަށަން ސޯޝަލް ކައުންސިލްގެ ލަފައާ އެކު ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި އެކަޑަމިކް ކަލަންޑަރަށް ގެންނަ ބަދަލު ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ކަމާގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރެވެމުން އެބަދާ ކަމަށާއި މަޝްވަރާތަކަށްފަހު އެކަޑަމިކް ކަލަންޑަރަށް ގެނެވޭ ބަދަލުތައް ލަސް ނުވެ އިއުލާން ކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދުކުރީ މިދިޔަ މާޗްމަހުގެ ތެރޭގައެވެ. އޭގެ ފަހުން އޮންލައިންކޮށާއި ޓެލެކްލާސްތައް ނަގައިދިން ނަމަވެސް މިދިޔަ އޭޕްރީލް މަހު މެދުތެރެއިން މާލޭގައި ކޮރޯނާ ވައިރަސް ފެތުރެން ފެށުމުން ޓެލެކްލާސްތައްވެސް ވަނީ ހުއްޓާލާފައެވެ. މިއަހަރު އެންމެ އަވަހަށް ވެސް ސުކޫލުތަށް ހުޅުވޭނީ ޗުއްޓީގެ ފަހުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން