އަލްއުސްތާޛް އަޙްމަދު ފާއިޒު ޙުސައިން
އަލްއުސްތާޛް އަޙްމަދު ފާއިޒު ޙުސައިން
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މިހާލަތުގައިވެސް، އެޗްޕީއޭ އަށް ދަޢުލަތުގެ ބާރުތަކުގެ މައްޗަށް ބަސް ނުކިޔޭނެ ކަމަށާއި، ދައުލަތް ހުއްޓުމަކަށް ނާންނާނެ ކަމަށް ފެހި ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ އައްޔަންކުރި ދާއިމީ ސުޕްރީމްކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު ފާއިޒު ޙުސައިން ވިދާޅުވެއްޖެއެވެ.

އުސްތާޛު ފާއިޒު ގެ ފޭސްބުކް ޕޭޖްގައި މިއަދު ޝެއަރ ކޮށްފައިވާ ޕޯސްޓެއްގައިވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކުރެވިދާނެ ދެގޮތެއް ރާއްޖޭގެ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ކަމަށާއި، އޭގެތެރެއިން އެއްވެސް ޙާލަތެއްގައި ދަޢުލަތް ހުއްޓުމަކަށް ނާންނާނެ ކަމަށެވެ.

އެގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކުރެވިދާނެ ދެގޮތަކީ؛ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީން ދީފައިވާ ދުސްތޫރީބާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާ ސިއްހީކުއްލި ނުރައްކަލުގެ ހާލަތާއި އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލްގެ ލަފާގެމަތީން މިނިސްޓަރ އޮފް ހެލްތު އިއުލާނުކުރައްވާ ސިއްހީކުއްލި ނުރައްކަލުގެ ހާލަތު ކަމަށް ފާއިޒް ވަނީ ވިދާޅުވެފައެވެ.

ރަައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ އިތުރުން ސަރުކާރުގެވެސް އެންމެ އިސްވެރިޔާކަން ފާހަގަ ކުރަށްވާ ފާއިޒް ވިދާޅުވީ، މި ދެ ހައިސިއްޔަތުން، ޤާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާ ސިއްހީކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ބަސްވިދާޅުވެ ގޮތް ކަނޑައެޅުއްވުމުގެ ބާރު ރައީސަކަށްވެސް ލިބިވަޑައި ނުގަންނަވާނެ ކަމަށެވެ. ހަމައެގޮތަށް، އެހާލަތުގައި ސުޕްރީމް ކޯޓުގެ މައްޗަށް ބަސްވިދާޅުވެ ގޮތް ކަނޑައެޅުއްވުމުގެ ބާރުވެސް ރައީސަށް ލިބިވަޑައި ނުގަންނަވާނެ ކަމަށް ފާއިޒު ވިދާޅުވެފައި ވެއެވެ.

އަދި ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ދުސްތޫރީ މި މުއައްސަސާތައް، ކުއްލި ހާލަތު މެދުވެރިވުމުގެ ކުރިން ހިނގަމުންއައި ގޮތަށް މަސައްކަތުގައި ދެމިއޮންނާނެ ކަމަށް ފާއިޒު ވަނީ ވިދާޅުވެފައެވެ.

ފާއިޒް ވިދާޅުވީ ރާއްޖޭގައި މިވަގުތު މިއޮތީ މިނިސްޓަރ އޮފް ހެލްތް އިއުލާނު ކުރައްވާފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށާއި، ހެލްތު ޕްރޮޓެކްޝަންގެ އެޖެންސީގެ ޑިރެކްޓަރ ޖެނެރަލްގެ ލަފާގެމަތީން މިނިސްޓަރ އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، ބައެއް އަސާސީ ޙައްޤުތައް ހިފެހެެއްޓުމުގެބާރު ދީފައިވާ ކަމަށާއި، ޤާނޫނުއަސާސީގައި ދުސްތޫރީ އުޞޫލުތަކެއް އެކަމަށް ކަނޑައަޅާފައިވާކަމަށެވެ.

އެގޮތުން އާއްމު ޚިދުމަތްދޭ ތަންތަނާއި އެއާރޕޯޓު، ސްކޫލު ފަދަ ތަންތަން ބަންދުކުރުމާއި މިންގަނޑު ކަނޑައެޅުމުގެބާރު އެޗްޕީއޭ އަށާއި މިނިސްޓަރއަށް ލިބިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ރައީސުލްޖުމްހޫރިއްޔާއަށް އެންގުމުގެ ބާރު މިނިސްޓަރަށް ލިބިވަޑައި ނުގަންނަވާނެ ކަމަށް ފާއިޒް ވިދާޅުވިއެވެ.

އެހެން ނަމަވެސް އެޗްޕީއޭގެ އުޞޫލުތަކާ އެއްގޮތަށް ސަރުކާރު ބަންދުކުރެއްވުމަކީ ރައީސްގެ އިޚުތިޔާރީ ބާރެއް ކަމަށާއި، ހަމައެގޮތަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް އެޗްޕީއޭގެ އުޞޫލުތަކާ އެއްގޮތަށް ގެންދިއުމަކީ މަޖިލީހުގެ އިޚުތިޔާރުގައި އޮތްކަމެއް ކަމަށްވެސް ފާއިޒް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައިވާ މި ދަނޑިވަޅުގައި އެޗްޕީއޭގެ ހުއްދަނެތި ރައްޔިތުންގެ މަޖިލީހުގައި ޖަލްސާތައް ބޭއްވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބައެއް ޤާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެހެން ނަމަވެސް މިހާރު އަމަލު ކުރަމުންދާ ޒަމާނީ ޑިމޮކްރެސީ ދަންނަ ގާނޫނު އަސީގެ ދަށުން އައްޔަން ކުރި ރާއްޖޭގެ ފުރަތަމަ އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިމިވަނީ މި ޙާލަތުގައި ރައީސުލް ޖުމްހޫރިއްޔާ އާއި، ފަނޑިޔާރުގެއަށާއި، ރައްޔިތުންގެ މަޖިލީހަށް ގޮތް ކިއުމުގެ ބާރު އެޗްޕީއޭ އަށް ލިބިގެން ނުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


10

ސަމް

27-May-2020

ދެން މިސްކިއްތތަށް ބައްދު ކުރުމާ ހުޅުވުނު ގެ ބާރު ބާރު ވަނީ ކޮން ފަރާތެއްގެ ތޯ. މިސްކިތައްނުދެވޭތީ ކަރުނަ އަޅާ އެތަކެއް ޔައްޔަތުން އެބަ އުޅޭ.


18

ޒަނީނު

27-May-2020

الاستاذ احمد فائز حسين ވިދާޅުޥީ ގޮތަށް ތާއީދު ކުރެވޭ ރަނގަޅު


13

މަގޭ ހިޔާލު

27-May-2020

ކަލޭވެސް ލައްކަ ކާލާފަ ހުރިހެން ހާދަ ހީވޭ. ކިހާ ހިސާބަކުން އައިސްގެން ތިއުޅެނީ. ކޮބާ ޤާނޫނު.



ފަހުގެ ލިޔުންތައް

ޓްރެންޑިން