އައްޑޫ ސިޓީ ހިތަދޫގައި ގޭދޮށު މަސް ޕްލާންޓްތައް ތައްޔާރުކޮށް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ
އައްޑޫ ސިޓީ ހިތަދޫގައި ގޭދޮށު މަސް ޕްލާންޓްތައް ތައްޔާރުކޮށް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ
އައްޑޫ ސިޓީ ހިތަދޫގައި ގޭދޮށު މަސް ޕްލާންޓްތައް ތައްޔާރުކޮށް ހިންގުމަށް އެންމެ ރަނގަޅު ހުށައެޅުމެއް ހުށައެޅި އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، އައްޑޫ ކައުންސިލާ ދެމެދު، ކަމާބެހޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި ޤާއިމުކުރެވޭ ގޭދޮށު މަސް ޕްލާންޓް ތައްޔާރުކޮށް ހިންގުމަށް އެންމެ ރަނގަޅު ހުށަހެޅުމަކަށް ހޮވިފައިވާ ފަރާތާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި އެކަމަށްޓަކައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައި ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރ، ޢަބްދުﷲ ޞާދިޤް އެވެ. އަދި އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ، އިބްރާހިމް ޚަލީލް އެވެ.

ޖުމްލަ 6،000،000 ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުއަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫޢެއް ކަމަށާއި، އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން 3،201،885ރ. ފުރަތަމަ ފޭސް ގައި އިންވެސްޓްކުރުމަށް ނިންމާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. އެ އެއްބަސްވުމުގެ ދަށުން މަސް ޕްލާންޓު 280 ދުވަހުގެ ތެރޭގައި ނިންމައި ހިންގަން ފަށަންޖެހޭނެއެވެ.

އައްޑޫގައި ގޭދޮށު މަސް ޕްލާންޓް ޤާއިމްކުރުމުގެ މި މަޝްރޫޢު އަކީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ދަށުން ދެވޭ އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެއެވެ. މި މަޝްރޫޢުގެ ދަށުން އައްޑޫސިޓީގެ ހިތަދޫ، ހުޅުދޫމީދޫ އަދި މަރަދޫގައި ގޭދޮށު މަސްޕްލާންޓްތައް ޤާޢިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢަކީ އައްޑޫސިޓީގެ އިގްތިސާދީ ތަރައްޤީއަށް މަގުފަހިކުރުމަށާއި އެ ސިޓީގެ އިޤްތިޞާދު އިތުރަށް ފުޅާކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށާއި، މި މަޝްރޫޢުން މަސް ޕްލާންޓްތައް ބަހައްޓައި، ކަނޑުމަސް ގަނެ، ޕްރޮސެސްކޮށް، އަގު އެއްކުރެވޭ ބާވަތްތައް އުފެއްދުން ހިމެނޭ ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

މި މަސްޕްލާންޓުތަކުން މަސް ކިރުމާއި، ސާފުކުރުމާއި، ފިނިކުރުމާއި. ގަނޑުކުރުމާއި، ވެކިއުމްޕެކް ކުރުމާއި، ޕެކޭޖްކުރުމާއި، ކޮލިޓީ ޓެސްޓުކުރުމާއި، ތަފާތު ވައްތަރުގެ މަސް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށާއި، މި މަސްޕްލާންޓުތައް ޤާއިމު ކުރުމުން 400 ޓަނާއި 800 ޓަނާއި ދެމެދުގެ އަދަދަކަށް މަސް ގަނެ ޕްރޮސެސް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ގޭދޮށު މަސްފެކްޓްރީ ރާއްޖޭގެ ތިން ރަށެއްގައި ގާއިމް ކުރުމަށް ދިވެހި ސަރުކާރާއި، އިންޑިއާ ސަރުކާރާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އައްޑޫސިޓީ އާއި ކ.ގާފަރު އަދި ރ. މަޑުއްވަރީގައި މަސް ޕްލާންޓްތައް އަޅާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން