ރައްޔިތުންގެ މަޖިލީސް ޖަލްސާއެއް ހިނގަނީ
ރައްޔިތުންގެ މަޖިލީސް ޖަލްސާއެއް ހިނގަނީ
މަސައްކަތް ކުރިއަށް ނުދާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވާ، އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާއި މަރުތަކާއި ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދައިދޭން އުފެއްދި ކޮމިޝަންގެ ތަހުގީގަށް ވީ ގޮތް ސާފުކުރަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށައެޅުއްވީ، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު މުއިއްޒުއެވެ. މަޖިލީހުގެ ރައީސަށް މުއިއްޒު ފޮނުއްވި ސިޓީގައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ބައިވެރިން ހޯދުމާއި މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައި ދިނުމަކީ އެމްޑީޕީ އާއި މި ސަރުކާރުގެ ވައުދެއް ކަން ފާހަގަކުރެއްވިއެވެ. މި ދެ މައްސަލަަ އަކީ ވެސް އާއްމު މަސްލަހަތު ހިމެނޭ ކަންކަމަށް ވިޔަސް ރައްޔިތުންނަށް މިކަމުގެ މައުލޫމާތު ހިއްސާކުރުން މަދު ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް މުއިއްޒުގެ ސިޓީގައި ވިދާޅުވިއެވެ.

އެހެންކަމުން މި މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބާއި އެ މައްސަލަތައް ބެލުމާއި ދައުވާ އުފުލުމާއި ޝަރީއަތް ހިންގުން ލަސްވާ ސަބަބުތައް އޮޅުންފިލުވައިދީ ނުފޫޒެއް ނެތި އިތުބާރު ހިފޭ ނިޒާމެއްގެ ތެރެއިން ނަތީޖާ ނެރެވޭނެ ގޮތަކަށް އަމަލުކުރޭތޯ ޔަގީންކޮށްދޭން މަޖިލީހުން އެކަން ބަލައިދިނުމަށް މުއިއްޒުގެ ސިޓީގައި އެދިވަޑަައިގެންފައިވެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތް ބަލަނީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ގުޅިގެންނެވެ. މި މުއައްސަސާތަކުން ހޯދި މައުލޫމާތުން ހިޔާނާތުން މަންފާ ލިބުނު ކަމަށް ބެލެވޭ މީހުންގެ ލިސްޓެއް އެކުލަވާލައިފައިވާއިރު އެ ލިސްޓުގައި، މަންފާ ލިބުނު ކަމަށް ތުހުމަތުކުރެވޭ މީހުންގެ އަދަދު 267 އަރާކަން ފާހަގަކޮށްފައިވެއެވެ.

އެމްއެމްޕީއާރުސީ މައްސަލައިގައި މިހާރު ހަމައެކަނި ޖަލުގައި ހުންނެވީ ރައީސް ޔާމީނެވެ. އެމައްސަލައިގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ އަބުދު ﷲ ޒިޔަތާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޖަލު ހުކުމް އިއްވި ނަމަވެސް މަތީމަރުހަލާގެ ކޯޓުތަކުން އެ ދެބޭފުޅުންގެ ހުކުމްތައް ބާތިލްކުރުމުން މިހާރު ވަނީ މިނިވަންވެފައެވެ.

ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އުފެއްދި މަރު ކޮމިޝަނުން ރިލްވާނާއި ޔާމީން ރަޝީދުގެ އިތުރުން، ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާކުރަން މީގެކުރިން ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވިނަމަވެސް ތަހުގީގު ފުރިހަމަ ނުވާ ކަމަށް ބުނެ އެމައްސަލަތަށް ޕީޖީ އޮފީހުން ވަނީ އެކޮމިޝަނަށް އަނބުރާ ފޮނުވާލާފައެވެ. މަރުކޮމިޝަނުން މަރުތަކާއި ގުޅުންހުރި ބައެއް ކަންކަން ހޯދިނަމަވެސް އެތަހުގީގުތަކުގެ އެދެވޭ ކުރިއެރުމެއް މިހާތަނަށް ވެސް ހޯދިފައެއްނުވެއެވެ. އެކޮމިޝަނުން ކުރި ހުރިހާ މަސައްކަތަކީ ބޭކާރު މަސައްކަތެއް ކަމަށާއި ދައުލަތުގެ ބަޖެޓުން ޚަރަދު ތަކެއް ހިނގުން ނޫން ނަތީޖާއެއް ނެރެވިފައި ނެތް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

މިފަހަކަށް އައިސް އެމްއެމްޕީޕީއާރްސީގެ ޚިޔާނާތުގެ ވާހަކަތަކުގެ އަޑު ގަދަވެ މީހުންގެ ސަމާލު ކަމަށް އެމައްސަލަ އައިސްފައި މިވަނީ ރައީސް ނަޝީދު ދާދިފަހުން އާންމު ކުރެއްވި މެސެޖެއްގެ ސަބަބުން ކަމުގައި ބެލެވެއެވެ. ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީން އެކަނި ޖަލުގައި ބޭންދުމަކީ އިންސާފު ކަމަކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. ރައީސް ނަޝީދުގެ މި ބަސްފުޅުތަކުން ހިތްވަރު ލިބި އިދިކޮޅު ފަރާތްތަކުގެ އަޑު ވެސް ވަނީ މިމައްސަލައިގައި އިތުރަށް ގަދަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން