އަހުމަދު ޝާހް   2 އޭޕްރީލު 2022 - 2:35
މި އަހަރުގެ މުލަ ރޯދަ ދުވަހަކީ މާދަމާ ކަމަށް އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް ކަނޑައަޅައިފިއެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ ބޭއްވި ޖަލްސާއަށް ފަހު އިއްވެވި ހަނދާބެހޭ ގަރާރުގައި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް ވަނީ އިޢުލާނު ކޮށްފައެވެ. ރާއްޖޭގެ އިތުރުން ސައުދީ އަރަބިއްޔާއިންވެސް މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ވަނީ ނިންމައިފައެވެ.

ރަމަޟާންމަހުގެ ހަނދާބެހޭ ބަޔާން އިއްވަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިއަދު އިރުއޮއްސުނުފަހުން ރާއްޖޭގެ ބައެއް ރަށްރަށަށާއި އިސްލާމީ ބައެއް ގައުމުތަކަށް 1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވެފައިވާކަމަށެވެ.

އެހެންކަމުން ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ދިވެހިރާއްޖޭގައި އަމަލުކުރާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާއަކީ 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ސަރުކާރުން ވަނީ ނިންމަވާފައެވެ.

ބަޔާން އިއްވަވަމުން އިސްލާމިކް މިނިސްޓަރ ވަނީ ރޯދަ ހިފުމަށް ފަރުވާތެރިވެ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުއްސެވުމާއި މަޣުފިރަތަށް އެދި ހެޔޮ ޢަމަލުތައް އިތުރުކުރުމަށް މަސައްކަތް ކުރުމަށް އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން