ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި މިހާރު 190 މިލިއަން ޑޮލަރު އެބަހުރިކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ 98 މިލިއަން ޑޮލަރު ކަމަށާއި، އެހެން ނަމަވެސް މިހާރު މި ފަންޑުގައި ގާތްގަނޑަކަށް 190 މިލިއަން ޑޮލަރު ހުންނާނެކަމަށެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން މި ފަންޑަށް ބަޖެޓްގެ ތެރެއިންވެސް ފައިސާ ޖަމާކުރަމުން އައިސްފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި އަޅުގަނޑުމެން ސަރުކާރާއި ހަވާލުވިއިރު ގާތްގަނޑަކަށް 98 މިލިއަން ޑޮލަރު ހުރި. އެ ފަންޑުން އެއިރުވެސް އެކިއެކި ކަންކަމަށް އިންވެސްޓްކުރަމުންއައީ. މިހާރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ގާތްގަނޑަކަށް 190 މިލިއަން ޑޮލަރު ހުންނާނެ. އަޅުގަނޑުމެން ސަރުކާރާއި ހަވާލުވި ފަހުން ބަޖެޓްގެ ތެރެއިންވެސް މި ފަންޑަށް ފައިސާ ޖަމާކުރަމުން އައީ. އެއީ 2022 ވަނަ އަހަރަށް ދާންވާއިރަށް އަޅުގަނޑުމެންގެ ބޮންޑަށް ފައިސާ ދެއްކޭވަރަށް އިންވެސްޓްކުރެވެމުންދަނީ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

2022 ވަނަ އަހަރު ދައްކަންޖެހޭ 250 މިލިއަން ޑޮލަރުގެ ބޮންޑަކާއި، 2023 ވަނަ އަހަރު ދައްކަންޖެހޭ 100 މިލިއަން ޑޮލަރުގެ އަމިއްލަ ފަރާތެއްގެ ބޮންޑެއް އޮތްކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. ޢެހެން ނަމަވެސް 2023 ވަނަ އަހަރު މެޗުއަރވާ ބޮންޑު އިތުރު 3 އަހަރަށް އިތުރުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މި ބޮންޑުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުއެވެ.

ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމާއި އިގުތިސާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ބޭނުން ކުރަން، ސަރުކާރުން އުފެއްދި ފަންޑެކެވެ. މިއީ ސެންޓްރަލް ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން