ޑރ. މޫސާ މުރާދު
ޑރ. މޫސާ މުރާދު
ކޯވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަންދާ ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ)ގެ މެންބަރުން މަސައްކަތުގައި އުޅޭއިރު ޢާންމުން ގާތްވަމުންދާތީ އެކަން ނުކުރުމަށް ޑރ.މޫސާ މުރާދު މިރޭ އިލްތިމާސްކުރައްވައިފިއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގައި ހިމެނިވަޑައިގަންނަވާ ޑރ.މޫސާ މުރާދު ވިދާޅުވީ، ކޯވިޑަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމަށް އާރުއާރުޓީގެ މެންބަރުން ސައިޓްތަކަށް ގޮސް އެމަސައްކަތުގައި އުޅޭއިރު އެމެންބަރުން ކުރާ މަސައްކަތްތައް ބެލުމަށާއި، ފޮޓޯ ނެގުމުގެ ބޭނުމުގައި، ޢާންމު ބައެއް ފަރާތްތަކުން އެ ޓީމުގެ ބޭފުޅުންނާއި ގާތްވަމުންދާކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ.

އާރުއާރުޓީގެ މެންބަރުން ހަރަކާތްތެރިވާނީ މި ބަލި އޮތް އެންމެ ހައިރިސްކު ނުވަތަ ބަލި ފެތުރުމުގެ ފުރުޞަތު އޮތް ތަންތަނުގައިކަން ފާހަގަކުރައްވަމުން ޑރ.މުރާދު ވިދާޅުވީ އެތަންތަނުގައި ޕޮޒިޓިވް މީހުން ތިބުމަކީ އެކަށީގެންވާކަމެއްކަމަށާއި، އެހެންކަމުން އެޓީމްގެ މެންބަރުންނާއި ޢާންމުން ގާތްވެ އުޅުމަކީ ރައްކާތެރިކަމެއް ނޫންކަމަށެވެ.

"އެއީ އެހާ ރައްކާތެރިކަމެއްނޫން. އާރުއާރިޓީ އުޅޭނީ ސާމްޕަލް ނެގުމާއި ހައިރިސްކު އޭރިއާގަ މަސައްކަތްކުރަމުންގެންދަނީ. އެބޭފުޅުންނާ މާބޮޑަށް ކައިރިވެ ވާގޮތްބަލާ، ފޮޓޯނެގުމަކީ ރައްކާތެރިކަމުގެ ގޮތުން ރަނގަޅުކަމެއް ނޫން. އެބޭފުޅުންނާއި ވީހާވެސް ބޮޑަށް ދުރުން ބަލައިގެން، އެހާ ކައިރިނުވާނެގޮތަށް ހިންގަވާ އިރު އުޅުއްވުން މުހިންމު." ޑޮކްޓަރ މޫސާ މުރާދު ވިދާޅުވިއެވެ.

ޑޮކްޓަރ ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ކުރާ މަސައްކަތްތަކަށްވެސް އަލިއަަަޅުއްވާލައްވާފައެވެ. ޑޮކްޓަރ މޫސާ މުރާދު ވިދާޅުވީ، މިހާރު އަޅާފައިވާ ފިޔަވަޅުތައް ލުއިކުރާއިރު އެއިން ކޮންމެ މަރުހަލާއެއްގެ މަޢުލޫމާތުވެސް ހާމަކުރައްވަމުން ގެންދަވާނެކަމަށެވެ.

ޑރ.މޫސާ މުރާދު ވިދާޅުވީ މިހާރު ރާއްޖޭގައި ޕޮޒިޓިވްވާ ޢަދަދުތައް އެއްވަރެއްގައި ހިފެހެއްޓިފައިވާކަމަށާއި، މި ބައްޔަށް އެދެވޭ ވެކްސިނެއް ނުފެންނަހާ ހިނދަކު ކޮންމެވެސް ވަރަކަށް ޕޮޒިޓިވްވާ ކޭސްތައް އަބަދުވެސް ފެންނަމުންދާނެކަމަށެވެ. އަދި މިހާރު ޢަމަލުކުރަމުންދާ ފުރަބަންދު އުވާލިނަމަވެސް ޕޮޒިޓިވްވާ ޢަދަދު މަތިވާނެކަމަށާއި، ނަމަވެސް ޕޮޒިޓިވްވާ ޢަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް ރައްޔިތުންގެ އެއްބާރުލުމަށް ޑޮކްޓަރ އެދިވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން